މާލޭގެ މަގުމައްޗަށް ކުނިއަޅާ ބަންގާޅީއަކު ހޯދާ ޑީޕޯޓް ކުރަން އިމިގްރޭޝަނާ ހަވާލު ކޮށްފި

މާލޭ މަގުމައްޗަށް ކުނިއަޅާ މީހުން ހޯދުމަށް މާލެ ސިޓީ ކައުންސިލުން ހިންގާ ހާއްސަ ޕްރޮގްރާމުގެ ދަށުން އަތުލި ބަންގްލަދޭޝް (ބަންގާޅު) ގެ ރައްޔިތަކު ޑީޕޯޓު ކުރަން އިމިގްރޭޝަނާ ހަވާލު ކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، ކުނި އަޅާކަން ފާހަގަ ކުރެވިގެން ބެލި ބެލުމުން އަތުވި މީހާ އަކީ ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން އެނގިފައި ވާ ކަމަށެވެ. އެހެން ކަމުން އޭނާ ފުލުހުންނާ ހަވާލު ކުރުމުން ފުލުހުން މިހާރު ގެންދަނީ އިމިގްރޭޝަނާ ގުޅިގެން އޭނާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
ހުސްވި ރޯދައާ ދިމާކޮށް މާލޭގެ އެކިއެކި ގޭގެ ސާފުކޮށް އާންމުން މަގުތަކަށް ކުނިއެޅުމުގެ ސަބަބުން ހިނގާބިނގާވެ އުޅުމަށް އުނދަގޫވެ އާންމު އުނދަގުލަކަށް އެކަން ވުމުން ސިޓީ ކައުންސިލުން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގާ މާލެ ތެރެ ސާފު ކޮށްފައެވެ. ރޯދަމަހާއި އަދި އޭގެ ފަހުން މި ވީ މުއްދަތާ އެއްކޮށް މާލެ ތެރޭ ސާފު ކުރި އިރު 100 އެއްހާ ކޮންޓޭނަރުގެ ކުނި މާލެތެރެއިން ނަގާފައި ވާކަން ފާދަ ކުރެވުނެވެ.
ރޯދައަށް ގޭތެރެ ސާފުކޮށް މަގުމައްޗަށް ކުނިއެޅަން ޖެހުނު ސަބަބާ މެދު އާންމުންގެ ބައެއް ހިޔާލުތައް ހުރިގޮތަށް ބަލާ އިރު އެނގުނީ، ކުނި އުކާޅުމަށްޓަކައި ވޭމްކޯ އިން ޗާޗް ކުރާ ފީ ބޮޑުވުމާއި، ކުނި އުކާލަދޭން ޕިކަޕް ލޮރީތަކުން ނަގާ ޗާޖް ބޮޑުވުމަކީ އެއް ސަބަބު ކަމަށެވެ. އެގޮތުން ބާވެ އުކާލަންވެފައި ހުންނަ ކުނިކޮޅު ވޭމްކޯ ސައިޓަށް ގެންގޮސް ހުސްކުރުމަށް ކުޑަ ޕިކަޕަކަށް ވެސް 750 ރުފިޔާ ޗާޖު ކުރަމުން ގެންދިޔައެވެ.
އެގޮތުން ޓްރާންސްފާ ސްޓޭޝަނަށް ގެންދާ ކުންޏަށް ޓަނަކަށް 1060ރ އަދި ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޓަނަކަށް 2660ރ ނަގަން ނިންމާފައި ވާއިރު ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލީޓަރަކަށް 1.27ރ އަދި ޕްރައިވެޓް ކޮމާޝަލް ކަލެކްޓާސް އަށް ޓަނަކަށް 2660ރ ދެން ނަގާނެ ކަމަށް ވެސް ވެމްކޯއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކުނީގެ ބާވަތްތައް ވަކި ނުކޮށް އުކާލާ ގޭބިސީތަކުން ކޮންމެ ފަހަރަކު އިތުރަށް 1000 ރުފިޔާ ނަގާނެ ކަމަށް ވެސް ވެމްކޯއިން ބުނެއެވެ. 3 ބާވަތެއްގެ ކުނި ބަންދު ކުރަން ޖެހެނީ ވަކިން 3 ކޮތަޅުގައެވެ.
އެއީ އާންމުންނަށް ބޮޑު ތަކުލީފަކަށް ވެ ޝަކުވާތައް ބޮޑުވުމުން ކުނި އުކާލަދޭން ނަގާ ޗާޖް ވޭމްކޯއިން ކުޑަކުރިއެވެ. އެގޮތުން ގޭބީސީ ތަކުގައި ދުވަހުން ދުވަހަށް އުފެދޭ ކުނި އާންމުން އުކާލާނަމަ ކިލޯ އަކަށް ޗާޖް ކުރާ ރޭޓް 50 ލާރި އަށް ބަދަލުކުރިއެވެ. އަދި ސަރުކާރުގެ ތަންތަނުން އުކާލާ ހުރިހާ ބާވަތެއްގެ ކުންޏަށް ނަގާ ރޭޓް 2/66ރ. އަށް ކުޑަކުރިއެވެ. މި ރޭޓާއެކުވެސް ގޭޓް ފީގެ ގޮތުގައި ހުރިހާ ފަރާތްތަކުން 150ރ. ދައްކަން ޖެހޭނެ ކަމަށް ވޭމްކޯއިން ބުނެފައި ވެއެވެ.
މާލޭ ސިޓީ ކައުންސިލުން މަޖުތައް ސާފު ކުރި ފަހުންވެސް ތަކުރާރު ކޮށް ކުނިއަޅާ މަގުތަކެއް ފާހަގަ ކުރެވިގެން މީހުން ކުނިއަޅާތަން ފެންނަ ނަމަ ފޮޓޯ ނަގާ އަންގަން ސިޓީ ކައުންސިލުން އާންމުންގެ ކިބައިން އެދިފައި ވެސް ވެއެވެ. އަދި އެގޮތަށް އާންމުކޮށް ކުނިއަޅާ މަގުތައް އިއުލާން ކުރި އިރު ޖުމްލަ 10 ސަރަހައްދެއް ސިޓީ ކައުންސިލުން ފާހަގަ ކުރިއެވެ. މި ސަރަހައްދުތަކަކީ ގިނަ އަދަދަކަށް ބިދޭސީން [ހާއްސަކޮށް ބަންގްލަދޭޝް ގެ ރައްޔިތުން] ދިރިއުޅޭ ސަރަހައްދުތަކެއްކަން ވެސް ފާހަގަ ކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ