ދިނަސް، ނުދިނަސް ކަނޑާ ކަނޑާ ބަންގަޅީސްގެ އުސޫލުން، ދުނިޔެއާ ދެކޮޅަށް 2 އެޕްރީލްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރެއްވި 'ޓްރަމްޕް ޓެރިފް' ހަނގުރާމައިގެ ނޭދެވޭ އަސަރު، ދުނިޔޭގެ އިގުތިސާދަށް ހަމަ އެދުވަހު ކުރަން ފެށި އެވެ. މިކަމުގެ ސަބަބުން އުފެދުނު އިގުތިސާދީ ތޫފާނުގައި، އެމެރިކާގެ ބޮންޑް މާކެޓްގެ ފައިދޮށްތައް ގުޑުމުން، ޗައިނާ ފިޔަވައި އެހެން ގައުމުތަކަށް 90 ދުވަހުގެ ސަސްޕެންޝަނެއް، 5 އެޕްރީލްގައި އިއުލާންކުރަން މަޖްބޫރުވި އެވެ.
ނަމަވެސް ޓްރަމްޕް ޓެރިފްގެ ސަބަބުން 2008 އިން ފެށިގެން ދުނިޔެ ނުދެކޭ ފަދަ އިގުތިސާދީ ވިލާގަނޑެއް ބޯމަތިިވެއްޖެ ކަމުގައި ތަޖުރިބާކާރުން މިހާރު އިއްތިފާގުވެ އެވެ. މި ވިލާގަނޑުގެ ކެރި އާއި ވައިގެ އަސަރު، ދިވެހި އިގުތިސާދަށް ނުފޯރައެއް ނުދާނެ އެވެ.
ޗައިނާ ނޫން އެހެން ގައުމުތަކަށް 90 ދުވަހުގެ މަޑުޖެހުމެއް އިއުލާނު ކޮށްފައިވީ ނަމަވެސް، ޓްރަމްޕްގެ ބަސްމަގާއި އަމަލުތައް ހުންނަ ބައްޓަމަށް ދުނިޔޭގެ ލީޑަރުން ތިބީ 'ހޭލަ' އެވެ. މިހާރު އިއުލާންކޮށްފައިވާ ގޮތަށް، ހަމައެކަނި %10 ޓެރިފްގައި ހިފެހެއްޓި ނަމަވެސް، އެ ގައުމުތަކުގެ އިގުތިސާދަށް ހީނަރުކަން ނައިހެއް ނުދާނެ އެވެ. އެެހެންކަމުން ދުނިޔޭގެ ބޮޑެތި އަދި ކުދި ގައުމުތަކުގެ ލީޑަރުން ގެންދަނީ، ކަމަރު ބާރުކުރަމުން، މަގު ހޯދަމުންނެވެ.
ރެސިޕްރޮކަލް ޓެރިފްގެ ނަމުގައި ހުރިހާ ގައުމަަކަށް ޓެރިފް އިއުލާންކުރި ނަމަވެސް، ޓްރަމްޕްގެ ކަޅި ވަނީ ސާފު ގޮތުގައި ޗައިނާއަށް އަމާޒުކުރައްވައިފަ އެވެ. މިއީ މިއަދުގެ، އާ ހަނގުރާމައެއް ވެސް ނޫނެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރު 2021ގައި ނިމުމުގެ ކުރިން ވެސް އޭނާ އޮތީ ޗައިނާއާ ދެކޮޅަށް މި ހަނގުރާމަ ފައްޓަވައިފަ އެވެ.
އެހެން ހުރިހާ ގައުމެއްގެ ޓެރިފް %10އަށް ތިރިކުރިއިރު، ޗައިނާގެ ވަކި ކަހަލަ މުދާ އެމެރިކާއަށް އެތެރެކުރަން ނަގާ ޓެރިފް %145އާ ހަމައަށް ޖެއްސި އެވެ. ރައްދުގައި އެމެރިކާއާ ދެކޮޅަށް ޗައިނާގެ ޓެރިފް %125އަށް ބޮޑުކުރުމަށް ފަހު، ޗައިނާއިން ބުނެފައިވަނީ އެއަށް ވުރެ ބޮޑުކުރުމަކުން ނަތީޖާއާށް ބަދަލެއް ނާންނާނެ ކަމަށެވެ.
ކުރިން އަންދާޒާކުރި %5އަަށް ވުރެ ހަލުއިކޮށް، ޗައިނާގެ އިގުތިސާދު މި އަހަރުގެ ޖެނުއަރީ-ފެބްރުއަރީގައި ވަނީ %5.4އަށް ކުރިއަރާފަ އެވެ. ނަމަވެސް ޓްރަމްޕްގެ ޓެރިފް ހަނގުރާމައާ ގުޅިގެން، ޗައިނާގެ އިގުތިސާދަށް މަޑުޖެހުން އަންނާނޭ ކަމަށް ޗައިނާ ސަރުކާރުގެ ވެރިންނާއި، އިގުތިސާދު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރެ އެވެ. އަދި ޗައިނާއިން ގެންދަނީ ރައްޔިތުން މިކަމަށް ހޭލައްވަމުންނެވެ.
ދުނިޔޭގެ އިގުތިސާދާއި ޖިއޯ ޕޮލިޓިކްސް ދިރާސާކުރާ މީހުން ދެކޭ ގޮތުގައި، 'މޫނު' ހިފެހެއްޓުމަކީ (ސޭވިން ފޭސް) ޗައިނާގެ ރައްޔިތުންގެ ސަގާފަތާއި ވައްޓަފާޅިއާ ގުޅިފައިވާ އަސާސީ ސިފައެކެވެ. އެހެންކަމުން އިގުތިސާދު މަޑުޖެހުނު ނަމަވެސް، މި ހަނގުރާމައިގަައި، އިސްވެ ޗައިނާއިން ޓްރަމްޕަށް ދޫނުދޭނެ އެވެ.
ޓްރަމްޕް ޓެރިފްގައި ރާއްޖެއަށް އެކަށައަޅާފައިވަނީ %10 އެވެ. މިއީ ދުނިޔޭގެ ގައުމުތަކަށް ކަނޑައަޅާފައިވާ، އެންމެ ދަށް ރޭޓެވެ. ޖުމްލަކޮށް 2024ގައި ރާއްޖެއިން އެމެރިކާއަށް އެކްސްޕޯޓް ކޮށްފައިވަނީ 333 ޓަނު މަސް، އެފް.އޯ.ބީ. އަގުން ނަމަ އެއީ 12 މިލިއަން ރުފިޔާ އެވެ. މިއީ އެ އަހަރުގެ ދިވެހި އެެކްސްޕޯރޓްގެ %1އަށް ވުރެ ދަށް އަދަދެކެވެ.
އަޅުގަނޑުމެންގެ އެކްސްޕޯޓަރުންނަށް ވުރެ ދަށް ރޭޓެއްގައި ފިލިޕީންސް، ފަދަ ގައުމުތަކުން، މަހުގެ ބާވަތްތައް އެމެރިކާއަށް އެކްސްޕޯޓް ނުކުރެވޭނެތީވެ، 'މިއަދަށް' ގަބޫލުކުރެވޭ ގޮތުގައި ޓްރަމްޕް ޓެރިފްގެ ސަބަބުން، އެހެން ގައުމުތަކުގެ ނިސްބަތުން، ރާއްޖޭގެ އެކްސްޕޯޓް މުދާ އެމެރިކާގައި ކޮމްޕިޓީޓިވް ވުމުގެ ފުރުސަތު ފުޅާވެ، ދިވެހި އެކްސްޕޯޓް އިތުރުވުމަކީ އެކަށީގެންވާ ކަމަކެވެ. އެހެންކަމުން ޓްރަމްޕް ޓެރިފްގެ ސަބަބުން އަޅުގަނޑުމެންގެ އެކްސްޕޯޓަށް ނޭދެވޭ އަސަރުކުރާނޭ ކަމަކަށް ގަބޫލެއްނުކުރެވެ އެވެ.
ނަމަވެސް މަސްވެރިކަމާއި، މަހުގެ އުފެއްދުންތަކުން ގައުމީ އިގުތިސާދަށް ގހިއްސާކުރަނީ އެންމެ %4.5އަށް ވުރެ ދަށުންނެވެ. ސީދާކޮށް %21.5ގެ ހިއްސާއާ އެކު، ގުޅިފައިވާ އެހެން ސިނާޔަތްތަކާއި ލާމެހިގެން، ދިވެހި އިގުތިސާދު ހިނގަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މޯހިރުގަ އެވެ.
ދުނިޔޭގެ އިގުތިސާދަށް ހީނަރުކަން ނައިސް ނުދާނޭ ކަމުގައި އިގުތިސާދީ ތަޖުރިބާކާރުން އެއްބަސްވަމުން ދާއިރު، އެފަދަ ހީނަރުކަމެއްގެ ނޭދެވޭ އަސަރު ރާއްޖެއަށް ވެސް ނުކޮށެއް ނުދާނެ އެވެ. ދުނިޔެއަށް 2008ގައި ކުރިމަތިވި އިގުތިސާދީ ވިލާގަނޑުގައި ޖެހި، 2009ގައި އަޅުގަނޑުމެންގެ ޖުމްލަ އިގުތިސާދު %7.2އަށް ދަށަށް ދިޔަ އެވެ.
ޓްރަމްޕް ޓެރިފްގެ ސަބަބުން ދުނިޔޭގެ އިގުތިސާދުގެ ދުވެލި މަޑުވުމުން، އެކަމުގެ އަސަރު އެންމެ ބޮޑަށް ފޯރާނޭ ކަންކަމުގެ ތެރޭގައި ޗުއްޓީ އާއި މުނިފޫހިފިލުވުމަށް ކުރާ ހަރަދު ހިމެނޭނެ އެވެ. ޔޫރަޕްގެ ގައުމުތަކަކީ އަޅުގަނޑުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ %58.9 އެވެ. ޗައިނާ ހިމެނޭ ގޮތުން އޭޝިޔާ ޕްސިފިކް ސަރަހައްދުގެ ހިއްސާއަކީ %30.8 އެވެ.
ޗައިނާއަކީ އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ބާޒާރެވެ. ވޭތުވެ ދިޔަ އަހަރު، ޗައިނާގެ ފަތުރުވެރިންގެ ނިސްބަތަކީ %12.9 އެވެ. މި އަހަރު ފެބްރުއަރީގެ ނިޔަލަށް %13.5 އެވެ. ޓްރަމްޕްގެ ޓެރިފް ހަނގުރާމަ އެންމެ ބޮޑަށް އަމަޒުކޮށްފައިވަނީ ޗައިނާ އަށެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކާ ހިލާފަށް، ޗައިނާއިން ބުނަމުންގެންދަނީ އެމީހުން ފަހަށް ނުޖެހޭނޭ ކަމަށެވެ.
އެޕްރީލް ފެށުނު އިރު ދުށް މަންޒަރާ ހިލާފަށް، ދުނިޔޭގެ އިގުތިސާދު މިއަދު ދައްކަނީ ބަނަކޮށެވެ. މި ވިލާގަނޑުގެ އަސަރު ކުރާނީ، އެންމެ ގިނައިން ފަތުރުވެރިން އަންނަ ޗައިނާއަށް އެކަންޏެއް ނޫނެވެ. އަދި %50އަށް ވުރެ ބޮޑަށް ހިއްސާކުރާ ޔޫރަޕް އަދި ކިއެއްތަ އޭޝިޔާ ޕެސިފިކް ގައުމުތަކަށް އެކަންޏެއް ވެސް ނޫނެވެ. އެމެރިކާ ހިމެނޭ ގޮތުން މުޅި ދުނިޔެއަށެވެ.
ޓްރަމްޕް ޓެރިފްގެ އުދާހުން އުފެދޭ ކޮޅިގަނޑުގެ އަސަރު އަޅުގަނޑުމެންގެ އިގުތިސާދަށް ނުކޮށެއް ނުދާނެ އެވެ. މިއީ ނުކެރި ތިބެ، އެތެރޭގެ ހަރަދުތައް އިންތިޒާމު ކުރުމަކުން ފަސޭހައިން ގިރާކުރެވޭނޭ ހަރުފަތެއް ނޫނެވެ. ބިނާ ކުރުވަނިވި ވިސްނުމާއި، ހިއްވަރާ އެކު ކުރިމަތިލާން ޖެހޭ އިތުރު މައްސަލައެކެވެ.
ޓްރަމްޕް ޓެރިފް ހަނގުރާމައިގައި ދިވެހި އިގުތިސާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ