ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދަން މަސައްކަތް ކުރާނަން: ގާސިމް

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ އިމުގެ މައްސަލަ ނިމުނީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށާއި އެ ސަރަހައްދު ހޯދަން ކުރެވެން އޮތް މަސައްކަތެއް ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމީ ރާއްޖެ އަށް ބޮޑު ބައެއް ލިބޭ ގޮތަށެވެ. ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެ އަށް ލިބެ އެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ.
އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ.
ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިގްތިސާދީ ނަފާ ހޯދަން ދިވެހިންނަށް ލިބެން އޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް އިޓްލޮސްގެ ހުކުމާ އެކު ގެއްލިއްޖެ ކަމަށެވެ.
އޭގެ ސަބަބަކީ ގާސިމް ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރުން މިކަމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު މޮރިޝަސްއަށް ފަހިވާގޮތަށް ކުއްލިއަކަށް ބަދަލުކުރުމެވެ. އެއާއެކު މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީ ބޮޑު ދައުރެއް އަދާކުރިކަން، ފަނޑިޔާރު އިއްވެވި ހުކުމުން އެނގެން އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
"މި އަމަލަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 3ވަނަ މާއްދާ އާއި އަދި 6/96 ދިވެހިރާއްޖޭގެ ކަނޑުތަކާ ބެހޭ ގާނޫނުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތްތަކާ ހިލާފަށް ކުރެއްވެވި އަމަލަކަށްނުވޭތޯ އެވެ؟" ޓުވީޓުގައި ގާސިމް ސުވާލު އުފެއްދެވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ސަރަޙަައްދުން އެންމެ ކޮޑި އިންޗިއެއް ވެސް ދިވެހިންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ތާއީދެއް ނުކުރައްވާނެ އެވެ.
"އެހެންކަމުން އިޓްލޮސް ގެ މި ހުކުމާ ގުޅިގެން ދިވެހިންނަށް ގެއްލިގެންދިޔަ ކަނޑުގެ ސަރަހައްދު އަނބުރާ ލިބޭނެ އެއްވެސް ގޮތެއް އޮތްތޯ ދިރާސާކޮށް، އެމަގަށް ދިވެހިރައްޔިތުންނާ އެކު އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިތިބީ ނުކުމެ އެވެ،" ގާސިމް ވިދާޅުވި އެވެ.
ރާއްޖެއަށް ކަނޑުގެ ބޮޑުބައި ލިބިފައިވުމަކީ ކާމިޔާބެއް ކަމަށް ސަރުކާރުން ބުންޏަސް ޕީޕީއެމާއި އެމްއެންޕީ އާއި އެމްއާރުއެމުން ވެސް ވަނީ އެ ނިންމުން ބަލައިނުގަންނަކަން ހާމަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ