އަލްޙާ ޢީދު ދުވަހުގެ ހަވީރަކީ ހިނގާފައި އުޅޭ ވަގުތެއްގެ ގޮތުގައި ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ އަޟްޙާ ޢީދު ދުވަހުގެ ހަވީރު ގްރޭޓަރ މާލެ ސަރަޙައްދުގެ މަގުތަކުގައި އިންޖީނުލީ އުޅަނދާއި ބެޓެރި އުޅަންދުތައްވެސް ދުއްވުން މަނާވާނެކަމަށެވެ. އެގޮތުން އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާ ވަގުތަކީ އާދިއްތަ ދުވަހު ހަވީރު 04:00 އިން އިރުއޮއްސި 06:00އާ ހަމައަށެވެ. މި ނިންމުމުގެދަށުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ ޢާންމު ހުރިހާ މަގުތަކުގައި ވެހިކަލް ދުއްވުން މަނާވާނެއެވެ.
ނަމަވެސް އިމަޖެންސީ ޙާލަތުގައި ދަތުރުކުރާ ވެހިކަލްތައް، ސިޓީ ކައުންސިލުން ދޫކުރާ ޚާއްސަ ހުއްދައެއްގެދަށުން ދުއްވޭނެއެވެ. މި ހުއްދައާއި އެކަމަށް ބޭނުންވާ ސްޓިކަރ ދޫކުރާ ގަޑިތައް ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. އެގޮތުން މިއަދު މެންދުރު 02:00 އިން ހަވީރު 04:00އަށް އަދި ރޭގަނޑު 09:00އިން 11:00އަށް ހުއްދަ ދޫކުރުން ކުރިއަށްދާނެއެވެ. އަދި މާދަމާ ހެނދުނު 10:00އިން މެންދުރު 02:00އަށް އަދި ރޭގަނޑު 09:00އިން 11:00އަށް ހުއްދަ ދޫކުރުން ކުރިއަށްދާނެއެވެ.
އީދު ދުވަހު ވެހިކަލް ދުއްވަން ބޭނުންވާ ހުއްދަ ދޫކުރަނީ ސިޓީ ކައުންސިލްގެ އާއްމު ޚިދުމަތްތަކާ ބެހޭ ބައި (ތައިސޭ ކޮށި، މާލެ) އޮފީހުންނެވެ.
އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުގައި ހުއްދަ ދީފައިވާ އުޅަނދުތައް ފިޔަވާ އެހެން އުޅަނދުތައް ދުއްވާނަމަ، އެންގުމާ ޚިލާފުވާ މީހުންނާމެދު ޤާނޫނީ ފިޔަވަޅު އާޅާނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ފަހަކަށް އައިސް ކޮންމެ އަހަރެއްގައިވެސް ޢީދުގެ މުނާސަބަތާ ގުޅިގެން، ވަކި ވަގުތުތަކެއް ވެހިކަލް ދުއްވުން މަނާ ގަޑިތަކެއްގެ ގޮތުގައި ހަމަޖައްސައެވެ. އެއީ ޢީދުގެ އެކި ހަރަކާތްތައް މަގުތަކުގައި ކުރިއަށްގެންދިއުމާ އަދި އާއިލާތަކަށް ހިތްހަމަޖެހުމާއެކު މަގުތަކަށް ނިކުމެ ހަރަކާތެރިވެވޭނެ ފުރުޞަތު ދިނުމަށެވެ.
ޢީދު ދުވަހު ހަވީރު މާލޭގައި ހިނގާފައި އުޅޭގޮތަށް ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ