ކުއްލި ހާލަތަކަށް ހުޅުމާލޭގައި 2 ވަނަ އިންޖީނުގެއެއް ހުޅުވައިފި

މާލޭ ސަރަހައްދުގައި ކަރަންޓް ބޭނުންކުރާ ވަރު އިތުރުވާ ދުވަސްވަރު ކަރަންޓް ނުކެނޑި ހިދުމަތް ދިނުމަށް ސްޓެލްކޯއިން ހުޅުމާލޭގައި ގާއިމްކުރި އެނެކްސް-2 އިންޖީނުގެ ރޭ ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ. 
ވީ ކިހިނެއް؟ - އިންޖީނުގެ ރަސްމީކޮށް ހުޅުވުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވަނީ އާ އިންޖީނު ގޭގައި ހުރި ޖަނަރޭޓަރެއް ސްޓާޓް ކޮށްދެއްވައިފަ އެވެ.  އަދި އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި މާލޭ ސަރަހައްދުގެ ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވި އެވެ. 
ތަފްސީލް - ސްޓެލްކޯއިން ބުނީ އާ އިންޖީނު ގޭގައި: 
1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައި؛ މިހާތަނަށް 7 ޖަނަރޭޓަރު ސެޓް ވަނީ ބަހައްޓާފައި 
އަދި އިތުރު 5 ޖަނަރޭޓަރު ސެޓް ގެނެސް ރޯދަމަސް ނިމުމުގެ ކުރިން ބަހައްޓާނެ 
މި މަސައްކަތް ނިމުމުން ހުޅުމާލެ އިންޖީނުގެ އެނެކްސް-2 ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެ
އެ އިންޖީނުގެ ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން ސްޓެލްކޯގެ މުވައްޒަފުން ވަނީ 9 ވަރަކަށް ދުވަސް ތެރޭ:
48،000 އަކަފޫޓުގެ ބިމެއް ސާފުކޮށް، 200 އެއްހާ ޓަނުގެ ކުނި ނަގާފައި 
ބިން އެއްވަރުކުރުމާއި، ހުޅުމާލޭގެ އެނެކްސް-1 އިންޖީނުގެއާ އާ އިންޖީނުގެ ގުޅާލުމުގެ މަސައްކަތް ކޮށްފައިވޭ 
ތެޔޮ ހޮޅިތައް އަޅައި ހުޅުމާލޭ މައި އިންޖީނުގެއާ ހަމައަށް އިންޖީނުތަކުގެ ކޭބަލްތައް ގެންގޮސް ގްރިޑާ ގުޅާލާފައިވޭ 
އެ މަސައްކަތުގައި އިސްކޮށް އުޅުއްވި ޖެނެރަލް މެނޭޖާ އަހުމަދު ޝަރުނީޒް ރަސްމިއްޔާތުގައި ވިދާޅުވީ އާ އިންޖީނުގެ ނިންމުމަށް ރޯދަ މަހު ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރީ ރެއާއި ދުވާލު އެވެ. އެއީ އާދަޔާ ހިލާފު ހިތްވަރެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ މުވައްޒަފުން ދެއްކީ ޓީމްވޯކާއި އެކްސަލަންސްގެ ފުރިހަމަ ނަމޫނާއެއް ކަމަށެވެ.
"ރޯދައަށްތިބެ ދުވާލުގެ އެންމެ ހޫނުގަދަ ގަޑީގައިވެސް މުވައްޒަފުން ދައްކާފައިވަނީ ކުންފުނީގެ ކޯ-ވެލިއުސްތަކުގެ ތެރޭގައި ހިމެނޭ އެކްސެލެންސާއި ޓީމްވޯކްގެ ވަރުގަދަ ނަމޫނާއެއް،" ޝަރުނީޒް ވިދާޅުވި އެވެ. 
ފަހުމީގެ ބަސް - އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑީ ފަހުމީ ވިދާޅުވީ އާ އިންޖީނު ގޭގެ މަސައްކަތް އެހާ ކުރު މުއްދަތެއް ތެރޭ ނިންމާލުމަކީ ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ރޫހުގައި ސްޓެލްކޯގެ މުވައްޒަފުން ކުރި ގައުމީ ބޮޑު މަސައްކަތެއް ކަމަށެވެ. ފަހުމީ އަދި ވިދާޅުވި ގޮތުގައި:
މި ރޯދަމަހު ސްކޫލްތައް ބަންދުވުމާއި ފަހު 10 ގައި އޮފީސްތައް ބަންދުވާތީ މި އަހަރުގެ ޕީކް ރޯދަމަހު ނުފެށުނު ނަމަވެސް ރޯދަމަސް ނިމިގެން ހޫނު މޫސުމާއެކު ޕީކް ސީޒަން ފެށޭނެ ކަމަށް ލަފާކުރެވޭ 
"ރައްޔިތުންނަށް އަބަދުވެސް ދޭން ބޭނުންވާ ޔަގީންކަމަކީ ސްޓެލްކޯ އަބަދު ވެސް އޮންނާނީ ދުރު މުސްތަގުބަލަށް ވިސްނައި ދުރާލާ ތައްޔާރަށް،" ފަހުމީ ވިދާޅުވި އެވެ. 
ފަހުމީ ވަނީ އެ މަސައްކަތުގައި ރައީސް މުހައްމަދު މުއިއްޒު ދެއްވި އެއްބާރުލުން ފާހަގަ ކުރައްވައިފަ އެވެ. ވިދާޅުވީ އެ މަސައްކަތް ފެށި ހިސާބުން، އިންޖީނުތައް ގެނައުމާއި މަސައްކަތް ކުރިއަށްދިޔަ ގޮތް ރައީސް ވަރަށް ގާތުން ބައްލަވަމުން ގެންދެވި ކަމަށެވެ. އަދި މަސައްކަތުގައި ދިމާވެދާނެ ހުރަސްތައް ނައްތާލުމަށް ލަފަޔާއި އިރުޝާދު ދެއްވުމުގެ އިތުރުން އިންޖީނުގެ ހަދަން ބިން ހޯދުމަށް ބޭއްވި ބައެއް ބައްދަލުވުންތަކުގައި ރައީސް ބައިވެރިވެވަޑައިގެންނެވި ކަން ފަހުމީ ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ