އެމްޕީ މުހައްމަދު އިސްމާއީލްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ބާތިލުކޮށްފި
ދެހާސް ބާވީސް ވަނަ އަހަރު ޖޫން މަހުގެ 21ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި މިހާރުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމުގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ބާތިލުކޮށްފިއެވެ. މިކަމާ ގުޅިގެން މިއަދު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރި އިއުލާނެއްގައި ވަނީ، ޔޯގާޑޭގެ ހަމަނުޖެހުމާ ގުޅިގެން ކޮށްފައިވާ ދައުވާތައް މުރާޖާކޮށްދިނުމަށް, ދައުވާ އުފުލާފައިވާ ބައެއް މީހުންގެ ފަރާތުން ހުށަހަޅައިފައި ވާކަމަށެވެ. އޭގެތެރޭގައި މުހައްމަދު އިސްމާއީލް ވެސް ހިމެނޭކަން ޕީޖީ އޮފީހުން ވަނީ "ސަން"އަށް ކަށަވަރުކޮށްދީފައެވެ. އެހެންކަމުން އެ ދައުވާތައް މުރާޖާކުރުމަށް ފަހު، ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ މީހުން ފިޔަވާ، އެހެންމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާކަމަށް އެ އިއުލާނުގައި ވެއެވެ. އަދި، މި މައްސަލައިގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައި ވާކަމަށް ވެސް އެ އިއުލާނުގައި ވެއެވެ. މީގެ އިތުރުން ޕީޖީ އޮފީހުން ބުނީ، ޔޯގާ ދުވަހުގެ މައްސަލައާ ގުޅިގެން ދެން ކޯޓުގައި ކުރިއަށް ގެންދާނީ އެ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދިނުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެއްކާއި ގަރީނާ ލިބިފައިވާ މީހުންގެ މައްސަލަ ކަމަށެވެ. އެމީހުންގެ މައްޗަށް ކޮށްފައި ވަނީ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ. ޔޯގާ ހަމަނުޖެހުމާ ގުޅިގެން މުޙައްމަދު އިސްމާޢީލްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމުގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ، 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. https://sun.mv/168825 މި މައްސަލައިގައި، މުހައްމަދު އިސްމާއީލްގެ މައްޗަށް ކުރަނީ ގަލޮޅު ދަނޑަށް ގަދަކަމުން ވަދެގަނެ އެތާ ތިބި މީހުންނަށް ހަމަލާ ދިނުމުގެ ތުހުމަތެވެ. މިކަމާ ގުޅިގެން މުހައްމަދު އިސްމާއީލް އިއްޔެ ވަނީ އެކްސްގައި ޕޯސްޓެއް ވެސް ކޮށްފައެވެ. އެ ޕޯސްޓުގައި ވަނީ، ޔޯގާ ދުވަހުގެ މައްސަލައަކީ އޭނާއާ އެއްވެސް ގުޅުމެއް އޮތް މައްސަލައެއް ނޫން ކަމަށެވެ. "100 ޕަސަންޓު މަގޭ މައްޗަށް ތިކަން ސާބިތެއް ނުވާނެ. ތިކަމަކީ މިހާރުގެ ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އިސްމާއީލް ނަވީނާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލުސް (އޭސީޕީ) މުހައްމަދު ރިޔާޒް އެމްޑީޕީގެ އިސްވެރިން އަންގައިގެން ބިރުދައްކަން ހިންގާފައި އޮތް ޖަރީމާއެއް،" އެ ޕޯސްޓުގައި ވެއެވެ. https://x.com/MPMohdIsmail/status/1933959652125139404 ޕީޖީގެ މި ނިންމުމާ ގުޅީގެން މި މައްސަލައިގައި ޝެއިހު ފަޒްލޫން މުހައްމަދާއި އާދަމް ނިޝާންގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާ ވެސް ބާތިލު ވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ