އިބުރާގެ ފާޑުކިޔުން ސަރުކާރަށް: 'އަނެއްކާ ވެސް މައުމޫނު ދައުރު'

އަނެއްކާވެސް ފެންނަމުން ދަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހުރި ސިފަތައް ކަމަށް ވިދާޅުވެ، އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއިލް (އިބުރާ) އަދުގެ އެމްޑީޕީ ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ ހާއްސަ މަޖިލީހުން ގާނޫނު އަސާސީ ޑްރާފްޓު ކުރިއިރު އެ ކޮމެޓީގެ މުގައްރިރުކަން ކުރެއްވި އިބުރާ އެފަދައިން ވިދާޅުވެފައިވަނީ ގާނޫނު އަސާސީ މާނަކުރަމުންދާ ގޮތާ މެދު ހުރި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ހިއްސާ ކުރެއްވުމުން އެ މައްސަލަތައް ދިރާސާ ކުރުމަށް މިއަދު ބޭއްވި ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި އޭނާ ވަނީ ގާނޫނު މާނަ ކުރަމުންދާ ގޮތާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެގޮތުން، ބައެއް އިދާރާތަކުން އެކުލަވައިލާ އުސޫލުތަކާއި ގަވާއިދުތައް ދެކޮޅު ނުޖެހޭ ކަމަށް ބުނެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިބުރާ ވިދާޅުވީ މިހާރު އަނެއްކާ ވެސް ފެންނަމުން ދަނީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ހުރި ސިފަތައް ކަމަށެވެ. "މިހާރު ހަމަ އަނެއްކާ ވެސް މައުމޫނު ދައުރު. ސަރުކާރު އޮފީސްތަކުން ގަވާއިދު ހަދަނީ، ގާނޫނަކަށް ގާނޫނެއް. އެތާ ތިބޭ މީހުން ބޭނުންހާ އެއްޗަކަށް ގަވާއިދު ހަދާފައި މީހުންގެ މަސައްކަތްތައް ހުއްޓުވަނީ. ދެން އޭއްޗެހި ބާތިލުކުރަން ކޯޓަށް ދިޔައީމާ މި ޖެހޭ ދިގު ޕްރޮސެސް،" އޭނާ ކަންބޮޑުވުން ހިއްސާ ކުރެއްވިއެވެ. މިއަދުގެ ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމެ ތެރެއިން-- ފޮޓޯ/ ރައްޔިތުންގެ މަޖިލީސް އޭނާ ވިދާޅުވީ މީހުންގެ މަސައްކަތްތައް ހުއްޓޭ ގޮތަށް ގާނޫނު ހެދުމުގެ ސަބަބުން އުނދަގުލާ ދިމާވާ ކަމަށެވެ. އެހެންވެ، އެ މައްސަލަތައް ޝަރީއަތަށް ހުށަހަޅައިގެން ޝަރީއަތުން އެ ކަމުގައި ގޮތެއް ނިންމާއިރު އޮންނަނީ އެ މީހުންގެ މަސައްކަތްތައް ހުއްޓިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ސިވިލް ސާވިސްގައި އިންނަ މުވައްޒަފަކު ހަދާލައި ގަވާއިދެއް، ވަޒީރު މީހާ ތައްގަނޑު ޖަހާލަނީ ނުވެސް ބަލައިލާ. އެހެންވީމާ ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ފަހި ކޮށްދިން މިނިވަންކަމެއް ނުލިބެޔޭ،" އިބުރާ ވިދާޅުވިއެވެ. ގާނޫނު އަސާސީން ލިބިދީފައިވާ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުން ގަވާއިދުތައް އެކުލަވައިލާ ކަމަށް ވިދާޅުވެ، އޭނާ ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ގާނޫނުން ލިބިދީފައިވާ މިނިވަންކަމަށް ހުރަސް އެޅޭ ފަދަ ގަވާއިދެއް ހެދިފައި އޮވެގެން ނުވާނެ ކަމަށާއި އެއީ 'މައުމޫން ދައުރު'ގެ ސިފައެއް ކަމަށެވެ. މި ސަރުކާރުގައި މައުމޫން ސަރުކާރުގެ ސިފަތައް ހުރި ކަމަށް އިބުރާ ތުހުމަތު ކުރައްވާފައިވާއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ ތުހުމަތު ކުރައްވައެވެ. އެ މަނިކުފާނު ސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަނީ މި ސަރުކާރުގައި އެމްޑީޕީވަންތަ ސިފަތައް ނެތް ކަމަށް ތުހުމަތު ކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ