1446 ވަނަ ޝައްވާލް މަހުގެ ހަނދާ ބެހޭގޮތުން ގޮތެއް ނިންމެންދެން އާންމު އުސޫލުން ތަރާވީހް ނަމާދު ކުރިއަށްގެންދާނެ ކަމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިރޭ ތަރާވީހް ނަމާދުކުރުމާ ބެހޭގޮތުން އާންމުންގެ ފަރާތުން ގިނަ ސުވާލުތައް ކުރަމުންދާތީ، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ހަނދާ ބެހޭ ގޮތުން ވަކި ގޮތެއް ކަނޑައަޅައި އިޢުލާން ކުރަންދެން އާންމު އުސޫލުން ތަރާވީޙް ނަމާދު ކުރިއަށް ގެންދަންވާނެ ކަމަށެވެ.
މި މައްސަލަ މިހާ ބޮޑަށް ސަމާލުކަމަށް އައިސްފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމްއެންޔޫގެ ކުރީގެ ޗާންސެލަރ ޑރ. ހަސަން ހަމީދާ ދެމެދު ފިތުރު އީދު ދުވަހާ މެދު ހިޔާލު ތަފާތުވުމެއް އުފެދުމާ ގުޅިގެންނެވެ. ރައީސް މައުމޫން ވިދާޅުވެފައިވަނީ އީދު ދުވަހަކީ މާދަމާ ކަމަށް ވާއިރު، ޑރ. ހަމީދު ވިދާޅުވެފައިވަނީ އީދަކީ ހޯމަ ދުވަސް ކަމަށެވެ.
ކަލަންޑަރުގައި ވެސް ފާހަގަކޮށްފައިވާ ގޮތުގައި ފިތުރު އީދަކީ ހޯމަ ދުވަހެވެ. މި މައްސަލައިގައި ދެ ފަރާތުން ތަފާތު ރައުޔު ފާޅުކުރުމާ ގުޅިގެން އާންމުންގެ މެދުގައި ވެސް ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.
އިސްލާމިކް މިނިސްޓްރީން މި މައްސަލައިގައި ރަސްމީ ގޮތެއް ނިންމުމަށް މަސައްކަތް ކުރަމުންދާއިރު، އެ ނިންމުމެއް އިއުލާންކުރަންދެން އާންމު އުސޫލުން ތަރާވީހް ނަމާދު ކުރިއަށް ގެންދިއުމަށް ވަޒީރު އަންގަވާފައިވެއެވެ.
ހަނދާ ބެހޭ ގޮތުން ވަކި ގޮތެއް ކަނޑައަޅައި އިޢުލާން ކުރަންދެން ތަރާވީހް ނަމާދު ކުރިއަށްގެންދާނެ: ޑރ.ޝަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ