ދަރަނީގެ އަނދަވަޅުން އަރައިގަންނަން ފެނަކަ އާއި ވެމްކޯ އުވާލަން ޖެހޭ: އުމަރު

ދަރަނީގެ އަނދަވަޅުން އަރައިގަންނަން ސިޔާސީ ބޭނުންތަކަށް އުފައްދާފައިވާ ފެނަކަ އާއި ވެމްކޯ ކަހަލަ ކުންފުނިތައް އުވާލަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ދިވެހި ދައުލަތުން މި އަހަރު އެކަނި ވެސް ބޭރުގެ ދަރަނި އަދާ ކުރުމަށް 500 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އަދި އަންނަ އަހަރު ވެސް އެ އަދަދު އަދި 2026 ވަނަ އަހަރު 1 ބިލިއަން ޑޮަލަރު ދަރަނި އަދާ ކުރުމަށް ދައްކަން ޖެހެ އެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފަ އެވެ."އަދަދު" ގެ "އެތެރެފުށް" ޕްރޮގްރާމުގައި އުމަރު ވިދާޅުވީ ރައީސް މުއިއްޒު ދަރަނި ނެގުމަށް ބަލާއިރު ސަރުކާރަށް ބޮޑެތި ޕްރޮޖެކްޓުތަކަށް ބޮޑެތި އަދަދުތަކުން ދޭން ޗައިނާއިން ބޭނުން ނުވާ ކަމަށާއި، އެއީ ޗައިނާއަށް ލަންކާއަށް ވީ ގޮތް ވެސް އެނގޭތީ ކަމަށެވެ."ދިވެހިރާއްޖޭގެ ސަރުކާރު ކުޑަކޮށް، ހަރަދު ކުޑަކޮށް، އިސްރާފު ޕްރޮޖެކްޓުތައް ހިންގުން ހުއްޓާލަން ޖެހޭ." މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އުމަރު ވިދާޅުވި އެވެ.އުމަރު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައިގަނޑު އެއްވެސް ވައުދެއް ނުފުއްދޭނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒުގެ ގެދޮރުވެރިކަމުގެ ވައުދު ނުފުއްދޭނެކަން ޔަގީނާ ގާތަށް ބުނަން އެނގޭ ކަމަށާއި، ރަސްމާލެއާ ގުޅޭ ގޮތުން ދައްކަވާ ވާހަކަތަކަކީ ފައިސާ ނެތް ދަނޑިވަޅެއްގައި ބުއްދިއަށް ގަބޫލުކުރެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.އުމަރު މިފަދައިން ވިދާޅުވިއިރު، "ރަސްމާލެ" މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ނުހޯދިގެން މަޝްރޫއު އޮތީ މަޑުޖެހިފައި ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވަނީ އެއްބަސްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ