އިއްޔެ ކުއްލިގޮތަކަށް ނިޔާވި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ މުހަންމަދު އާރިފް (ބަކާ) އަކީ ދިވެހި ގައުމަށް ގެއްލިގެން ދިޔަ އަގުހުރި ޖަވާހިރެއްގެ ގޮތުގައި ކުޅަވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ސިފަކުރައްވައިފިއެވެ.
ބަކާގެ ހަނދާނުގައި ޕީއެސްއެމް ނިއުސްއިން ގެނެސްދިން ހާއްސަ ޕްރޮގްރާމްގައި ވާހަކަދައްކަވުން ވަޒީރު ވިދާޅުވީ ބަކާގެ ކުއްލިވަކިވުން ގަބޫލްކުރަން ދަތިކަމަށާއި އެވާހަކަތައް ދައްކަން އެހާ ފަސޭހަ ނޫންކަމަށެވެ.
ފަހުގެ ތާރީހުގައި ގައުމީ ޓީމުގައި އެންމެ ވަރުގަދައަށް ކުޅުނު ކުޅުންތެރިޔާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއީ ފޫނުބެއްދޭވަރު ދަނޑިވަޅެއް ކަމަށާއި ބަކާ އަކީ ގައުމީ ޓީމުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔެއް ކަމަށެވެ.
މިހާރުގެ ކުޅިވަރު ވަޒީރު ރާފިއު ވަނީ ބަކާ ވީބީ ސްޕޯޓްސްއަށް ކުޅުނު ދުވަސްވަރު އެޓީމުގެ ފިޒީޝަނެއްގެ ގޮތުގައި މަސައްކަތް ކޮއްފައެވެ. ވަޒީރު، ބަކާ އެކު ހޭދަކުރި ދުވަސްތަކުގެ ތަޖުރިބާ ހިއްސާ ކުރަމުން ވިދާޅުވީ އޭއެފްސީ މެޗުތަކުގައި ވީބީ ވާދަކުރިއިރު ލީޑަރެއްގެ ރޯލު ވަރަށް ބޮޑަށް އޭނާ ކިބައިން ފާހަގަކުރެވުނު ކަމަށެވެ. އޭގެ ސަބަބުން އަލަށް ޓީމާ ގުޅުނު ޒުވާން ކުޅުންތެރިންނަށް މިސާލަކަށް ވެގެންދިޔަކަން ރާފިއު ފާހަގަކުރިއެވެ.
ބަކާ އެކު އެންމެ ގިނަ ދުވަހު އޭރު ހޭދަކުރެވުނީ ވީބީގައި ކަން ފާހަގަކުރަމުން ވަޒީރު ވިދާޅުވީ ބަކާގެ އެންމެ ބޮޑަށް ފާހަގަވަނީ ދީނީ ކަންކަމަށްދޭ އަހުމިއްޔަތުކަމެވެ.
ދަނޑުމަތީގައި ވެސް ދަނޑުން ބޭރުގައި ވެސް އެހެން މީހުންނާ ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އިސްވެ ހަރަކާތްތެރިވާ ފަރާތެއް ގޮތުގައި ބަކާ ފާހަގަކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. ޓީމަށް ދިމާވާ އެކި ކަހަލަ ނުތަނަވަސް ވަގުތުތަކުގައި ހާސްކަން ފިލުވާލަދޭ ފަރާތެއް ގޮތުގައި ފާހަގަކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ގައުމީ ޓީމު އިންޑިޔާ ދެކޮޅަށް ކުޅުނު މެޗެއްގައި ބަކާ ބެންޗުގައި ހުރެ ބެންޗުގައި ތިބޭ ކުޅުންތެރިންނަށް ދަނޑުމަތީގައި ހަދަމުންދިޔަ މިސްޓޭކްތައް ފާހަގަކޮއްދިން ހަނދާނަކީ ހިތުން ނުފިލާ ހުރި ހަނދާނެއް ކަމަށް ރާފިއު ވިދާޅުވިއެވެ.
" މުޅި ޓީމުގެ މަންފާއަށް މުޅި ޓީމު ވިންކޮއްދޭން ބޭނުންވާ ހުރިހާކަމެއް ބެންޗުގައި އިނދެގެން ހަމަ ޕްލޭޔަރެއްގެ ހައިސިއްޔަތުން ވެސް އަދި ލީޑަރެއްގެ ހައިސިއްޔަތުން ވެސް އެދޭންޖެހޭ، ނަމޫނާ ދެއްކިވި ވާހަކަތައް މިހާރުވެސް އަޅުގަނޑު ކަންފަތުގައި ހަރުލާ އެބަހުރި." ރާފިއު ވިދާޅުވިއެވެ.
ބަކާ އަކީ ގައުމަށް ގެއްލިގެންދިޔަ އަގުހުރި ޖަވާހިރެއް: އަބްދުﷲ ރާފިއު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ