ޒެކް އެފްރޮންގެ ފިލްމުގެ ބަތަލާއަކީ ޕްރިޔަންކާ
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޒެކް އެފްރޮންގެ ކުރިއަށް އޮތް ފިލްމުގެ ބަތަލާގެ ރޯލް ކުޅުމުގެ ފުރުސަތު އިންޑިއާގެ ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްޅާއަށް ލިބިއްޖެއެވެ. މި ފިލްމަކީ ހޮލީވުޑްގެ ޑައިރެކްޓަރު ނިކޮލަސް ސްޓޯލާ އުފައްދާ ކޮމެޑީ ފިލްމެކެވެ. ނިކޮލަސް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މި އަހަރުގެ ޖެނުއަރީ މަހު ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ ފިލްމު "ޔޫ އާ ކޯޑިއަލީ އިންވައިޓެޑް"އެވެ. ދަ ހޮލީވުޑް ރިޕޯޓާގައި ބުނެފައިވާ ގޮތުން ޕްރިޔަންކާއާ އެކު މި ފިލްމުން ހޮލީވުޑް ތަރި މިޝޭލް ޕެނާގެ އިތުރުން އޮސްކާ އެވޯޑު ކާމިޔާބުކޮށްފައިވާ ތަރިން ކަމަށްވާ ރެޖީނާ ހޯލް، ޖިމީ ޓެޓްރޯ އަދި ބިލީ އައިޝްނާ ވެސް މުހިއްމު ރޯލްތަކުން ފެންނާނެއެވެ. ޕްރިޔަންކާ ހޮލީވުޑް އެކްޓަރު ޒެކް އެފްރޯންއާ އެކު--ފޮޓޯ/ފޭސްބުކް ނިކޮލަސް ސްޓޯލާގެ މި ކޮމެޑީ ފިލްމަށް ދީފައިވާ ނަމަކީ "ޖަޖްމަންޓް ޑޭ"އެވެ. ޒެކް އެފްރޮންއާ އެކު ޕްރިޔަންކާ ވަނީ 2017 ވަނަ އަހަރު ވެސް ފިލްމަކުން ފެނިފައެވެ. އެއީ ޕްރިޔަންކާގެ އެންމެ ފުރަތަމަ ހޮލީވުޑް ފީޗަ ފިލްމު "ބޭ ވޮޗް"އެވެ. ބަތަލާގެ ކުރިއަށްހުރި ހޮލީވުޑް ފިލްމުތަކުގެ ތެރޭ މިހާރު މަސައްކަތް ނިމިފައިވާ "ދަ ބްލަފް" އާއި "ހެޑްސް އޮފް ސްޓޭޓް" ހިމެނެއެވެ. މީގެއިތުރުން އެމޭޒަން ޕްރައިމްއިން ގެނެސްދިން އިނގިރޭސި ވެބް ސީރީސް "ސިޓަޑެލް"ގެ ދެވަނަ ސީޒަންގެ މަސައްކަތް ފެށުމަށް ވެސް ބަތަލާ އަންނަނީ ތައްޔާރުވަމުންނެވެ. ޕްރިޔަންކާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2023 ވަނަ އަހަރު ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ "ލަވް އަގެއިން"އިނެވެ. ހޮލީވުޑް ފިލްމުތަކުގައި އަވަދިނެތި އުޅުމަށްފަހު ޕްރިޔަންކާ ދާދިފަހުން ވަނީ ބޮލީވުޑްގެ ފިލްމަކަށް ވެސް ސޮއިކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން މި ފިލްމަކީ ސައުތު ސިނަމާގެ ކުޅަދާނަ ޑައިރެކްޓަރު އެސްއެސް ރާޖާމޮލީގެ ފިލްމެކެވެ. ޕްރިޔަންކާއާ އެކު މި ފިލްމުގެ ލީޑް ރޯލްއިން ފެންނާނީ ސައުތު ސިނަމާގެ އެންމެ ކާމިޔާބު އެކްޓަރުންގެތެރޭ ހިމެނޭ މަހޭޝް ބާބޫއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ