އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް ޝަމްޢާން ހައްޔަރުކޮށްފި

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން، އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު ކޯޓު އަމުރެއްގެ ދަށުން މިރޭ ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން މިމައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި މައްސަލައިގައި ރޭގެ ވަގުތެއްގައި ގެއެއް ބަލައި ފާސްކޮށް ހައްޔަރުކުރެވުނު 3 މީހުންގެ ތެރެއިން 2 މީހަކު 10 ދުވަހަށް އަދި އެއް މީހަކު 3 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ހުކުރު ދުވަހު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، މި މައްސަލައިގެ ތަޙުޤީޤަށް މިހާތަނަށް ހޯދިފައިވާ މަޢުލޫމާތުން، އިމިގްރޭޝަންގެ ޓާސްކް ފޯސް އަދި ރިސްކު މެނޭޖްމަންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އެހެން ސެކްޝަންތަކުގެ މުވައްޒަފުންތަކެއް، މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް، އެތަނުން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ބިދޭސީން ގެންގޮސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެއިތުރުން، ފުލުހުން ފާހަގަކުރައްވާފައިވާ ގޮތުގައި، މި ހާދިސާގެ އެއް ދުވަސް ފަހުން، އޭރުގެ ކޮންޓްރޯލަރ ޖެނެރަލްގެ އަމުރަށް 530,000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއެއް ދަންވަރުގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައެވެ.
މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ