ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީ ބަދަލުކުރި ނަމަވެސް ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބްރޯޑްކާސްޓިން ކޮމިޝަނަށް އައު މެންބަރަކު އައްޔަންކުރުމުގެ ބަހުސްގެ ތެރެއިން މި ބަހުސް ތިލަވީ މަޖިލިސް މެންބަރުންގެ މިނިވަންކަން ނެތް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވުމާ ގުޅިގެންނެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ޒިޔާދު ވިދާޅުވީ މި ވެރިކަމުގައި ގާނޫނުއަސާސީއަށް ގެނައި ބަދަލާއެކު މަޖިލިސް މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ އަދި ތަމްސީލު ކުރާ ސިޔާސީ ޕާޓީން އެ މެންބަރަކު ވަކިކޮށްފިނަމަ ގޮނޑި ގެއްލޭ ކަމަށެވެ.
"އިއްޒަތްތެރި މެންބަރު. ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ކަމަށް ވާހަކައެއް ނެތް ގާނޫނުއަސާސީއަކު އެއް. އަޅުގަނޑު މި ޖެހެނީ ކޮންމެ ފަހަރަކު އެކަންކަން ރަނގަޅު ކޮށްލަދޭން. އެވާހަކަ އެގޮތަށް ލިޔެފަ އެބައޮތްތޯ ގާނޫނުއަސާސީގަ،" ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވި ނަމަވެސް ސަރުކާރުން ހުށަހަޅާ ނޮވެމްބަރު 20، 2024 ގައި ގާނޫނުއަސާސީއަށް ގެނައި ބަދަލުގައި އެ ވާހަކަ ހިމަނާފައިވެ އެވެ.
1. ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.
2. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.
3. އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.
އެ ބަދަލުގައި މެންބަރަކު ޕާޓީން ވަކިވެއްޖެނަމަ، ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ގާނޫނުގެ ދަށުން ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އަމިއްލަ ގޮތުން އިންތިހާބުވާ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަވެސް ގޮނޑި ގެއްލެ އެވެ.
އަބްދުއްރަހީމްގެ ވާހަކަފުޅާ ގުޅިގެން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ ބައެއް ތަޅުމުގައި ކިޔުއްވާފަ އެވެ. އޭނާ އަބްދުއްރަހީމް ދޮގު ހެއްދެވި ކަމަށް ތުހުމަތުކުރެއްވި އެވެ.
"އޭގަ އޮންނާނެ. އެ ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން އެކުލަވާލެވޭ ގާނޫނެއްގެ ވާހަކަ. އޮންނާނެ. އޮންނާނެ. އޮންނާނެ،" އަނެއްކާ ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ނަމަވެސް، ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައި މެންބަރުން ޕާޓީން ވަކިކޮށްގެން ގޮނޑި ގެއްލޭ މާއްދާގައި ބަހުން ބަހަށް ބުނެފައި އޮތީ "އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން" މިފަދައިންނެވެ.
މަޖިލީހަށް ހުށަހެޅި ބިލުގައި ވެސް އެއީ އަލަށް ހަދާ ގާނޫނެއްކަން ބަޔާންކޮށްފައި ނުވެ އެވެ. މިހާރު އަމަލުކުރަމުންދާ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ޕާޓީގެ މެންބަރުން ވަކިކުރުމަށް އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްދީފައިވެ އެވެ.
ގާނޫނުއަސާސީއަށް ބަދަލު ގެނައިތާ ފަސް މަސް ވެގެންދިޔައިރު މިހާތަނަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން އަދި ސަރުކާރުގެ ވެރިން ބުނާ އައު ގާނޫނެއް ހަދަން މަޖިލީހަށް ބިލެއް ހުށަހަޅާފައި ނުވެ އެވެ.
އަބްދުއްރަހީމް ގަބޫލުކުރައްވާ ގޮތުގައި ޕާޓީ ބަދަލުކުރިޔަސް މެންބަރުންގެ ގޮނޑި ނުގެއްލޭނެ އަބްދުއްރަހީމް ގަބޫލުކުރައްވާ ގޮތުގައި ޕާޓީ ބަދަލުކުރިޔަސް މެންބަރުންގެ ގޮނޑި ނުގެއްލޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ