ބިންހެލުމުގައި ދިވެއްސަކަށް އަނިޔާވެގެން މިހާތަނަށް ރިޕޯޓެއް ނުކުރޭ: އެމްބަސީ

ގިނަ އަދަދަކަށް ދިވެހީން ޒިޔާރަތްކުރާ ތައިލޭންޑްގެ ވެރިރަށް ބެންކޮކަށް އައި ބާރުގަދަ ބިންހެލުމުގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއްވެގެން މިހާތަނަށް ރިޕޯޓުކޮށްފައިނުވާ ކަމަށް އެ ގައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު މެންދުރުގެ ވަގުތެއްގައި މިޔަންމާއަށް 7.7 މެގްނިޓިއުޑާއި 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާއިރު، މި ބާރުގަދަ ބިންހެލުމުގެ ސަބަބުން މިޔަންމާއާއި ތައިލެންޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެ ސަރަހައްދުގެ އެހެން ހިސާބުތަކަށް ވެސް މި ބިންހެލުމުގެ އަސަރު އިހުސާސް ކުރެވިފައިވާ ކަމަށް, އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް)އިން ވަނީ ބުނެފައެވެ. ޔޫއެސްޖީއެސްއިން ބުނީ ފުރަތަމަ ބިންހެލުން އައިސްފައިވަނީ މިއަދު މެންދުރު 12:50 ހާއިރު ސަގައިން ސިޓީގެ ހުޅަނގު އުތުރުން 16 ކިލޯމީޓަރު ދުރުން 10 ކިލޯމީޓަރު އަޑިއަށް ކަމަށެވެ. މި ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ބެންކޮކުގެ މެދުތެރޭގެ އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ ސަރަހައްދެކެވެ. ބެންކޮކަށް އައި ބިންހެލުމުގައި އިމާރާތެއް ބިމާހަމަވެފައި: އެއްވެސް ދިވެއްސަކަށް އަނިޔާވެފައިނުވާ ކަމަށް އެމްބަސީން ބުނޭ -- ފޮޓޯ/ އޭއެފްޕީ 'ސަން'އާ ވާހަކަދައްކަވަމުން އެ ގައުމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ވިދާޅުވީ، މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާވެގެން ރިޕޯޓުކޮށްފައިނުވާ ކަމަށެވެ. އަދި، އެމްބަސީން ވެސް އެ ގައުމުގައި އުޅޭ ހުރިހާ ދިވެހީންނާ ގުޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. "އަދި އެއްވެސް ދިވެއްސެއްގެ ފަރާތުން އެއްވެސް އަނިޔާއެއް ލިބުނު ވާހަކައެއް ނޫނިއްޔާ އެހެން ވެސް އެ ކަހަލަ ހިތާމަވެރި ވާހަކައެއް ނުލިބޭ،" ފުއާދު ވިދާޅުވިއެވެ. ބެންކޮކްގައި ތިބި ދިވެހީންގެ ސީދާ އަދަދެއް ކަނޑައެޅިގެން ނޭނގުނު ނަމަވެސް ފުއާދު ވިދާޅުވީ ގާތްގަނޑަކަށް 150 އެއްހައި ދިވެހިން އުޅޭނެ ކަމަށް ލަފައިކުރެވޭ ކަމަށެވެ. "ގިނަ ދުވަހު ދާއިމީކޮށް ތިއްބަވާ ބޭފުޅުން ނޫނީ ރަޖިސްޓްރީއެއް ނުކުރައްވާ. އެ ގޮތަށް ދާއިމީކޮށް ދިރިއުޅުއްވާ ބޭފުޅުންގެ ތެރެއިން ވެސް ބައެއް ބޭފުޅުން ރަޖިސްޓްރީކުރައްވަނީ އަޅުގަނޑުމެންގެ އެމްބަސީގައި،" އޭނާ ވިދާޅުވިއެވެ. ބެންކޮކަށް އައި ބިންހެލުމާ ގުޅިގެން ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދަނީ -- ފޮޓޯ/ އޭއެފްޕީ އޭނާ ވިދާޅުވީ، އެއްވެސް ދިވެއްސަކަށް އެއްވެސް އަނިޔާއެއް ނުވަތަ ތަކުލީފެއް ލިބިފައިނުވާކަން އެމަބްސީން ކަށަވަރުކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ބެންކޮކްގެ ގާތްގަނޑަކަށް ހުރިހާ ހިސާބަކަށް ވެސް ބިންހެލުމުގެ އަސަރުކުރި ކަމަށެވެ. ބިންހެލުން އައުމާ ގުޅިގެން އެންމެން ވެސް މި ވަގުތު ތިބީ މަގުމަތީގައި ކަމަށާއި އެހެންނަމަވެސް އިމާރާތްތައް ބަލައި ފާސްކުރުމަށް ފަހު ބައެއް އިމާރާތްތަކަށް ވަނުމުގެ ހުއްދަ މަޑުމަޑުން ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ފުއާދު ވިދާޅުވީ، އެ ގައުމުގެ ސަރުކާރުން ވެސް މިހާރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ކަމަށާއި އެހެންވެ، ދިވެއްސަކަށް އަނިޔާއެއް ވެގެން ރިޕޯޓުކޮށްފި ހާލަތެއްގައި ވަގުތުން އެޓެންޑްވެވޭނެ ކަމަށެވެ. ބެންކޮކުގެ ބައެއް އިމާރާތްތައް ވެއްޓި, އެ އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައިވާ ކަމަށް ވެސް އަލްޖަޒީރާއިން ރިޕޯޓް ކުރެއެވެ. މި ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އަދި ސާފެއް ނުވެއެވެ. މި ބެންހެލުމާ ގުޅިގެން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ