މޯލްޑިވިއަން އިން ވައިޑް ބޮޑީ މަތިންދާބޯޓު ހޯދުމަށް އަލުން އިޢުލާންކޮށްފި
ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓު ހޯދުމަށް އަލުން އިޢުލާންކޮށްފިއެވެ. މިއީ މީގެ ކުރިން މިކަމަށް ކުރި އިޢުލާން ބާޠިލްކުރުމަށްފަހު ދެވަނަ ފަހަރަށް ކުރި އިޢުލާނެވެ. މޯލްޑިވިއަން އިން މި އިޢުލާން ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހު ކުރި އިޢުލާން ބާޠިލްކުރުމަށްފަހުގައެވެ. މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން، މޯލްޑިވިއަން އިން ބުނެފައިވަނީ މަތިންދާބޯޓު ހޯދުމަށް އަލުން އިޢުލާންކޮށްފައިވަނީ މިހާރު ލިބިފައިވާ ހުށަހެޅުންތަކުގެ އިތުރަށް، މިކަމަށް ޝައުޤުވެރިވާ އެހެން ފަރާތްތަކެއް ހޯދުމަށް ކަމަށެވެ. ޤައުމީ އެއަރލައިން ހިންގާ އައިލޭންޑް އެވިއޭޝަނަށް ވައިޑް ބޮޑީ ދެވަނަ މަތިންދާބޯޓު ފޯރުކޮށްދިނުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މިކަމަށް ކަނޑައަޅާފައިވާ ސުންގަޑިއަކީ މިމަހުގެ 26 ވަނަ ދުވަހެވެ. މޯލްޑިވިއަން އިން ހޯދަން އިޢުލާންކޮށްފައިވަނީ މިހާރުވެސް ބޭނުންކުރަމުން އަންނަ އެއަރބަސް އޭ330-200 މާކާގެ މަތިންދާބޯޓެކެވެ. އަދި މި މަތިންދާބޯޓު ކުއްޔަށް ނަގާނީ 5 އަހަރު ދުވަހުގެ މުއްދަތަށް ކަމަށްވެސް އެކަމާ ގުޅޭ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ. މި އައު ވައިޑް ބޮޑީ މަތިންދާބޯޓާއެކު ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށާއި، ދަތުރުފަތުރުގެ ނިޒާމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ