ގިނަ ބައަކު އެމީހުންގެ ދަރިންނަށް ތަޖުވީދުމަގުން ރިވެތި ރާގުތަކަށް ޤުރްއާން ކިޔަވަން ދަސްކޮށްދޭން ވަރަށް ބުރަކޮށް މަސައްކަތްކުރެއެވެ. އަތުގައި ނެތް ފެންވަރުން ހޭދަކުރަންޖެހޭއިރުވެސްމެއެވެ. އަނެއް ބައަކު އެކަމަށް އެހައި ބޮޑު ސަމާލުކަމެއް ނުދެއެވެ.
ސުވާލަކީ ތިބާގެ ދަރިފުޅުގެ ނަން ﷲ ތަޢާލާ ވަޙީ ކުރެއްވެވުމުގެ ފުރުޞަތު އޮތް ކަމެއް ހާޞިލުކުރަން ކުރަންޖެހޭ މަސައްކަތަށާ ހޭދައަށް ބަލާނަން ހެއްޔެވެ؟
ތިރީގައިވާ ލިޔުން ވިދާޅުވެލައްވައި ސުވާލަށް ޖަވާބުދެއްވަން ވިސްނަވައިލައްވާށެވެ!
އެންމެ ހެޔޮ ބަހަކީ ﷲ ގެ ބަސްފުޅެވެ. ޤުރުއާނަކީ ﷲ ގެ ބަސްފުޅެވެ. އަދި މުއުމިނުންގެ ދުސްތޫރެވެ. އަދި ތަޤުވާވެރިންގެ ރޫޙީ ޣިޛާއެވެ. އަދި ޢާލަމްތަކުގެ ހިދާޔަތެވެ. އަދި އަޅުތަކުން އުޅެންވީ ގޮތުގެ އިލާހީ ޤާނޫނެވެ. ޤުރުއާން ކިޔެވުމަކީ އަޅުކަމެކެވެ. އަދި ކިޔަވައިދިނުމަކީވެސް އަޅުކަމެކެވެ. ޤުރުއާނުގެ ޢިލްމު ލިބިއްޖެ މީހާ ދަންނައެވެ. ފަހެ އޭނާއަށް ދެދުނިޔެ ބާއްޖަވެރިވެއްޖެކަން ކަށަވަރެވެ. އަދި އޭގެ ޢިލްމުން މަޙްރޫމް ވެއްޖެ މީހާ ދަންނައެވެ. ފަހެ އެތައް ހެވަކުން އޭނާ މަޙްރޫމްވެއްޖެކަން ކަށަވަރެވެ.
މާތްﷲ ރުއްސުންލެއްވި ޢުޘްމާނުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلّى الله عليه وسلّم، حديث ފުޅުކުރެއްވިއެވެ.
” خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ ” (رواه البخاري)
މާނައީ: ” ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ ޤުރުއާން އުނގެނި އެޤުރުއާން އުނގަންނައިދޭ މީހާއެވެ.”
ފަޚުރުވެރިވުމެއް ނެތި ޤުރުއާން ރީތިކޮށް ކިޔެވުމަށާއި ތަޖުވީދަށް ކިޔެވުމަށް رسول الله صلّى الله عليه وسلّم ވަރަށް ބާރު އަޅުއްވާފައިވެއެވެ. މާތްﷲ ރުއްސުންލެއްވި أُبَيُّ بن كَعْب އަކީ ޞަޙާބީންގެ ތެރޭގައި ހުންނެވި އެންމެ މަޝްހޫރު ޤާރީއެވެ. އެއްދުވަކު އެކަލޭގެފާނަށް رسول الله صلّى الله عليه وسلّم، حديث ފުޅު ކުރެއްވިއެވެ.
” ހަމަކަށަވަރުން الله تعالى، ތިބާގެ ކުރިމަތީގައި ޤުރުއާން ކިޔަވައި ވިދާޅުވުމަށް ތިމަންކަލޭގެފާނަށް އަމުރުކުރައްވައިފިއެވެ. أبيّ بن كعب ވިދާޅުވިއެވެ. الله تعالى ހަމަ އަހުރެންގެ ނަންގެންނެވިތޯއެވެ؟ ޙަދީޘްފުޅުކުރެއްވިއެވެ. އާއެކެވެ. أبيّ بن كعب ވިދާޅުވިއެވެ. ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އަހުރެންގެ ނަން ހަމަ ޛިކުރުކުރެވިއްޖެތޯއެވެ؟ ޙަދީޘްފުޅުކުރެއްވިއެވެ. އާއެކެވެ. އެހިނދު أبيّ އެކަމަށް އުފާފުޅު ކުރައްވާ ދެލޯފުޅުން ކަރުނަ އެޅުއްވިއެވެ."
އެހެން ރިވާޔަތެއްގައި ވެއެވެ.
” އެހިނދު އެކަލޭގެފާނު އެކަމަށް އުފާފުޅު ކުރައްވާ ކީރިތިކުރައްވަން ފެއްޓެވިއެވެ." (متّفق عليه)
އިސްވެދިޔަ ޙަދީޘްފުޅު، ރީތިކޮށް ޤުރުއާން ކިޔެވުމުގެ މާތްކަމުގެ މައްޗަށް އިޝާރަތް ކުރެއެވެ. ފަހެ ޤުރުއާން ކިޔެވުމުގެ މާހިރުކަން ޙާޞިލްކުރުން މުސްތަޙައްބު ވެގެންވެއެވެ. ނަމަވެސް ދެއްކުންތެރިކަމެއް އަދި ފަޚުރުވެރިވުމެއް އެކަމުގައި ނުވާނަމައެވެ.
رسول الله صلّى الله عليه وسلّم، حديث ފުޅު ކުރައްވާފައިވެއެވެ.
” الماَهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ " (متّفق عليه)
މާނައީ: ” ޤުރުއާން ކިޔެވުމުގައި މާހިރުމީހާ ވާހުށީ ވަޙީ ލިޔުއްވާ މާތް މަލާއިކަތުންނާ އެކުގައެވެ."
ރީތިކޮށް ރާގުގައި ޤުރުއާން ކިޔެވުމަކީ ޤުރުއާނުގެ އަޘަރު އިތުރު ކޮށްދޭ ކަމެކެވެ. ނަމަވެސް ރާގުގައި ކިޔަވާއިރު ނަފްސަށް ތަކުލީފު ދީގެން ކިޔެވުން ރަނގަޅުވެގެން ނުވެއެވެ. ކީރިތި ޤުރުއާނަކީ ﷲ ގެ ކަލާމްފުޅެވެ. އެކަލާނގެ ކަލާމްފުޅު ރިވެތިކޮށް، ތަޖުވީދުގެ މަގުން، ތަރުތީލުކޮށް ކިޔެވެނިކޮށް އަޑުއެއްސެވުމަށް އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ.
رسول الله صلّى الله عليه وسلّم، حديث ފުޅުކުރައްވާފައިވެއެވެ.
” ماَ أَذِنَ اللهُ لِشَيْءٍ ماَ أَذِنَ لِنَبِيٍّ يَتَغَنَّى بِالْقُرْآنِ ” (متّفق عليه)
މާނައީ: ” الله تعالى،އެކަލާނގެ ނަބިއްޔާ ރާގުގައި ޤުރުއާން ކިޔަވައި ވިދާޅުވަނިކޮށް ޝައުޤުވެރިކަމާއެކު އައްސަވައިވޮޑިގެންވާވަރަކަށް އެހެންއެއްޗަކަށް ޝައުޤުވެރިކަމާއެކު އައްސަވައިވޮޑިނުގަންނަވައެވެ."
ޤުރުއާން ކިޔަވާއިރު ރާގެއްނެތިއްޖެނަމަ ޤުރުއާނުން، މީސްތަކުންގެ ހިތްތަކަށް ކުރަންޖެހޭ ފުރިހަމަ އަޘަރެއް ނުކުރާނެއެވެ. އެއާޚިލާފަށް ތަޖުވީދުގެ މަގުން ތަރުތީލުކޮށް ރީތި ރާގެއްގައި ޤުރުއާން ކިޔަވައިފިނަމަ މީސްތަކުންގެ ހިތްތަކަށް ފުރިހަމައަށް އަޘަރުކުރާނެއެވެ. ޤުރުއާން، ރިވެތިކޮށް ރާގުގައި ކިޔެވުމަށް رسول الله صلّى الله عليه وسلّم ވަރަށް ބާރުއަޅުއްވާފައި ވެއެވެ.
އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ.
” لَيْسَ مِنَّا مَنْ لَمْ يَتَغَنَّ بِالْقُرْآنِ " (رواه البخاري)
މާނައީ: ” ރިވެތިކޮށް ރާގުގައި ޤުރުއާން ނުކިޔަވާ މީހާ ފަހެ އަހުރެމެންގެ ތެރެއިން ނުވެއެވެ.
" މަޞްދަރު: ނަބިއްޔުންގެ ތަރިކަ
- މަސްދަރު: ދިސަލަފިއްޔާ
ތިބާގެ ދަރިފުޅުގެ ނަން ﷲ ތަޢާލާ ވަޙީ ކުރެއްވެވުމުގެ ފުރުޞަތު އޮތް ކަމެއް ހާޞިލުކުރަން ކުރަންޖެހޭ މަސައްކަތަށާ ހޭދައަށް ބަލާނަން ހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ