އަމާޒަކީ ކާބޯތަކެތިފަދަ އާއްމު މުދާތައް އެދުވަހުން ދުވަހަށް ކްލިއަރކުރުން: ޝާހިދު

މިރޯދަމަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން އަމާޒު ހިފައިފާވަނީ ކޮންމެ ދުވަހަކު އަންނަ ކާބޯތަކެތިފަދަ އާއްމު މުދާތައް އެދުވަހުން އެދުވަހަށް ކްލިއަރކުރުންކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ މިހެން ވިދާޅުވީ ރޯދަމަހާއި ގުޅިގެން އެމްޕީއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ކޮންމެ އަހަރެއްގެވެސް ރޯދަމަހު ގިނަ ޢަދަދެއް މުދާ ރާއްޖެއަށް އެތެރެކުރަން ޖެހުމާއި ގުޅިގެން އެމްޕީއެލްއަށް ބާރުބޮޑުވެއެވެ. އެގޮތުން، 2022 ވަނަ އަހަރުގެ ރޯދަމަހަކީ ކޯވިޑްގެ ފަހުން އެންމެ ގިނަ އަދަކަށް މުދާ އެތެރެކުރި މަހެވެ. އަދި މިއަހަރުގެ ރޯދަމަހު މުދާ އެތެރެކުރާ މިންވަރު އިތުރުވާނެކަމަށްވެސް އެމްޕީއެލްއިން ލަފާކުރެވެއެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މިރޯދަމަހުވެސް ދަތިކަމެއް ނެތި މުދާ ކްލިއަރ ކުރުމަށް އެމްޕީއެލްއިން ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން، މިއަހަރުގެ އަމާޒަކީ ކޮންމެ ދުވަހަކު އަންނަ ޝިޕްމަންޓްތައް އެދުވަހުން އެދުވަހަށް ކްލިއަރ ކުރުންކަމަށް ޝާހިދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޓަގެޓް ކުރަނީ ކާބޯތަކެތި އަންނަ ދުވަހު ބާލަން. މިސާލަކަށް އެދުވަހު ހެނދުނު ބޯޓެއް އައިއްސިކަމަށްވަންޔާ އެބޯޓުގައި ހުރި މުދާ ހަމަ އެދުވަހު ކްލިއަރކޮށް ނިންމަން" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރޯދަމަހު މުދާ ކްލިއަރކުރުމަށް ޚާއްސަ ޓާސްކް ފޯސްއެއް އެކުލަވާލާފައިވާކަމަށެވެ. އަދި މުދާ އައުމާއިއެކު މިޓާސްކް ފޯސް މެދުވެރިކޮށް އެމުދާ ބާލާ، ކްލިއަރކޮށް، މުދަލުގެ ވެރިފަރާތަށް ރައްދުކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެއިތުރުން ރޯދަމަހާއި ދިމާކޮށް މުދާ ކްލިއަރކުރުމަށް މުވައްޒަފުންވެސް އިތުރުކޮށްފައިވާކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ.
ރޯދަމަހާއި ގުޅިގެން މުވައްޒަފުން އިތުރުކުރުމުގެ އިތުރުން އެކުންފުނިން ވަނީ މުދާ ކްލިއަރ ކުރުމަށް އުޅަނދުތައްވެސް އިތުރުކޮށްފައެވެ. އެގޮތުން، އޮޕަރޭޝަންތައް ހަލުއިކުރުމަށް އިތުރު 4 ރީޗް ސްޓެކަރ ގެނެސްފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.
"ރީޗްސްޓެކަރ އޮޕަރޭޝަންއަކީ މުދާ ކްލިއަރކުރުމަށް ކޮންޓެއިނަރތައް ބޭލުމަށްފަހު ކޮންޓެއިނަރތައް ކްލިއަރކުރާ ސަރަހައްދުތަކަށް ގެންދިއުމަށް ބޭނުން ކުރެވޭ އުޅަނދުތަކެއް. މީ އައު އުޅަނދުތަކެއް އެހެންވީމަ މި އުޅަނދުތަކުގައި މައްސަލަ ޖެހިގެން ވަގުތު ގެއްލުން ވަރަށް ބޮޑަށް ކުޑަވެގެންދާނެ. އެހެންވީމަ ކޮންޓެއިނަރ އޮޕަރޭޝަނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ" ޝާހިދު ވިދާޅުވިއެވެ.
ރޯދަމަހު އެމްޕީއެލްގެ މުވައްޒަފުން 24 ގަޑިއިރު 2 ޝިފްޓަކަށް މަސައްކަތް ކުރާނެއެވެ. އެގޮތުން، މުދާ ކްލިއަރު ކުރުމުގެ އޮޕަރޭޝަންތައް ހިންގާނީ ހެނދުނުގެ 9:15 އިން މެންދުރު 4:30 އަށެވެ. އަދި ރޭގަނޑު 9:15 އިން ދަންވަރު 1:30 އަށެވެ.
މީގެއިތުރުން، ރޯދަމަހު ގެނެވޭ ކާބޯތަކެތި ހިޔާ ސަރަހަދެއްގައި ބެހެއްޓުމަށް ވަގުތީ ޝެޑްތަކެއް މާލޭގެ ވިޔަފާރި ބަނދަރާއި ހުޅުމާލޭގެ ވިޔަފާރި ބަނދަރުގައި ޤާއިމްކޮށްފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ސަރަހައްދީ އެހެން ވިޔަފާރި ބަނދަރުތަކުގައިވެސް މިފަދަ ތައްޔާރީތައް ވެފައިވާކަންވެސް ޝާހިދު ފާހަގަކުރެއްވިއެވެ.
ރޯދަމަސް ނޫން މަސްތަކުގައިވެސް އެމްޕީއެލްއިން ދޭ ޚިދުމަތްތައް އަވަސްކުރުމަށް އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެކުރިއާ އަޅާބަލާއިރު އެމްޕީއެލްއިން މުދާ ކްލިއަރކުރުމަށް ނަގާ ވަގުތު ވަނީ އެތައް ގުނައަކުން ކުޑަވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ