ޗާރޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ސީ.އީ.އޯގެ މަޤާމަށް އަންވަރު

އިންސްޓިޓިއުޓް އޮފް ޗާރޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ސީ.އީ.އޯގެ މަޤާމަށް އިބްރާހިމް އަންވަރު އައްޔަންކުރައްވައިފިއެވެ.
އިބްރާހިމް އަންވަރު އެންމެ ފަހުން ހުންނެވީ އައިލޭންޑްސް ބެވަރޭޖަސް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައެވެ. އަދި އޭގެ އިތުރުން މާލެ ވޯޓަރ އެންޑް ސެވަރޭޖް ކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަޤާމުވެސް އަދާކުރެއްވިއެވެ.
އަންވަރު މީގެކުރިން ވަނީ އައިލޭންޑަރސް ގްރޫޕްގެ ފައިނޭންޝަލް ކޮންޓްރޯލަރގެ މަޤާމު އަދާކުރައްވާފައެވެ. އޭގެއިތުރުން މާލެ ވޯޓަރ އެންޑް ސްވަރޭޖް ކުންފުނީގެ އޮޑިޓް އެންޑް ރެމުނެރޭޝަން ކޮމިޓީގެ ޗެއަރ ޕަރސަންގެ މަގާމުވެސް ވަނީ އަދާކޮށްފައެވެ.
އަންވަރު އެކައުންޓިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރެއްވީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިންނެވެ. އަދި އެކައުންޓިންއިން މާސްޓަރސް ހާސިލްކުރެއްވީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީއިންނެވެ.
އިންސްޓިޓިއުޓް އޮފް ޗާރޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އަކީ ދިވެހިރާއްޖޭގެ އެކައުންޓެންސީ ޕްރޮޕެޝަންއާއިގުޅޭ ކަންކަން ބައިނަލްއަޤްވާމީ އުސޫލުތަކާއި ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތަންޒީމްކޮށް، ދިވެހިރާއްޖޭގެ އެކައުންޓަންސީ ޕްރޮޕެޝަންއެއް ޤާއިމްކޮށް އެ ޕްރޮޕެޝަން ކުރިއެރުވުމަށް އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ. މި އިންސްޓިޓިއުޓް އުފެދުނީ 8 ސެޕްޓެމްބަރ 2020 ގައި ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ