ރޭ އައި ބިން ހެލުމުގެ އަސަރު ރާއްޖެއަށް ކުރި: މެޓު އޮފީސް

އިންޑިއާގެ ނިކޯބާ އައިލެންޑްސްއަށް ރޭ އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ވެސް ކުރި ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީހުން) މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އިންޑިއާ ކަނޑުގެ އިރުމަތީގައި އޮންނަ ނިކޯބާ އައިލެންޑްސްއަށް ބިން ހެލުން އައިސްފައިވަނީ، ރޭ ރާއްޖޭ ގަޑިން 11:41ގަ އެވެ. އެއީ ރިކްޓާ މިންގަނޑުން 6.2 ބާރުމިނުގައި އައި ބިން ހެލުމެކެވެ.
ތަފްސީލް - މި ބިންހެލުން އައުމާ އެކު، މެޓުން ވަނީ އެކަން އާއްމުންގެ ސަމާލުކަމަށް ގެނެސްފަ އެވެ. ރޭ އެ ތަނުން ބުނީ އެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
އެކަމަކު ގިނަ ބަޔަކަށް ވަނީ، ލޮޅުމުގެ އަސަރުކޮށްފަ އެވެ. އެގޮތުން:
ގޭތެރޭގައި ތިބިއިރު، ގެއަށް ގުޑުން އަރައިގެން ބައެއް މީހުން ބޭރަށް ނުކުތް
ކޮޓަރީގައި ހުރި އެނދުގައި އޮށޯޯވެގެން އޮތް އިރު، އެނދު ގުޑައިގެން ތެދުވަންނަން ޖެހުނު ކަމަށް ވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ލިޔުނު
ގިނަ މީހުންނަށް ލޮޅުމުގެ އަސަރު ކުރީ 12:20 ހާއިރު 
މިއަދު ހެނދުނު މެޓުން ނެރުނު އެންގުމެއްގައި ބުނީ:
ބިންހެލުމާ އެކު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުން އެރިކަމުގެ ރިޕޯޓު ލިބިފައިވޭ
ގދ. ކާޑެއްދޫގައި ހުންނަ ބިންހެލުން ރެކޯޑުކުރާ މީޓަރަށް، 7 މިނިޓް ފަހުން ލޮޅުމެއް އެރި ކަމަށް ބުނި
"[އެކަމަކު] މީގެ ސަބަބުން ރާއްޖެއަށް އިތުރު ނުރައްކަލެއް ކުރިމަތިވާނެ ކަމަކަށް ނުބެލެވޭ،" މެޓުގެ އެންގުމުގައި ބުނެފައިވެ އެވެ.
އެނގުން މުހިއްމު - މި ބިންހެލުން އައުމާ އެކު، އެ ފަދަ ރިޕޯޓުތައް ގެނެސްދޭ ބައިނަލްއަގްވާމީ އެހެން ސެންޓަރުތަކުން ވެސް އެކަން ވަނީ ސަމާލުކަމަށް ގެނެސްފަ އެވެ. ނިކޯބާ އައިލެންޑްސްއަކީ އާއްމުކޮށް ބިންހެލުންތައް ގިނަ ސަރަހައްދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ