ސައުދީގެ ހަނަފަސް ސަހަރާތަކަށްވެސް ބަހާރު މޫސުން!

މީގެ ދޮޅުމަހެއްހާ ކުރިން ސައުދީގެ ވާދީތަކުގައި ވިނަފަޅައި، ފެހިފެހިކުލައަށް ބަދަލުވި މަންޒަރުތަކަކީ އެންމެން ހައިރާންކޮށްލި އަޖައިބުކުރުވަނިވި މަންޒަރެކެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ އެ ފޮޓޯތަކާއި ވީޑިއޯތަކަށް ބަލާލުމުން ފެންނަމުން ދިޔައީ އެ ހަނަފަސް ވާދީތަކުގައި ފެހިކުލައިގެ ގުދުރަތީ ދޫލަތަކެއް އަޅާފައިވާ ހިތްގައިމު މަންޒަރުތަކެވެ.
ރިޕޯޓްތައް ބުނާ ގޮތުން، އެ ހަނަފަސް ވާދީތަކާއި ސަހަރާތައް ފެހިކުލައިން ޖަރީވެގެން ދިޔައީ އެހެން އަހަރުތަކާއި ހިލާފަށް މިދިޔަ ޑިސެމްބަރުގައި ސައުދި އަރަބިއާއަށް ކުރި ބޯވިއްސާރަ ދިގުލައިގެން ދިއުމާ ގުޅިގެންނެވެ.
 
އެ ހިތްގައިމު މަންޒަރު އަނެއްކާވެސް މިވަނީ އިތުރަށް ފުރިހަމަވެފަ އެވެ. މި ފަހަރު ބަހާރު މޫސުމުންނެވެ. ސައުދީގެ އުތުރުގައި އޮންނަ ރަފްހާގެ ހަނަފަސް ސަހަރާތަކުން މިހާރު ފެންނަމުން ދަނީ “ދަނބު” ކުލައިގެ މާ އަޅާ ފުރާލާފައި އޮތް ތަނެވެ. އަރަބިން މި ޒާތުގެ މަލަށް ކިޔާ އުޅެނީ “ވައިލްޑް ލަވެންޑާ” އެވެ. އެ ހަނަފަސް ބިމުގެ ކޮޅު ނުފެންނަ ހިސާބަށް އޮތީ ހުސް އެ މަލުގެ ކުލަ އެވެ.
މި ހިތްގައިމު މަންޒަރު ބަލަން ސައުދި އަރަބިއާގެ އެކި ހިސާބުތަކުން މީހުން ދަނީ ޖަމާވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ