އެމެރިކާއާއެކު މަޝްވަރާކުރާ ކަމަށް ޓްރަމްޕް ދައްކާ ވާހަކައަކީ 'ފޭކް ނިއުސް' އެއް: އީރާން

އެމެރިކާއާއެކު މަޝްވަރާކުރާ ކަމަށް ޓްރަމްޕް ދައްކާ ވާހަކައަކީ ތެލުގެ ބާޒާރު އޮޅުވާލަން ފަތުރާ "ފޭކް ނިއުސް" (ދޮގު ޚަބަރު) އެއް ކަމަށާއި ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް މަޝްވަރާއެއް އަދި މިހާތަނަށް ނުހިނގާކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާޣިރް ޤާލިބާފް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާކަމަށެވެ. އަދި މިފަދަ ދޮގު ޚަބަރުތައް ފަތުރަނީ މާލީ އަދި ތެލުގެ ބާޒާރުތައް ކޮންޓްރޯލްކޮށް، އެމެރިކާއާއި އިސްރާއީލު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އީރާނުގެ ރައްޔިތުން އެދެނީ އިސްރާއީލާއި އެމެރިކާގެ އިސްފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ކަމަށާއި، މި މަޤްޞަދު ހާސިލުވަންދެން އީރާނުގެ ހުރިހާ ވެރިން ތިބޭނީ އެޤައުމުގެ ސުޕްރީމް ލީޑަރާއި ރައްޔިތުންގެ ފަހަތުގައިކަންވެސް ޤާލިބާފް ފާހަގަކުރެއްވިއެވެ.
އަނެއްކޮޅުން، އީރާނުގެ ފާރސް ނޫސް އެޖެންސީން މިހާރު ވަނީ އިސްފަހާން އަދި ޚުއްރަމްޝަހަރުގައި ހުރި ހަކަތައާ ގުޅޭ މަރުކަޒުތަކަށް ޙަމަލާތަކެއް ދީފައިވާކަން ކަށަވަރުކޮށްދީފައެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މި ޙަމަލާތައް ދީފައިވަނީ ހޯމަ ދުވަހުގެ ދުވާލުގެ ވަގުތުގައެވެ.
މި ޙަމަލާތައް ދީފައިވަނީ އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ޙަމަލާނުދީ މަޑުޖައްސާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެޤައުމުގެ 'ޑިޕާޓްމަންޓް އޮފް ވޯ' އަށް އެންގި އެންގުމާއި އަދި އީރާނަށް ދިން މުހުލަތު އިތުރުކުރިކަން އިޢުލާނުކުރުމުގެ ކުރިން ކަމެއް ނުވަތަ ފަހުން ކަމެއް އަދި ސާފެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ