ނުހައްގުން މުއްސަނދިކަން ހޯދާ މީހުން ތަހުގީގު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: އިމްރާން

ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތްތައް ވަކިކޮށް އެފަރާތްތަކުގެ މުއްސަނދިކަމާއި ގުޅުންހުރި ތަހުގީގު ކުރުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މާފަންނު އުތުރުދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މެމްބަރު އިމްތިޔާޒް ވަނީ، ސަރުކާރުން ބޭއްވި ވިޔަވަތި މަހާސިންތާގައި ރާއްޖޭގެ ކްރިމިނަލް ގޭންގުތައް އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށާއި، އެމީހުން ނުހައްގުން މުއްސަނދިކަން ވެސް ހޯދަމުންދާކަން ހާމަކުރުމާއި ގުޅިގެން، ނުހައްގުން މުއްސަނދިކަން ޖިނާއީ ކުށަކަށް ހަދާފައިވާއިރު، އެ މިގާނޫނުގެ ދަށުން ތަހުގީގެއް ނުވަތަ ދައުވާއެއް ކޮށްފައިވޭތޯ ސުވާލުކުރައްވާފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، ފުލުހުންގެ ތަހުގީގުތަކުގެ ތެރެއިން ނުހައްގުން މުއްސަނދިކަން ހޯދުމާ ގުޅުންހުރި ބައެއް މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ފާހަގަކުރެވޭ މުހިންމު ފަރާތްތަކަކާ، އެފަރާތްތަކެއްގެ މުއްސަނދިކަމާއި ގުޅުންހުރި ބައެއް ކަންކަން މިހާރު ފުލުހުން ބަލަމުންދާ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، މިކަމުގައި ދައުވާ ކުރާ ހިސާބަށް އަދި މަސައްކަތް ގޮސްފައިނުވި ނަމަވެސް، ފުލުހުންދަނީ އެ މައްސަލަތައް ވަރަށް ގާތުން ތަހުގީގުކުރަމުން ކަމަށެވެ.
އަދި އުންމީދަކީ އެފަދަ ފަރާތްތަކުގެ މައްސަލަތައް ވަރަށް އަވަހަށް ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހަށް ދައުވާ ކުރުމަށް ފޮނުވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮރަޕްޝަން ހުއްޓުވުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަށް ގާނޫނަށް ގެނެސްފައިވާ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތިސްދީގުކުރައްވާފައިވަނީ 2021 ވަނަ އަހަރުގެ މޭ މަހުގެ 6ވަނަ ދުވަހުގައެވެ. އެ ބިލް ފާސްކޮށްފައިވަނީ 2021 މަހުގެ 19 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 30 ވަނަ ޖަލްސާގައެވެ.
އެ އިސްލާހުގެ ދަށުން ރިޝްވަތު ހުށަހެޅުމަކީ ކުށެއްކަމުގައި އަނޑައަޅާ އެކުށް ސާބިތުވާނެ ހާލަތު ވަނީ ބަޔާންކޮށްފައެވެ.
މީގެއިތުރުން، އެ ގާނޫނަށް ގެނައި އިސްލާހުގައި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް ކަނޑައަޅާފައިވެއެވެ.
އަދި މިފަދަ ކުށެއްކުރިކަމުގައި ނިންމާ ހަމަތަކާއި އުސޫލުތައްވެސް އެ އިސްލާހުގައި ކަނޑައަޅާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ