ދުނިޔޭގެ އެންމެ ބޮޑު އިންތިހާބުގެ ވޯޓުލުން ފެށިއްޖެ!

އިންސާނީ ތާރީހުގައި ވޯޓުލުމުގެ ހައްގު އެންމެ ގިނަބަޔަކަށް (970 މިލިއަން މީހުން) އަށް އެއްފަހަރާ ލިބޭ ދުނިޔޭގެ އެންމެ ބޮޑު އިންތިހާބުގެ ވޯޓުލުން އިންޑިއާގައި ފެށިއްޖެއެވެ.
މުޅި އެމެރިކާގެ އާބާދީ އާއި ޔޫރަޕާއި ރަޝިއާ އެއްކޮށްލުމުން ހަމަވާ އަދަދަށް ވުރެވެސް ގިނަ ބަޔަކު ވޯޓުލާނެ މި އިންތިހާބަކީ އިންޑިއާގެ މިޙާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ, 3 ވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށް މުހިންމު އިންތިހާބަކަށް ވާއިރު ދިރާސާތަކުން ދައްކަނީ މޯދީ ކާމިޔާބު ކުރައްވާނެ ކަމަށެވެ.
6 ހަފްތާގެ މުއްދަތަށް ދެމިގެންދާ މެރަތަނެއްގެ ގޮތަށް ކުރިއަށް ދާ މި އިންތިހާބުގެ ވޯޓުލުން މިއަދު ފެށިފައި ވަނީ 21 ސްޓޭޓަކާއި ޔޫނިއަން ޓެރިޓޮރީސްގައެވެ. އޭގެ ތެރޭގައި މަދްޔަ ޕްރަދޭޝް, ޓްރިޕޫރާ އަދި ވެސްޓް ބެންގާލް ފަދަ ބޮޑެތި ސަރަހައްދުތައް ހިމެނެއެވެ.
ގާނޫނު ހަދާ މަޖިލީހުގެ 543 ގޮނޑިއަށް މެންބަރުން އިންތިހާބު ކުރާނެ މި އިންތިހާބުގައި މިއަދު ވޯޓުލުން ހިނގަމުން ދާ ސަރަހައްދުތަކުގެ ތެރޭގައި އަރުނަޗަލް ޕްރަދޭޝް, އައްސާމް, ބިހާރު, ޗައްދިޝްގަރު, މަހާރާޝްތްރަ, މަނިޕޫރު, މެގަލަޔާ, މިޒޯރަމް, ނެގަލޭންޑް, ރާޖަސްތާން, ސިއްކިމް, ޓެމިލްނާޑު, އުއްތަރް ޕަރަދޭޝް, އުއްތަރްކާންދް, އެންޑަމަން އަދި ނިކޮބާރު އައިލޭންޑްސް, ކަންމު އާއި ކަޝްމީރު އަދި ލަކްޝަދީޕް އާއި ޕުޑުއްޗެރީ ހިމެނެއެވެ.
މި ސަރަހައްދުތަކުގައި 200,000 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާފައި ވާ އިރު ވޯޓުލުން ފެށުމުގެ މާކުރިން އާންމުން ކިއުއަށް އަރާ, މިހާތަނަށް އައިއިރު 9.7 ޕަސެންޓް މީހުން ވަނީ ވޯޓުލާފައެވެ.
ހިޔާލުހޯދުމުގެ ވޯޓުތަކުން ދައްކާގޮތުން ބޮޑެތި މޯދީ ކުރި ހޯއްދަވާ އިރު އޭނާއާ އިދިކޮޅު ފަރާތްތަކުން ރަނގަޅު ފައިޓެއް [ކާމިޔާބެއް] ހޯދާނެއެވެ. މޯދީއާ އިދިކޮޅު ފަރާތްތައް އެކުވެ 'އިންޑިއާ' ގެ ނަމުގައި ކޯލިޝަނެއް ހަދައިގެން މަސައްކަތް ކުރަމުން އަންނަ އިރު އޭގެ ތެރޭގައި އިދިކޮޅު މައި ޕާޓީ, ކޮންގްރެސް އާއެކު ޖުމްލަ 28 ޕާޓީއެއް ހިމެނެއެވެ.
އިންތިހާބަށް ނުފޫޒު ފޯރުވުމަށް އިދިކޮޅުގެ އިސްބައެއް ލީޑަރުން މޯދީ ސަރުކާރުން ހައްޔަރު ކުރުމާއި އެކިއެކި ނުފޫޒުތައް ފޯރުވާ ކަމުގެ ތުހުމަތު އިދިކޮޅުން ކުރަމުން އަންނަ އިރު ރާހޫލް އާއި އޭނާގެ ކޯލިޝަނުން ބުނަމުން ދަނީ މޯދީގެ ބީޖޭޕީން އިންޑިއާ ހަލާކު ކޮށްފި ކަމަށެވެ.
ދޭދޭ ގައުމުތަކާ ފިތުނަވެރި ވެއްޖެ ކަމަށާއި އާންމު ރައްޔިތުންނަށް ބޭނުންވާ މިންވަރާ ގާތަށް ވެސް ވަޒީފާ އުފެއްދިފައި ނުވާ ކަމަށާއި މާލީ ގޮތުން އިދިކޮޅަށް ދަތިކޮށް ކެމްޕެއިންގެ ފުރުސަތަށް ވެސް ހުރަސް އަޅާފައި ވާ ކަމަށެވެ.
މިއިންތިހާބުގައި މޯދީ ހޯއްދަވަން އުއްމީދު ކުރައްވަނީ 370 ގޮނޑިއެވެ. ކޯލިޝަން ޕާޓީ, ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސަށް 400 ގޮނޑިއެވެ.
2660 ޕާޓީ އިންޑިއާގައި އޮތް އިރު ގިނަ ޕާޓީތަކަކީ އިންތިހާބުގައި ނަގާ ކިޔާ ޕާޓީތަކެއް ނޫނެވެ. ނަމަވެސް މި އިންތިހާބަކީ މޯދީ އާ ދެކޮޅަށް ކުރެވޭ އިމްތިހާނަކަށް ވާއިރު މުރާސިލުން ބުނަނީ އިންތިހާބު ވެގެން ދާނީ ވާދަވެރިކަން ބޮޑު ނަތީޖާ ބެހިބެހިގެން ދާނެ އިންތިހާބަކަށް ކަމަށެވެ.
އިންޑިއާގައި ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެއަކާއި މަތި ގެއެއް އޮންނަ އިރު ތިރި ގޭގައި ޖުމްލަ 545 މެންބަރުން ތިބޭނެއެވެ. އޭގެ ތެރެއިން އެންގްލޯ އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ފަރާތްތަކަށް ހާއްސަ ކުރާ 2 ގޮނޑި ކަނޑައަޅާނީ އަސާސީ އޮންނަ ގޮތުން ގައުމުގެ ރައީސްއެވެ.
މަތިގޭގައި ޖުމްލަ 245 ގޮނޑި ހުންނަ އިރު 12 މެންބަރުން ކަނޑައެޅުމުގެ ބާރު އޮންނަނީ ރައީސް އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ