ދެން އަންނަ ކަރަންޓް ބިލުވެސް ބޮޑުވާނެކަމަށް ލަފާކުރެވޭ: ފަހުމީ

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ލަފާކުރެވޭ ގޮތުގައި އަންނަ މަހުގެ ކަރަންޓު ބިލުވެސް ބޮޑުވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ރޭ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ ރޯދަމަހުގެ ބިލަށް ޑިސްކައުންޓު ދިން ނަމަވެސް މި މަހު ބިލު ލިބުނުއިރު މާ ބޮޑު ތަފާތެއް ނުފެންނަ ކަމަށާއި ބިލު ބޮޑުވެފައިވާ ކަމަށް ބުނެ ބައެއް އާންމު ރައްޔިތުން ޝަކުވާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މީޑީއާ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ ކޮންމެ އަހަރެއްގެ ހޫނު މޫސުމާ ދިމާކޮށް ގޭބީސީތަކުގެ ކަރަންޓު ބިލު ބޮޑުވާ ކަމަށެވެ.
އެގޮތުން ސްޓެލްކޯގެ ހިސްޓްރީ ޕެޓާން ހުރި ގޮތުން މި މަހުގެ ކަރަންޓުގެ ބިލުގެ އިތުރުން އަންނަ މަހުގެ ކަރަންޓު ބިލުވެސް ބޮޑުވާނެ ކަމަށް ފަހުމީ ލަފާކުރެއްވިއެވެ.
" އަޅުގަނޑުމެންގެ ހިސްޓްރީ ޕެޓާން މިހިރަ ގޮތުންވެސް އަދި މިމަހު އެކަންޏެއް ނޫން. މިއަންނަ މަހުވެސް ހަމަ އަޅުގަނޑުމެންނަށް މި ފޯކާސްޓް ދައްކާގޮތުން ކަރަންޓް ބިލު ބޮޑުވާނެކަމަށް އަޅުގަނޑުމެން މިބަލަނީ." ފަހުމީ ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ އެހެން މަސްތަކަށްވުރެ މި މަހުގެ ކަރަންޓު ބިލު ބޮޑުކަން ގަބޫލުކުރައްވާ ކަމަށެވެ.
"އެހެންނަމަވެސް އެ ބިލު ބޮޑުވީ ސްޓެލްކޯއިން ކަމެއް ކޮށްގެނެއް ނޫން. ހަމަ އަޅުގަނޑު ދަންނަވާނީ މޫސުމަށް މި އަންނަ ބަދަލު ނުވަތަ އެމްބިއެން ޓެމްޕަރޭޗާ ހޫނު ވެއްޖެ ދެއްތޯ. އަދި ކައިރި ގައުމުތަކަށް ވެސް ހޫނު ވެއްޖެ،" އޭނާ ވިދާޅުވިއެވެ.
އެއާއެކު، މިދުވަސްވަރަކީ ފަހުގެ ތާރީހެއްގައި ރާއްޖެއަށް އެންމެ ހޫނު ގަދަވި ދުވަސްވަރަށް ވާނެކަން ފާހަގަކޮށް އޭނާ ވިދާޅުވީ ކަރަންޓު ބިލު ބޮޑުވެގެން އުޅެނީ ހޫނުގަދަ ވުމުގެ ސަބަބުން ކަމަށެވެ.
ފަހުމީ ވިދާޅުވީ ކަރަންޓު އިގްތިސާދުކޮށްގެން ނޫނީ ކަރަންޓު ބިލަށް އަރާ ވަރު ކުޑަކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
ރަމަޟާން މަހު ޑޮމެސްޓިކް ކަރަންޓު ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަން ޖެހޭތީ، އެ ކަމަށް ހައްލެއް ހޯދައި ދިނުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ބިލަށް އެހެން މަސް މަހަށްވުރެ އިތުރުވާ އެވްރެޖު އަދަދަށް ޑިސްކައުންޓު ދިނުމަށެވެ.
އެހެންވެ ނިމިދިޔަ ރަމަޟާން މަހު ފެނާއި ކަރަންޓުގެ ހިދުމަތްތަކަށް ބިލް ކުރީ އާދައިގެ މަހެއްގެ އެވަރެޖަށް ބަލައިގެން ކަމަށް ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ މީގެކުރިން ބުނެފައެވެ.
އެހެންނަމަވެސް އެ ޑިސްކައުންޓް ދިނުމުންވެސް އެހެން ފަހަރަކުތަކަށް ވުރެ ބިލްތައް ބޮޑުކަމަށްް ބުނެ އާއްމު ރައްޔިތުންގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ