ބާލިންގެ މާކެޓަކަށް ދިން ހަމަލާއާ ގުޅިގެން ހޯދާ މީހާއަކި ފުލުހުން މޮނިޓާ ކުރަމުން ދިޔަ މީހެއް

ބާލިން (ޑިސެމްބަރު 22): ޖަރުމަނުގެ ވެރިރަށް ބާލިންގެ މާކެޓަކަށް ދިން ހަމަލާއާ ގުޅިގެން ހޯދަމުންދާ މީހާއަކީ މިއަހަރުގެ ކުރީ ކޮޅު ފުލުހުން މޮނިޓާ ކުރަމުން ދިޔަ މީހެއް ކަމަށް ޖަރުމަނުގެ މީޑިއާތަކުން ބުނެފި އެވެ. ރިޕޯޓުތަކުގައިވާ ގޮތުން ފުލުހުން، ތޫނިސްއަށް އުފަން އަނިސް އަމްރީ މޮނިޓާ ކުރަމުން ދިޔައީ ބަޑި ގަންނަން ވެގެން ވައްކަން ކުރަން ރޭވުމުގެ ތުހުމަތުގަ އެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ވަރަށް ހެކި ނެތުމުން އޭނާ މޮނިޓާ ކުރުން ހުއްޓާލީ އެވެ. މީގެ ކުރިން އަނިސް އަމްރީ ވަނީ ގަސްތުގައި މީހެއްގެ މުދަލެއްގައި ރޯކޮށްލުމުގެ ކުށުގައި އިޓަލީގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކޮށްފަ ކަމަށްވެސް ރިޕޯޓުތަކުގައިވެ އެވެ. ފުލުހުން މިހާރު ވަނީ 24 އަހަރުގެ އަމްރީ އެކި ފަހަރު ބޭނުން ކުރާ ހަ ނަމެއް އާއްމުކޮށްފަ އެވެ. އަދި އޭނާ ހައްޔަރު ކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 104،000 ޑޮލަރުގެ އިނާޔަތެއް ހުށަހަޅާފަ އެވެ. ނަމަވެސް އޭނާއަކީ ނުރައްކާތެރި މީހެއް ކަމަށާއި އޭނާ ހަތިޔާރު އަޅައިގެން ހުރެދާނެ ކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފަ އެވެ. ޖަރުމަނުގެ ނޫސްތަކުގައިވާ ގޮތުން މިއަހަރުގެ ޖޫން މަހުން ފެށިގެން އެގައުމުން ދިޔައީ އަމްރީ ޑީޕޯޓު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ތޫނިސްއިން ބައެއް ލިޔެކިޔުންތައް ނުލިބުމުގެ ސަބަބުން އެމަސައްކަތް ލަސްވީ އެވެ. މިދިޔަ ހޯމަ ދުވަހު ބާލިންގެ ކްރިސްމަސް މާކެޓަކަަށް ލޮރީއެއް ވައްދައިގެން ދިން ހަމަލާގައި 12 މީހަކު މަރުވުމުގެ އިތުރުން 49 މީހަކަށް އަނިޔާވި އެވެ. އެހާދިސާއާ ގުޅިގެން އަމްރީ ހައްޔަރު ކުރުމަށް އަމުރެއް ނެރުނީ ލޮރީ ތެރެއިން އޭނާގެ ރެޒިޑެންސް ޕާމިޓް ފެނުމުންނެވެ. ޖަރުމަނުގެ މީޑިއާތަކުން ބުނާ ގޮތުގައި ހަމަލާ ދިނުމަށް ބޭނުން ކުރީ ޕޮލެންޑުން ވަގަށް ނަގާފައިވާ ލޮރީއެކެވެ. އަދި ލޮރީ ތެރެއިން ވަނީ މަރާލާފައިވާ ލޮރީގެ ޑްރައިވަރުގެ ހަށިގަނޑު ފެނިފަ އެވެ. (ބީބީސީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ