އީރާނަށް ހަމަލާދިނުމާމެދު އަދި ވަކި ގޮތެއް ނުނިންމަން: ޓްރަމްޕް
އިސްރާއީލާއި އީރާނާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި، އީރާނަށް ހަމަލާދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ރުހުން ދިން ނަމަވެސް އެކަމުގައި އަދި ވަކި ގޮތެއް ނިންމަވާނީ އީރާނުން ނިއްކްލިއާ އެއްބަސްވުމުގެ މަޝްވަރާތައް ކުރަން ތައްޔާރުތޯ ބެއްލެވުމަށްފަހު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް އެގޮތަށް ވިދާޅުވެފައި ވަނީ ގައުމީ ސަލާމަތީ ޓީމާއެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ. އޭބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ޓީމުން ވަނީ ހަނގުރާމައިގެ ތެރެއަށް ވަންނާނެ ގިނަ ގޮތްތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި އެމެރިކާގެ އަސްކަރީ އެސެޓްތައް ބޭނުންކޮށްގެން އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާދިނުން ހިމެނެއެވެ. އޭބީސީ ނޫހުން ވާހަކަ ދެއްކި ޖާސޫސީ މަސްދަރަކުން ބުނި ގޮތުގައި ޓްރަމްޕް ބޭނުންފުޅު ވަނީ އީރާނުގެ ބިމުގެ އަޑީގައި ހުރި ފޯޑޯ ނިއުކްލިއާ ޕްލާންޓް ހަލާކުކޮށްލުމަށެވެ. އެއީ ބޯ ކޮންކްރީޓުން ހިޔާކޮށްފައިވާ, އަދި ފަރުބަދައެއްގެ ތެރޭގައި ހުންނަ ތަނެކެވެ. އެކަމަށް މިހާރުވެސް ތައްޔާރުވަމުން އަންނަ ކަމަށާއި، ދޭން ރާވަފައި ވަނީ ހަމައެކަނި އެންމެ ހަމަލާއެއް ނޫން ކަމަށް އޭބީސީން ނޫހުން ބުނެފައިވެއެވެ. ހަމަލާ ދޭނަމަ, ހަމަލާދޭނީ އެމެރިކާގެ ބީ2 ސެޓްލް ބޮން ގޮއްވާ ބޯޓުތަކަކުންނެވެ. އެ ބޯޓުތަކަކީ އެއްފަހަރާ 30،000 ޕައުންޑު ބޮން އެޅޭ ޒާތުގެ ބޯޓުތަކެކެވެ. އީރާނަށް ހަމަލާ ދިނުމުގައި އަދި ގޮތެއް ނުނިންމަވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު، އީރާނުން އެއްވެސް ޝަރުތަކާ ނުލައި އަމާން ދިނުމަށް ވަނީ ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ