ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލްއާ އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން މިއަދު ހަވާލުކޮށްފި އެވެ.
ވީކިހިނެއް؟ - ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު އިއްޔެ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވައިފަ އެވެ.
ތަފްސީލް - ހައި ކޯޓުން ބުނީ ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވުމުން، ވަގުތީ ގޮތުން ކޯޓު ހިންގަވަން ފައިސަލްއާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އަންގާފައިވާ ކަމަށެވެ.
ފައިސަލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރީ 24 ޖުލައި 2018ގަ އެވެ. އޭގެ ފަހުން ޖޭއެސްސީގެ މެންބަރުކަމާއި ނައިބު ރައީސްގެ މަގާމު ވެސް ފައިސަލް ފުރުއްވާފައިވެ އެވެ.
އެނގުން މުހިންމު - ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަންކުރީ، މި މަހުގެ 4 ވަނަ ދުވަހު ހުސްނުއްސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ.
ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވީ، ސުޕްރީމް ކޯޓަށް ރައީސް މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރެއްވުމަށް ފަހު އެވެ.
ސުއޫދު، މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކުރި ގޮތުގެ މައްސަލަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އެންމެ މަތީ ކޮމިޝަނަށް ވެސް ހުށަހަޅުއްވާފައިވެ އެވެ.
އެ ފަނޑިޔާރުން ސަސްޕެންޑްކުރީ، ޕާޓީން ކަނޑައިލުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނައި ބަދަލަށް އަމުލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަ ވަގުތުކޮޅަކަށް ވެފައި އޮއްވަ އެވެ.
ހައި ކޯޓު ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު ފައިސަލްއާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ