ލިވަޕޫލް ބަލިކޮށް ނިއުކާސަލުން 70 އަހަރު ތެރޭ ފުރަތަމަ ޑޮމެސްޓިކް ތަށި ހޯދައިފި ލިވަޕޫލް ބަލިކޮށް ނިއުކާސަލުން 70 އަހަރު ތެރޭ ފުރަތަމަ ޑޮމެސްޓިކް ތަށި ހޯދައިފި

ލަންޑަން (މާޗް 16) - އިނގިރޭސި ލީގު ކަޕް ފައިނަލުގައި މިރޭ ލިވަޕޫލް 2-1 އިން ބަލިކޮށް، ނިއުކާސަލް ޔުނައިޓެޑުން 70 އަހަރު ތެރޭ ފުރަތަމަ ޑޮމެސްޓިކް މުބާރާތުގެ ތަށި އުފުލާލައިފި އެވެ.
ލީގު ކަޕްގެ އެންމެ ކާމިޔާބު ޓީމު އަދި އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލް އަތުން ނިއުކާސަލް ފައިނަލުގައި ކުރިހޯދީ މޮޅު ކުޅުމެއް ދައްކައިގެންނެވެ. ނިއުކާސަލް އިން އެންމެ ފަހުން ހޯދި ޑޮމެސްޓިކް ތަށްޓަކީ، 1955 ވަނަ އަހަރުގެ އެފްއޭ ކަޕް އެވެ. އެ ޓީމުން އެންމެ ފަހުން ހޯދި ތަށްޓަކީ، 1969 ވަނަ އަހަރުގެ ފެއާސް ކަޕް އެވެ.
ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗު ފަށައިގެން ނިއުކާސަލް އިން ރަނގަޅު ޑިފެންސިވް ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި ލިވަޕޫލަށް ނިއުކާސަލްގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައިނުވެ އެވެ.
މެޗުގައި ނިއުކާސަލް އިން ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. އެ ޓީމަށް މި ގޯލު ޖަހައިދިނީ ޑިފެންޑަރު، ޑޭން ބާން އެވެ. ނިއުކާސަލްގެ ފުލްބެކް، ކިއެރަން ޓްރިޕިއޭ ނަގައިދިން ކޯނަރަކުން ބާން ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ތިރީ ކަަނަށް އަމާޒުވިއިރު، ލިވަޕޫލްގެ ގޯލު މި މެޗުގައި ބެލެހެއްޓި ކީޕަރު، ކޮއިމްހިން ކެލަހާ އަށް އެ ބޯޅަ ނުހުއްޓުވުނެވެ.
ނިއުކާސަލްގެ އިސާކް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ނިއުކާސަލުން އެޓޭކް ވަރުގަދަ ކުރިއިރު، އެ ޓީމުގެ އަލެކްސަންޑަ އިސާކް ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިނުގަންނަން ނިންމައިފަ އެވެ. އެކަމަކު، އެ ގޯލު ބަލައިނުގަތް ކަމަށް ވިޔަސް، އޭގެ އިރުކޮޅެއް ފަހުން، އިސާކް ވަނީ ގޯލު ޖަަހައި، އެ ޓީމަށް ލީޑުުފުޅާކޮށްދީފަ އެވެ. އެ ޓީމަށް ތިން ވަނަ ގޯލެއް ޖަހައިދޭން އިސާކް ޖެހި ބޯޅަ ކީޕަރު ކެލަހާ މަތަކުރި އެވެ.
ބަދަލުތަކެއް ގެެނެސްގެން ލިވަޕޫލްގެ އެޓޭކް ވަރުގަދަ ކުރިިއިރު، އެ ޓީމުން ބަދަލަކަށް އެރުވި، ކާޓިސް ޖޯންސް އޭރިއާތެރެއިން ގޯލަށް ފޮނުވާލި ބޯޅައެއް ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕް ވަނީ މަތަކޮށްފަ އެވެ. ލިވަޕޫލުން މި މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގަ އެވެ. ބަދަލަކަށް ކުޅެން އެރި ފެޑެރީކޯ ކިއޭސާ މި ގޯލު ޖެހީ ހާވީ އެލިއަޓް ދިން ބޯޅައަކުންނެވެ. މި ގޯލު ބަލައިގަންނަން ނިންމީ ވީއޭއާރް އިން ބެލުމަށް ފަހު އެވެ.
މި މެޗުން ބަލިވެ، ލިވަޕޫލް މި ވަނީ ހަ ވަރަކަށް ދުވަސް ތެރޭ ދެ މުބާރާތް ގެއްލިފަ އެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުން ޕީއެސްޖީ އަތުން ކެޓިއިރު، ލީގު ކަޕް ފައިނަލުގައި ބަލިވީ އެެވެ. ލިވަޕޫލް، މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތްއިރު، އެ ޓީމަށް އެންމެ އަވަހަށް ދެން މެޗެއް އޮތީ ދެ ހަފްތާ ފަހުންނެވެ.
ލިވަޕޫލް ބަލިކޮށް ނިއުކާސަލުން ލީގު ކަޕް ޗެމްޕިއަންކަން ހޯދިއިރު، މި ފަހަރުގެ މުބާރާތުގައި އެ ޓީމުން ވަނީ، ބްރެންޓްފޯޑް، ޗެލްސީގެ އިތުރުން އާސެނަލްގެ މައްޗަށް ވެސް ކުރިހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ