މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރުން ސަސްޕެންޑްކުރިތާ 1 މަސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މުއްދަތެއް ނެތް ގޮތަށް ތިން ފަނޑިޔާރަކު ސަސްޕެންޑްކުރިތާ އެއް މަސްދުވަސް ވެއްޖެ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މިދިޔަ މަހު 26ގަ އެވެ.
ވީ ކިހިނެއް؟ - ތިން ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު، މި މަހު 4ގައި އިސްތިއުފާ ދެއްވި އެވެ. ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މަގާމުން އިސްތިއުފާ ނުދެއްވާއިރު އަދިވެސް ތިއްބެވީ ސަސްޕެންޝަނުގަ އެވެ.
މަހާޒާއި އަޒްްމިރަލްދާގެ ދެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެއީ:
އަޒްމިރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީންތަކަކަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް
ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނެ، އެ ތަނުގައި އަޒްމިރަލްދާ އާއި މަހާޒު އިންނެވީތީ އެ މައްސަލަ ބެލުން
މި ދެ މައްސަލާގައި ވެސް ޖޭއެސްސީއަށް ހާޒިރުކޮށް ފަނޑިޔާރުންގެ ބަޔާން ވަނީ ނަގައިފަ އެވެ. ބަންދު އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގުގެ ފުރަތަމަ ރިޕޯޓް ވެސް ފަނޑިޔާރުންނަށް ވަނީ ދީފަ އެވެ.
ބަންދު އަމުރަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ ބަލަމުންނެވެ. ކްރިމިނަލް ކޯޓުގެ ތިން ގާޒީއެއްގެ ބަޔާން ވެސް އެ ކޮމިޝަނަށް ވަނީ ނަގައިފަ އެވެ. އެކަމަކު އަދި މަހާޒާއި އަޒްމިރަލްދާ ހާޒިރުވާކަށް ނާންގަ އެވެ.
ފާހަގަކޮށްލެވޭ - މި ދެ މައްސަލައިގެ ދިފާއުގައި އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސްބަޔާން ނެރުއްވާތީ ވެސް ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައި، އޭގެ ނޯޓިސް ފަނޑިޔާރަށް ވަނީ ފޮނުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ