ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަމާލަތްތެރިކަން ކަށަވަރުކުރުމަށް ތުރުކީ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ޑޯގަން ކްލާސްގެ މަނަވަރެއް ހަދިޔާކުރަން ނިންމައިފިއެވެ.
ޑިފެންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ގައުމީ ދިފާއީ ބާރުގެ ކޯސްޓު ގާޑް ދެގުނަ ކުރައްވައި، ގާބިލުކަން އިތުރުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ރަހުމަތްތެރި ގައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ލިބިގެންދާ މަނަވަރެއްކަމަށެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި، މި އުޅަނދު ތައާރަފުވުމަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި، ބައިނަލްއަގްވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމަށް ލިބޭ ބޮޑު އެހީއެއްކަމަށެވެ.
މިއީ އެ މަސައްކަތުގައި ދިވެހި ސިފައިންނަކީ ގާބިލު ބަޔަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ.މުހައްމަދު މުޢިއްޒު ކަނޑައަޅުއްވާފަވާ ލަނޑުދަނޑިއަށް ވާސިލވުމަށް ނެގުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް މިނިސްޓްރީން ބުންޏެވެ.
މި އުޅަނދު ދިވެހިރާއްޖެއަށް ގެނެސް، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހިދުމަތަށް ނެރެ، އޮޕަރޭޓްކުރުމަށް ތައްޔާރުވުމުގެ ގޮތުން، ތުރުކީ ވިލާތުގައި ދިވެހި ސިފައިންގެ ޓީމެއް ދަނީ ތަމްރީނުވަމުންނެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ސިފައިންގެ ހިދުމަތަށް އިތުރުކުރެވޭ މި ގާބިލުކަމަކީ، ގާނޫނުގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ސަރަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދާއި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބޭ ވަރަށް ވަރަށް ބޮޑު ބާރަކަށްވެގެންދާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަން ދެއްވާ އެއް ދާއިރާއަކީ މިނިވަންކަމާ ސިޔާދަތާއި އިސްތިޤުލާލު ޙިމާޔަތްކުރުމެވެ.
މަޤާމާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހުން ފައްޓަވައިގެން، މި ސިޔާސަތުތައް ތަންފީޒުކުރައްވަން ފެއްޓެވިއެވެ.
އެގޮތުން ވެރިކަމާ ހަވާލުވީތާ ގިނަ ދުވަސްތަކެއް ނުވަނީސް ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙްކޮށް، އަންމޭންޑް އޭރިއަލް ވެހިކަލް ސިފައިންގެ ހިދުމަތަށް ވަނީ ތައާރަފު ކުރައްވާފައެވެ.
ދިވެހި އަސްކަރިއްޔާއަށް ބޮޑު ކުރިއެރުމެއް، ތުރުކީން ރާއްޖެއަށް ޑޯގަން ކްލާސްގެ މަނަވަރެއް ހަދިޔާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ