ޖާހުއާއެކު ހެދި އެއްބަސްވުން އެންމެ ފަހުން ބާތިލުކޮށް، ފުލެޓު ހަވާލުކުރަން އަންގައިފި
ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަން ފެށި 'ދަ ގާޑްންސް' ފްލެޓުތަކުގެ މަސައްކަތް ނިންމަން ފަހު ފުރުސަތު ދިނުމުން ވެސް މަސައްކަތް ނުނިންމާތީ، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެ ކުންފުންޏާއެކު ހަދައިފައިވާ އެއްބަސްވުން ބާތިލުކޮށްފިއެވެ. ޖާހު ކުންފުނިން ހުޅުމާލޭގައި 'ދަ ގާޑްންސް' ފްލެޓުތައް ތަރައްގީކުރަން ފެށީ 2017 ވަނަ އަހަރުއެވެ. ނަމަވެސް އަދި އަދަށްވެސް، އެ މަސައްކަތް ނިންމާފައެއް ނުވެއެވެ. އަދި އެ ފްލެޓުތަކަށް ފައިސާ ދެއްކި މީހުންނަށް ފްލެޓު ހަވާލުނުކޮށް ގިނަ ދުވަސްވުމާއެކު އެ މީހުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެސް ވެފައެވެ. އެ ޕްރޮޖެކްޓް ނިންމުމަށްޓަކައި އެޗްޑީސީން އެކި ފަހަރު މަތިން އެ ކުންފުންޏަށް މުއްދަތު އިތުރުކޮށްދީފައިވެއެވެ. އެންމެ ފަހު ނޯޓިސް އެ ކުންފުންޏަށް ދިނީ މިދިޔަ ޖަނަވަރީ މަހުގެ 27ގައެވެ. އެ ނޯޓިސްގައި ވަނީ، އެ ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް 45 ދުވަހުގެ ތެރޭގައި ނުނިންމާ ހާލަތުގައި، ޖާހުއާއެކު ހަދައިފައިވާ އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް ކުންފުނީގެ އަތުން ނަގާނެ ކަމަށް އިންޒާރު ދީފައެވެ. އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ، އެ މުއްދަތުގެ ތެރޭގައި، އެ ކޯޕަރޭޝަނުން ފޮނުވާފައިވާ ގާނޫނީ ނޯޓިސްގައި ބަޔާންކުރި މުއްދަތުގައި ޖާހުއިން އެ ޕްރޮޖެކްޓުގެ މަސައްކަތް ނިންމާފައި ނުވާ ކަމަށެވެ. އެހެންވެ އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، ތަން ހަވާލުކުރުމަށް މިއަދު އެ ކުންފުންޏަށް އަންގައިފައިޗާ ކަމަށް ބަޔާނުގައިވެއެވެ. އެ އެއްބަސްވުން ބާތިލްކުރުމަށްފަހު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު އެ ޕްރޮޖެކްޓުން އެޕާޓްމަންޓް ގަނެފައިވާ މީހުންނާ އެޗްޑީސީން ހިއްސާކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. މީގެ އިތުރުން އެ ފިޔަވަޅު އެޅީ، ޖާހުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންނަށް ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީން ބުންޏެވެ. ޖާހު ކުންފުނިން ފްލެޓުތައް ނުނިންމައި ގިނަ ދުވަސްވެފައިވާ މައްސަލަ ބޮޑުވެފައިވާއިރު، ފްލެޓުތަކަށް ފައިސާ ދެއްކި މީހުންނަށް ފްލެޓު ހަވާލުނުކޮށް ގިނަ ދުވަސްވާ މައްސަލައިގައި ގެއްލުންވީ ރައްޔިތުންނަށް ބަދަލުދޭން އެދި ޖަނަވަރީ 19ގައި ރައީސް އޮފީހަށް އެ މީހުންގެ ފަރާތުން ސިޓީއެއް ވެސް ލައިފައިވެއެވެ. ކޮންސްޓްރަކްޝަން ދާއިރާގައި ނަން ހިނގާ ޖައުސާ ކުންފުންޏާ އެއް ކުޑައިގެ ދަށުގައި އޮންނަ ޖާހު އިންވެސްޓްމެންޓްސަށް، ދަ ގާޑެންސް މަޝްރޫއު ހިންގަން ބިން ހަވާލުކޮށްފައިވަނީ 2017ވަނަ އަހަރުގެ ތެރޭގައި، ދެއަހަރު ތެރޭ ނިންމާ ގޮތަށެވެ. ނަމަވެސް، މިހާތަނަށް ވެސް އެތަން ނިމިފައި ނުވެއެވެ. އޭގެ ފަހުން އެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން، ފުލެޓު ގަތް މީހުން ވަނީ އެކި ފަހަރު މަތިން މުޒާހަރާ ވެސް ކޮށްފައެވެ. އަދި އެ މަސައްކަތުގައި އުޅޭ ލޭބަރުން ވެސް އެކި މައްސަލަތަކުގައި ދޭތެރެއަކުން އިހުތިޖާޖު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ