ސޯރަވްގެ ބަޔޮޕިކަކީ ބޮޑު ޒިންމާއެއް: ރާޖްކުމާރު ރާއޯ

އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ލެޖެންޑު ސޯރަވް ގަންގޫލީގެ ވާހަކަ ކިޔައިދޭ ފިލްމުން ލިބުނު ފުރުސަތާ އެކު އެއީ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި މިހާރު ވެސް އެކަމާ ހާސްވެފައިވާ ކަމަށް އެކްޓަރު ރާޖްކުމާރު ރާއޯ ބުނެފިއެވެ. މި ބަޔޮޕިކްގައި އެކްޓަރު ރާޖްކުމާރު ރާއޯ ކުޅެން ހަމަޖެހިފައިވާ ކްރިކެޓް ކުޅުންތެރިޔާ ސޯރަވް ގަންގޫލީގެ ރޯލެވެ. އެންޑީޓީވީއަށް ދިން އިންޓަވިއުއެއްގައި ރާޖް ވަނީ އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ވެސް ކުރި ކުޅަދާނަ ކްރިކެޓް ކުޅުންތެރިޔާ ސޯރަވް ގަންގޫލީގެ ބަޔޮޕިކް ކުޅުމުގެ ފުރުސަތު ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ. މިއީ ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރާ ބަޔޮޕިކްއަކަށް ވެފައި އެ ރޯލް އަދާކުރުމަށް ވަރަށް ގިނަ ތައްޔާރީތަކެއްވާން ޖެހޭ ކަމަށް ރާޖް ވަނީ ބުނެފައެވެ. ރާޖްކުމާރު ރާއޯ އަދި ބަތަލާ ޖާންވީ ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ"ގެ މަންޒަރެއްގައި--ފޮޓޯ/ދަސްޓޭޓްސްމަން މި ފިލްމަށް ރާޖްކުމާރު ރާއޯ ހޮވިފައިވާކަން ޔަގީންވެފައިވާއިރު މީގެ ކުރިން ސޯރަޗްގެ ބައޮޕިކްއިން ފެންނާނީ އެކްޓަރު ރަންބީރު ކަޕޫރު އަދި އަޔުޝްމާން ކުރާނާ ކަމަށް ވެސް ވާހަކަތަކެއް ދެކެވުނެވެ. ނަމަވެސް, ދާދިފަހުން ސޯރަވް މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވެސް ބުނެފައިވަނީ އޭނާގެ ބައޮޕިކް ގެނެސްދޭ ފިލްމަށް އެންމެ އެކަށީގެންވާ އެކްޓަރަކީ ރާޖްކުމާރު ރާއޯ ކަމަށް ބުނެފައެވެ. މި ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ ޖަނަވަރީ މަހު ފަށަން ތައްޔާރުވަމުން އަންނައިރު ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޑިސެމްބަރު މަހު ތެރޭގައެވެ. މި ފިލްމުގެ ޝޫޓިންގްއަށް ހޭދަކުރެވޭނީ އެންމެ ތިން މަސް ދުވަސް ކަމަށާއި ނަމަވެސް ޕޯސްޓު-ޕްރޮޑަކްޝަންއަށް ވަރަށް ވަގުތު ނަގާނެ ކަމަށް ސޯރަވް ވަނީ ބުނެފައެވެ. ރާޖްކުމާރު ވަނީ މީގެ ކުރިން ވެސް ކްރިކެޓަށް ޚާއްސަ ފިލްމެއް ކަމަށްވާ "މިސްޓަ އެންޑް މިސިޒް މާހީ"އިން ފެނިފައެވެ. އެކްޓަރު އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ މަހުގެ 11ގައި ރިލީޒްކުރާ ފިލްމު "މާލިކް"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ