ސްޕެނިޝް ލީގުގައި ރާޔޯ ވަޔެކާނޯ އަތުން ބާސެލޯނާ 1-0އިން މޮޅުވި މެޗުގައި އެންމެން ވެސް އަޅައިގަތީ ކުޅުންތެރިން ދަނޑަށް ނުކުތް ޖާޒީއާ މެދުގަ އެވެ.
މި މެޗު ކުޅެން ކުޅުންތެރިން ދަނޑަށް ހާޒިރުގަ އާއި މެޗަށް ނުކުތްއިރު ލައިގެން ތިބީ އެ ކުލަބުގެ ކުރީގެ ލެޖެންޑް ރޮނާލްޑީނިއޯގެ ނަން ޖަހާފައިވާ ޖާޒީ އެވެ. މިއީ 2005 ވަނަ އަހަރުގެ ސީޒަނުގައި އޭނާ ބޭނުން ކުރި ޖާޒީ 10 ނަންބަރު ޖާޒީ އެވެ. މި ޖާޒީގައި އޭނާ ވަނީ އެ އަހަރުގެ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްދީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.
ބާސެލޯނާއިން ބުނީ މިއީ ދެ މަގްސަދެއްގައި ކުރި ކަމެއް ކަމަށެވެ. ފުރަތަމަ ކަމަކީ ސްޕެނިޝް ލީގުގެ ޓީމުތަކުން ކުރީގެ ޖާޒީތައް ދައްކާލަން ބޭނުންވުމުން އެކަމަށް ތަރުހީބު ދިނުމެވެ. ދެ ވަނަ ކަމަކީ މި މަހުގެ 21ވީ ހޮނިހިރު ދުވަހަކީ ރޮނާލްޑީނިއޯގެ 46 ވަނަ އުފަން ދުވަސް ކަމުން އެކަން ފާހަގަ ކުރުމެވެ.
ބްރެޒިލަށް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ރޮނާލްޑީނިއޯ ބާސެލޯނާ އަށް ބަދަލުވީ 2003 ވަނަ އަހަރު ފްރާންސްގެ ޕެރިސް ސެންޓް ޖަމައިން އިންނެވެ. އޭނާ ވަނީ ފަސް އަހަރު ވަންދެން ބާސެލޯނާ އަށް ކުޅެދީ 145 މެޗުން 70 ގޯލު ޖަހައިދީފަ އެވެ.
ރޮނާލްޑީނިއޯ ބާސެލޯނާ އަށް ގެނައީ އެ ކުލަބުގެ މިހާރުގެ ރައީސް ޖޯން ލަޕޯޓާ ރައީސްކަން ކުރެއްވި ފުރަތަމަ ދައުރުގަ އެވެ. ލަޕޯޓާގެ ކެމްޕޭން ވައުދެއް ފުއްދުމަށް ރޮނާލްޑީނިއީ ގެނައިއިރު އޭނާ ވެގެންދިޔައީ ބާސެލޯނާ ހޯދި ކާމިޔާބީތަކުގައި މުހިންމު ކުޅުންތެރިއަކަށެވެ. އަލުން ބާސެލޯނާފެ ރައީސް ކަމަށް 2021 ވަނަ އަހަރު ވަޑައިގެންނަވައި ލަޕޯޓާ މިދިޔަ ހަފުތާގައި ދެ ވަނަ ދައުރަކަށް އިންތިހާބުވުމުން ރޮނާލްޑޯނިއޯ ވަނީ އޭނާ އަށް މަރުހަބާ ކިޔައި ސޯޝަލް މީޑިއާގައި އެކަން ފާހަގަ ކޮށްފަ އެވެ.
ބާސެލޯނާގެ ކުޅުންތެރިން ރޮނާލްޑީނިއޯގެ ޖާޒީ ބޭނުން ކުރީ ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ