8 ބިލިއަން ޑޮލަރު އިންވެސްޓް ކުރަން އައި، އެމްބީއެސްއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުދިން
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ އެކު ހެދި އެއްބަސްވުމުގެ މައުލޫމާތުތައް ދެވެން ނެތް ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު އަންގައިފިއެވެ. އެ މަޝްރޫއަށް އެމްބީއެސްއާ އެކު ސަރުކާރުން ފަހުމުނާމާއެއްގައި ސޮއިކޮށް، އެ ތަނުގެ ބިންގާ އެޅީ މިދިޔަ މަހު ފަސްވަނަ ދުވަހެވެ. އެ ބިޔަ މަޝްރޫއު ހިންގަން ހަވާލުކުރި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު، މަޝްރޫއު އިއުލާނުކުރިއިރު އެ ކުންފުނީގެ ރަޖިސްޓްރީ ވެސް އޮތީ މުއްދަތު ހަމަވެފައެވެ. އެހެންވެ، އެ ކުންފުންޏާ އެކު ހެދި އެއްބަސްވުމާއި އެ ކުންފުންޏާ ގުޅޭ ގޮތުން ހޯދި ހޯދުންތަކާ ގުޅޭ ގިނަ ކަންތައްތަކެއް ހޯދަން 'ސަން'އިން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިފައެވެ. https://sun.mv/205679 އެ ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ފޮނުވި ޖަވާބުގައި ވަނީ އެމްބީއެސްއާ އެކު ހެދި އެއްބަސްވުމާއި އެ ކުންފުންޏާ އެކު އެއްބަސްވުން ހެދުމުގެ ކުރިން އެ ކުންފުންޏާ ގުޅޭ ގޮތުން ހޯދި ހޯދުންތަކަކީ ވެސް ހާމަކުރެވޭނެ މައުލޫމާތެއް ނޫން ކަމަށް ނިންމައިފައެވެ. އެ ގޮތުން، ނުދޭން ނިންމި މައުލޫމާތަކަކީ: އެމްބީއެސްއާ އެކު ހެދި އެއްބަސްވުން އެމްބީއެސްއާއި އެ ކުންފުނީގެ ވެރިންނާ ބެހޭ ގޮތުން ސަރުކާރުން ހޯދި ހޯދުންތައް އެމްބީއެސްގެ ވިޔަފާރި ރަޖިސްޓްރޭޝަނާއި ލައިސަންސް އަދި އޮޑިޓެއް ހުށަހަޅާފައިވޭތޯ މި މަޝްރޫއާ ގުޅޭ ގޮތުން ކެބިނެޓުން އެއްވެސް ނިންމި ނިންމުންތައް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެމްބީއެސްއާ އެކު ބޭއްވި ބައްދަލުވުންތަކުގެ ތަފުސީލުތައް މި އެއްބަސްވުމާ ގުޅިގެން އެއްވެސް ސޮވެރިން ގެރެންޓީއެއް ދީފައިނުވާނެ ކަމަށާއި ލޯނެއް ވެސް ނަގާފައިނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއު ގެންނަން މަސައްކަތްކުރީ ފިނޭންސް މިނިސްޓްރީގެ ޓެކްނިކަލް މުވައްޒަފުންނާއި ސަރުކާރުގެ ކަމާ ގުޅުންހުރި އެހެން އިދާރާތަކުގެ މުވައްޒަފުންނެވެ. އެމްއައިއެފްސީގެ ކުރެހުމެއް: މިއީ 8.8 ބިލިއަން ޑޮލަރުގެ މަޝްރޫއެއް -- ފޮޓޯ/ ރައީސް އޮފީސް އެ ކުންފުންޏާ ގުޅޭ ގޮތުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އެ ކުންފުނިން ވިޔަފާރި ރަޖިސްޓްރީކޮށްފައި އޮތީ ޔޫއޭއީގައެވެ. އެކަން ކުރީ ނޮވެންބަރު 15، 2022 ގައެވެ. އެ ކުންފުނިން ލީގަކް އެންޓިޓީ އައިޑެންޓިފަޔާ (އެލްއީއައި) ހޯދީ ޖަނަވަރީ 17، 2024 ގައެވެ. އެއީ، މާލީ މުއާމަލާތްތައް ހިންގާ ބައިނަލްއަގުވާމީ ކުންފުނިތަކުން ރަޖިސްޓްރީކުރަންޖެހޭ އެއްޗެކެވެ. އެ ރަޖިސްޓްރީ ވެސް މި އަހަރުގެ ޖަނަވަރީގައި އޮތީ މުއްދަތު ހަމަވެފައެވެ. އެ ފަދަ ލިޔެކިޔުންތައް ހުރިތޯ ޔަގީންކުރަން ބޭނުންކުރާ އެންމެ އިތުބާރު ހުރި މަސްދަރުތަކުން އެކަން ޔަގީންވެއެވެ. އެމްއައިއެފްސީގެ ކުރެހުމެއް: މި މަޝްރޫއަށް ސޮއިކުރީ އެމްބީއެސްއާ އެކު -- ފޮޓޯ/ ރައީސް އޮފީސް އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ވެބްސައިޓުގައި ވާގޮތުން އެ ކުންފުނިން ހަތަރު ގައުމެއްގައި 14 ބިލިއަން ޑޮލަރުގެ މުދަލާއި އިންވެސްޓްމަންޓް ހިންގައެވެ. އެކަމަކު، އެހެން ބުނުން ފިޔަވާ އިތުރު އެއްވެސް ހެއްކެއް ނެތެވެ. ހަމައެކަނި އޮތީ އެ މީހުން ބުނާ ބުނުމެކެވެ. ނިންމި އެއްވެސް މަޝްރޫއެއްގެ ލިޔެކިޔުމެއް ފެންނާކަށް ނެތެވެ. އެ ކުންފުނީގެ ރަސްމީ ވެބްސައިޓުގައި ބުނާ ގޮތުން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ނުވަތަ ސީއެފްއޯއަކީ ނިކް ތާލޯއެވެ. އޭނާއަކީ ފިލްމު ޕްރޮޑިއުސަރެކެވެ. މާލީ ދާއިރާގެ ތަޖުރިބާކާރެއް ނޫނެވެ. ނިކްގެ ފިލްމުތަކުގެ ތެރޭގައި 2020 ވަނަ އަހަރު ރިލީޒްކުރި 'ވަން ނޭޝަން އަންޑާ ގޯޑް' އާއި 2019 ވަނަ އަހަރު ރިލީޒްކުރި 'ކިޑް' ހިމެނެއެވެ. ޖުމުލަ 70 އަށްވުރެ ގިނަ ފިލްމުގައި އޭނާ މަސައްކަތްކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ