އަދީބު ބައިވެރިކޮށްގެން ގޭންގާއި ޚިޔާނާތޭ ކިޔައިގެން އިއްތިހާދުން ދައްކާނެ ވާހަކައެއް ނޯންނާނެ: އުމަރު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ބައިވެރިކޮށްގެން ގޭންގު މާރާމާރީ އާއި ހިޔާނާތޭ ކިޔައިގެން އިދިކޮޅު އިއްތިހާދުން ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ހޯމް މިނިސްޓަރު އުމަރު "ސަން"އަށް މިއަދު ވިދާޅުވީ ރާއްޖޭގައި ގޭންގު ހަރަކާތްތައް ރާވައި ހިންގާ އެންމެ އިސްވެރިޔަކީ އަދީބު ކަމަށް އެމްޑީޕީން މީގެކުރިން ބުނެފައިވާ ކަމަށެވެ. އެހެންކަމުން އަދީބު ބައިވެރިކޮށްގެން ހަދާފައިވާ ޔުނައިޓެޑް އޮޕަޒިޝަނަކުން ގޭންގު މާރާމާރީ އާއި ހިޔާނާތޭ ކިޔައިގެން ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ އަދީބަކީ ގޭންގު ހަރަކާތްތައް ހިންގުމުގެ އިސްކޮށް އުޅޭ ބޭފުޅަކަށްވާއިރު، މަސްތުވާތަކެއްޗަށް ހިތްވަރު ދިނުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްދައުރެއް އަދާކުރައްވާފައިވާ ކަމަށެވެ. "ރާއްޖޭގައި ކުށްކުރުން ކޮންޓްރޯލް ނުކުރެވިގެން މިއުޅެނީ ދެ ސަބަބަކަށްޓަކައި. އެއީ މަސްތުވާއެއްޗިހި އަނެއް ސަބަބަކީ ގޭންގު. ދެކަން ވެސް ހުއްޓެނީ އެ ބުނާ އެލަޔަންސްއާ ހަމަޔަށް. ފުރަތަމަ މަސްތުވާއެއްޗިހި ރާއްޖެއަށް ފަތުރައި އެއަށް ހިތްވަރުދީ ބޮވެންޖެހޭނޭ ބޯންޖެހޭނޭ ގޮވައި ހެދި މީހަކީ ޔުނައިޓެޓް އޮޕޮޒިޝަންގެ އެކަކު. އޭނާގެ ސަބަބުން ޒުވާނުން މަސްތުވާއެއްޗިއްސަށް ދެވި ހިފައި އޭގެތެއަށްވަދެ އެކަމަށް ހިތްވަރު ލިބި ހެދީ. ދެން އޮތީ ގޭންގު. ގޭންގުކަންތައް ރާވައި އެކަންކަން ހިންގާ އެންމެ އިސްވެރިޔަކީ އަދީބު ކަމަށް އެމްޑީޕީން ވެސް ބުނޭ. އެހެންވީމަ ދެ ޕުރޮބްލަމް ވެސް އޮތީ އެތާގައި،" އުމަރު ވިދާޅުވި އެވެ. މާލޭގައި މިހާރު ހިންގާ ގްރޫޕް މާރާމާރީތަކުގެ ޒިންމާ ހޯމް މިނިސްޓަރު ނަންގަވަންޖެހޭނެ ކަމަށް ވިދާޅުވެ އުމަރުގެ އިސްތިއުފާ ދެއްވުމަށް އިދިކޮޅު އިއްތިހާދުން މިއަދު ވަނީ ގޮވާލައްވާފަ އެވެ. އެވާހަކައަށް ރައްދުދެއްވަމުން އުމަރު ވިދާޅުވީ އޭނާ އިސްތިއުފާ ދިނަސް އަދި ނުދިނަސް އެއީ ގޭންގު މާރާމާރީތައް ހުއްޓޭނެ ސަބަބެއް ނޫން ކަމަށާއި މާރާމާރީތައް ހުއްޓުވުމަށްޓަކައި ސަރުކާރުން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. ގޭންގު މާރާމާރީތަކަކީ އަލަށް ރާއްޖޭގައި ހިގައިގެން އުޅޭ ކަމެއް ނޫން ކަމަށާއި އެކަން ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތް މި ސަރުކާރުން ވެސް ކޮށްފައި ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ. އިދިކޮޅު އިއްތިހާދެއް ހަދައިގެން އެމްޑީޕީން ކުރަމުންދަނީ އެއްވެސް ޒިންމާދާރު މަސައްކަތްތަކެއް ނޫން ކަމަށް އުމަރު ވިދާޅުވި އެވެ. "ޒިންމާދާރު ބައެއް ނަމަ އެމްޑީޕީއަކުން މުޅި ރާއްޖޭގައި ހުޅެއް ނުޖަހާނެ. މިއީކީ ޒިންމާދާރު ޕާޓީއެއް ނޫން. ދެން ޔުނައިޓެޑް އޮޕަޒިޝަންއޭ މިކިޔަނީ. ޔުނައިޓޭޑް އޮފަޒިޝަނެއް ނޫން އެއީ. އެއީ ނަޝީދު ވެރިކަމަށް ގެންނަން ނަޝީދަށް ގުލާނުކޮށްދޭ ބައެއް،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ