ސްޓެލްކޯ އިން ޓައިވާނުގެ ގޮގޯރޯ ބްރޭންޑުގެ އެޑްވާންސްޑް ބެޓެރި މެނޭޖުމެންޓު ސިސްޓަމް ރާއްޖެއަށް ތައާރަފުކޮށް އާއްމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ ވިދާޅުވެއްޖެ އެވެ.
ތަފްސީލް - ފަހުމީ މިއަދު އެކްސް ޕޯސްޓެއްގައި ވިދާޅުވީ ގޮގޯރޯ ބެޓެރި ސިސްޓަމްތައް މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރުމުން އޭގެ ބެޓެރިތަކާއި އެއާ ގުޅޭ ސައިކަލު ރާއްޖެ އެތެރެ ކުރުމުގެ ފުރުސަތު އެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިފަދަ ސައިކަލުތައް ޓެސްޓް ކުރުމަށް ދުއްވައި، އަޖުމަ ބަލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ، ތިމާވެއްޓާ ރައްޓެހި ސައިކަލުތަކަށް ޝައުގުވެރިކަން އުފައްދައި އެއަށް ބަދަލުވުމަށް ހިތްވަރުދިނުމުގެ ގޮތުން ސައިކަލުތަކެއް ރާއްޖެ ގެނެސް އެ ޓެސްޓް ކުރުމުގެ ފުރުސަތު ފަހި ކުރުމަށް އިންތިޒާމްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި މި ބެޓްރީ ސިސްޓަމްތަކާއި ކާރު ޗާޖްކުރުމަށް ގާއިމް ކޮށްފައިވާ އީވީ ޗާޖިން ސްޓޭޝަނާއެކު، އިލެކްޓްރިކް އުޅަނދުތަކަށް ލޯބި ކުރާ މީހުން "އެފަދަ އުޅަނދު ގެންގުޅުމަށް ދެކެމުން އައި ޒަމާނީ ހުވަފެންތަކުގައި ކުލަޖެހި، ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ނިޒާމެއް އެކަށައެޅުމަށް ސަރުކާރުން ކުރަމުންގެންދާ ހަރުދަނާ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ" އެވެ.
އެނާޖީ މެނޭޖްމަންޓް ސިސްޓަމާއި އީވީ ޗާޖިން ސްޓޭޝަނަށް ބޭނުންވާ ހަކަތަ ފޯރުކޮށްދޭނީ ވެސް، ފަހުމީ ވިދާޅުވި ގޮތުގައި، ތިމާވެއްޓާ ރައްޓެހި ނިޒާމުތަކުގެ ތެރެއިންނެވެ.
"މިއީ ސަރުކާރުން އަމާޒުހިފާފައިވާ %33 އަށް ވާސިލްވުމަށާއި، ތަރައްގީއާއި ތަހުޒީބުގެ މަގުގައި ރާއްޖެއިން ކުރިއަށް އަޅާނެ އިތުރު ފިޔަވަޅެއް ކަމުގައި ދެކެން،" ފަހުމީގެ ފޯސްޓުގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ ސަބަބުން މާލެތެރޭގެ ވައި ތަގައްޔަރުވުން ކުޑަކުރެވި ސިއްހަތަށް ވެސް ފައިދާ ކުރާނެ ކަމަށެވެ.
"މި މިފަދަ ތިމާވެއްޓާއި ރައްޓެހި، ރައްޔިތުންނަށް ފައިދާ ކުރަނިވި ބަދަލުތަކަށް ދިވެހިންނަކީ އަބަދުވެސް މަރުހަބާ ކިޔާނެ ބައެއް،" ފަހުމީ ވިދާޅުވި އެވެ.
ސްޓެލްކޯ އިން ގޮގޯރޯ ބެޓެރި ސައިކަލު ރާއްޖެ ގެންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ