ފުލުމިނެންސޭއިން އިންޓާ ބަލިކޮށް ގިނަ ބަޔަކު ސިއްސުވާލައިފި
އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވާލްޑް ކަޕްގައި ބްރެޒިލްގެ ފުލުމިނެންސޭއިން ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އެއް ކޮޅުން ކުޅުނު އިންޓާ މިލާން ބަލިކޮށް ގިނަ ބަޔަކަށް ސިހުން ގެނުވައިފިއެވެ. ޗާލޮޓްގެ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ކުޅުނު ފަހު 16 ޓީމުގެ ބުރުގެ މިމެޗު ފުލުމިނެންސޭއިން ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ މިމުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ކަަށަވަރު ކޮށްފައެވެ. އިންޓާއިން މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށް އަދި ގިނަ ހަމަލާ އުފެއްދި މިމެޗުގެ ފެށުން ރަނގަޅުވީ ފުލުމިނެންސޭގެއެވެ. މިގޮތުން މެޗުގެ ތިން ވަނަ މިނެޓުގައި ފުލުމިނެންސޭއިންވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފޯވަދް ޖާމަން ކާނޯއެވެ. އެ ލަނޑާއެކު އިންޓާއަށް ހައިރާންކަން ލިބުނިއިރު އެ ޓީމުން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބު ވާގޮތެއް ނުވިއެވެ. ނަމަވެސް މިމެޗުގައި އިންޓާއަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. މީގެތެރޭގައި ކެޕްޓަން ލައުޓާރޯ މާޓިނޭޒްއަށް ލިބުނު ފުރުސަތުތައް ފާހަގަވިއެވެ. ނަމަވެސް މިމެޗުގައި އިންޓާއަށް ލިބުނު އެންމެ ހުސް ފުރުސަތު ލިބުނީ ޑިފެންޑަރު ސްޓެފަން ޑި ފްރެއިއަށެވެ. ނަމަވެސް އޭނާއަށް އެ ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މެޗުގެ ފަހު 15 މިނެޓުގައި އިންޓާއިން ކުރަމުންދިޔަ މަސައްކަތް އިތުރު ކުރި ނަމަވެސް ލަނޑެއް ޖެހުމުގެ ބަދަލުގައި ފެނުނީ ފުލުމިނެންސޭއިން ލަނޑެއް ޖަހައި ކާމިޔާބީ ކަށަވަރު ކުރި މަންޒަރެވެ. އެ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހާކިއުލީސްއެވެ. މިފަހަރުގެ މުބާރާތުގައި ދެކުނު އެމެރިކާގެ ޓީމުތަކުން ރަނގަޅު ކުޅުމެއް ދައްކަމުންދާއިރު މިއީ މިމުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދި ބްރެޒިލްގެ ދެވަނަ ޓީމެެވެ. އަދި އިންޓާގެ ކޯޗު ކަމުން ސިމޯނީ އިންޒާގީ ވަކިވި ފަހުން އެ ޓީމަށް އެންމެ ރަނގަޅު ކުޅުން އަދި ވަނީ ދެއްކޭގޮތް ނުވެފައެވެ. ފުލުމިނެންސޭގެ މިކާމިޔާބީ އާއެކު މިއަންނަ ހޮނިހިރު ދުވަހު ކުޅޭ ކުއާޓާ ފައިނަލް މެޗުގައި ބައްދަލުކުރާނީ މެންޗެސްޓާ ސިޓީ އާއި އަލް ހިލާލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ