ޙަސަދަވެރި ނޫނީ ކާކުކާމެއް ނޭނގޭނެ! ބައިވެރިޔާ ކޮށްދޭ ހުރިހާ ރަނގަޅު ކަންކަމުގެ ވާހަކަ ޙިއްޞާކުރުމަކީ ދިރިއުޅުމުގަ އަމިއްލައަށް ހުޅުޖެހުން ފަދަ ކަމެއް!

ދިރިއުޅުމުގައި ސަމާލުކަން ދޭންޖެހޭ ދެކަމެއް އޮވެއެވެ. ފުރަތަމަ ކަމަކީ ދެމަފިރިން އެކަކު އަނެކަކަށް އެއްވެސް ކަމެއް ސިއްރުނުކުރުމެވެ. ކަންކަން ފަހުން ޙިއްޞާކުރަން މަޑުނުކުރުމެވެ. ސަބަބަކީ އެގޮތަށް މަޑުކޮށްގެން ހުއްޓައި ކޮންމެވެސް ގޮތަކުން ބައިވެރިޔާއަށް އެނގުމުން ކުރާ ނޭދެވޭ އަސަރު ބޮޑުވީމައެވެ. ގިނަ ފަހަރު ހިތުގައި ނުބައި ޝައްކުތައް އުފެދި އިތުބާރު ގެއްލޭތީއެވެ. އެއީ ދިރިއުޅުމުގައި ކުރިމަތިވާނެ އެންމެ ދެރަ އެއް ކަންތަކެވެ. 
ދެވަނަ ކަމަކީ ފިރިމީހާވެސް އަނބިމީހާވެސް ބައިވެރިޔާ ކޮށްދޭ ހުރިހާ ރަނގަޅު ކަންކަމުގެ ވާހަކަ މީހުންނަށް ޙިއްޞާނުކުރުމެވެ. ދިރިއުޅުމުގައި މިހާރު ކުރިމަތިވާ ކަންކަމަށްބަލާއިރު މިއޮތީ ހަސަދަވެރިން ދެނެގަންނަން މަސައްކަތްކުރަންޖެހުމުގެ ބަދަލުގައި ހަސަދަވެރި ނޫނީ ކާކުތޯ ބަލަން މަސައްކަތްކުރަންޖެހިފައެވެ. ޙަސަދަވެރިން ގިނަވީމައެވެ. އަމިއްލަ ޢާއިލާގެތެރޭގައިވެސް އަދި އެކުވެރިންގެ ތެރޭގައިވެސް އެކަން އޮތީ އެންމެ ގޯސްކޮށެވެ. އެހެންވެ އިތުބާރުކުރެވޭނެ މީހަކު ހުރިކަމަށް ބުނަން އުނދަގުލެވެ. 
ކަންކަން މިހެން ހުރުމުން ބައިވެރިޔާ ކޮށްދޭ ހުރިހާ ރަނގަޅު ކަންކަމުގެ ވާހަކަ ކިޔައިދިނުން ވެފައި މިވަނީ ދިރިއުޅުމުގައި އަމިއްލައަށް ހުޅުޖެހުން ފަދަ ނުރައްކާތެރި ކަމަކަށެވެ. ކޮންމެހެން ބުނަން ބޭނުންވެއްޖެނަމަ ވަރަށް އާދައިގެ ކުދިކުދި ކަންކަމުގެ ވާހަކަބުނާށެވެ. އަހުރެން ބުރަވާނީ ބުނަން މަޖުބޫރުވެގެން ނޫނީ އެވަރުވެސް ނުބުނުމަށެވެ.  ބައިވެރިޔާ އާއިމެދު ސުވާލުކޮށްފިނަމަ ރަނގަޅުކަމަށް ބުނެ ފުއްދައިލާށެވެ. ލޯބިވާވަރާއި ކޮށްދޭ ކަންކަމާއި އަޅައިލާވަރު ކިޔައިނުދޭށެވެ.
އަހުރެން މިވާހަކަކޮޅު މިދެއްކީ ދެމަފިރިންގެ މެދުގައި މައްސަލަޖެހިގެން ލަފާ ހޯދުމަށާއި ރުޤްޔާކުރަން އަންނަ މީހުންގެ މައްސަލަތަކަށް ބަލައިފައެވެ. ގިނައީ އެންމެ މައްޗަށް އެސްފީނާ ޖެހިފައިތިބޭ މީހުން ކަމަށްވާތީއެވެ.
 
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ