ޖެމްސް ވަރކް ސްޕޭސް ތަޢާރަފް ކުރުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފި

ގަވަރމެންޓް އީ-ލެޓަރ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް)ގެ އައު ވަރޝަން، ޖެމްސް ވަރކް ސްޕޭސް ތަޢާރުފް ކުރެއްވުމާއި ލިޔެކިޔުންތައް ބަދަލުކުރުމުގެ އުޞޫލުތަކަށް ބަދަލުގެނައުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވައިފިއެވެ.
މިކަމާއި ގުޅޭ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހުށައެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި މަޝްވަރާގައި ވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ ލިޔެކިޔުންތައް ބަދަލުކުރުމުގައި މިހާރުގެ ޓެކްނޮލޮޖީއާ އެއްހަމައިގައި ކުރިޔަށް ގެންދިޔުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. މިގޮތުން، ޖެމްސްގެ އައު ވަރޝަން ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ލޯންޗު ކުރުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
އަލަށް ތަޢާރަފްކުރެވޭ ޖެމްސްގެ އައުވަރޝަން ފަރުމާކޮށްފައި ވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ މުއާމަލާތްތައް ކުރުމަށްޓަކައި، ލިޔެކިޔުން ތައްޔާރުކުރުމަށް، އެހެން ސޮފްޓްވެއާއެއް ބޭނުން ކުރަން ނުޖެހޭގޮތަށް، ޓެމްޕްލޭޓްތައް ހިމަނައި، ޖެމްސްއިން ސިޓީ ބިޓީ ޑްރާފްޓްކޮށް، އެފަދަ ސިޓީ ބިޓީތައް ޕްރިންޓް ނުކޮށް އިލެކްޓްރޯނިކް ސޮޔާއެކު ފޮނުވޭ ގޮތަށެވެ. މީގެ އިތުރުން ޖެމްސް ވަރކް ސްޕޭސް ލޯންޗު ކުރުމުގެ ހަތަރުވަނަ ފިޔަވަހި ނިމޭއިރު، ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކަށްވެސް ޖެމްސްގެ ތެރެއިން ސަރުކާރުގެ އިދާރާތަަކަށް ސިޓީބިޓީ ފޮނުވައި މުއާމަލާތްކުރެވޭނެއެވެ.
މިހާރު ބޭނުން ކުރަމުންދާ، ގަވަރމެންޓް އީ-ލެޓަރ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް)އަކީ، 2010 ވަނަ އަހަރު ބޭނުން ކުރަންފެށި ސިސްޓަމެކެވެ. އަދި އޭރު ޖެމްސް ޑިވެލޮޕްކުރުމަށް ބޭނުންކޮށްފައިވާ ފްރޭމްވޯކާއި، ޓެކްނޮލޮޖީ އައުޓްޑޭޓްވެފައި ވުމުގެ ސަބަބުން، ޖެމްސް މެނޭޖްކޮށް ސަޕޯޓްދިނުމަށް ވަރަށް ބޮޑަށް ދަތިވެފައިވާކަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ފާހަގަކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ