މިދިޔަ ހަފުތާގައި ސްކޭމްތަކުން ހަތަރު ލައްކަ ރުފިޔާ ގެއްލުނުއިރު، ހޯދުނީ އެއް ލައްކަ

މިދިޔަ ހަފުތާގައި ސްކޭމް މައްސަލަތަކުގައި ދިވެހީންގެ އަތުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެއިން އެއް ލައްކަ ރުފިޔާ ފުލުހުން ހޯދައިފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ. ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ވަނީ މިދިޔަ މަހުގެ 29އިން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ބަލައިފައިވާ މައްސަލަތަކުގެ ތަފުސީލް ހާމަކޮށްފައެވެ. އެ މައުލޫމާތުގައިވާ ގޮތުން ސްކޭމްގެ 50 މައްސަލައެއް ހަތް ދުވަސްތެރޭ ހުށަހެޅިއިރު، އެ މައްސަލަތަކުގައި 416،879.42 ރުފިޔާ ގެއްލިފައިވެއެވެ. އޭގެ ތެރެއިން ފުލުހުން ވަނީ 27 ޕަސެންޓަށްވާ، 114،276.42 ރުފިޔާ ހޯދައިފައެވެ. ފުލުހަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި ނުވަ ސްކޭމާއި ޝަހުސު އޮޅުވާލުމުގެ ތިން މައްސަލަ ހިމެނެއެވެ. އަދި ވަޒީފާ ދޭނެ ކަމަށް ބުނެ އޮޅުވާލުމާއި ފޯނުން ގުޅައިގެންނާއި އީމެއިލް މެދުވެރިކޮށް ފޮނުވާ ލިންކުތަކުން (ފިޝިންއާއި ވިޝިން) ސްކޭމް ކުރުމުގެ ހަ މައްސަލައެއް ހުށަހަޅައިފައިވެއެވެ. މީގެ އިތުރުން އެހެނިހެން ސްކޭމްތަކުގެ ތިން މައްސަލައެއް ހިމެނޭއިރު، 29 މައްސަލައާއެކު އެންމެ ގިނައީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރިން ހިންގައިފައިވާ ސްކޭމްތަކެވެ. އެފަދަ ސްކޭމްތަކަށް ބޭނުންކޮށްފައިވާ މަންސަތަކުގެ ތެރޭގައި ފޯނުކޯލާއި އައިބޭއާއި އޮންލައިން މެސެޖިން ޕްލެޓްފޯމްތަކާއި ފޭސްބުކް މާކެޓް ޕްލޭސް ހިމެނެއެވެ. ސްކޭމުތަކުގައި ނުޖެހުމަށް ސަމާލުވާންވީ ކަންތައްތައް ފުލުހުން ފާހަގަކޮށްފައިވެއެވެ. އެއީ: އިރުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އަބަދުވެސް ކަށަވަރުކުރުން ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުން އެޕްލިކޭޝަންތަކުގެ ޓޫ-ފެކްޓާ އޮތެންޓިކޭޝަން ހެދުން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ފުލުހުންގެ އެމާޖެންސީ ނަންބަރު 911އާއި އެންޓި-ސްކޭމް ހޮޓްލައިން 125އަށް ގުޅައިގެން ރިޕޯޓުކުރެވޭނެއެވެ. ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަފާތު އުކުޅުތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް މިފަހުން ވަނީ އިތުރުވެފައެވެ. އެފަދަ މައްސަލަތަކަށް ޚާއްސަކޮށް، ފުލުހުން އެންޓި ސްކޭމް ސެންޓަރެއް އުފެއްދީ މިދިޔަ މާރިޗު 17 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ