ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސެއިން ޝަހީދު އައްޔަނުކުރަން، ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފާ އާ އެއްގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަނުކުރުމަށްޓަކައި މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ އިއްޔެ އެވެ. ޝަހީދު އެ މަގާމަށް އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމި ގޮތަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުންނެވެ. 
ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާނުކޮށްފައި ވަނީ އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން އިސްތިފާ ދެއްވުމުންނެވެ.ސުއޫދު އިސްތިއުފާ ދެއްވާފައިވަނީ، އޭނާ އާ ގުޅޭ މައްސަލައެއް އޭސީސީން ބަލަމުންދާތީ، ޖޭސްއެސްސީން ފަނޑިޔާރުކަމުން ސަސްޕެންޑުކޮށްފައިވަނިކޮށެވެ.ހުސައިން ޝަހީދު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ. އިސް ފަނޑިޔާރު ކަމަށް އައްޔަނު ކުރީ އޮކްޓޯބަރު 30، 2023 ގައެވެ. އޭގެ ކުރިން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީ ކަން ވެސް ކުރައްވާފައިވެ އެވެ.ހައިކޯޓުގެ އިސްފަނޑިޔާރު ޝަހީދަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ އިން މާސްޓާސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ އަދި ބެޗެލާސް ޑިގްރީ އިން ޝަރިއާ އެންޑް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ