ދަރައިގެން ކަންކަންކުރަންވީމާ އެއީ ފައިނޭންޝަލީ ސްޓޭބަލްވުމެއް ނޫން: މެމްބަރު އާމިރު

ދަރައިގެން ކަންކަންކުރަންވީމާ އެއީ ފައިނޭންޝަލީ ސްޓޭބަލްވުން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.
މެމްބަރު އާމިރު މިފަދައިން ވިދާޅުވީ، ދިވެހި ދައުލަތުގެ ދަރަނި ރީސްޓްރަކްޗަރކުރަން ދިން ލަފަޔަށް އަމަލުކުރަން ސަރުކާރަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބަދުﷲ ހުށަހެޅުއްވި ގަރާރުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ރިޔާސަތުން ދެއްވި ފުރުސަތުގައި ދެއްކެވި ވާހަކައިގައެވެ.
ގަރާރު ހުށަހަޅުއްވައި ދެއްވަމުން މެމްބަރު އީވާ ވިދާޅުވީ، 2023 ވަނަ އަހަރުގެ ނިޔަލަށް ދަޢުލަތުގެ ދަރަނި، 113 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. މި ފަސް އަހަރުގެ ތެރޭގައި 47 ބިލިއަން ރުފިޔާ، ދައުލަތުގެ ދަރަނީގެ ގޮތުގައި އިތުރުވެފައިވާކަމަށް ވެސް އީވާ ވިދާޅުވިއެވެ.
ލޯނު އަނބުރާ ދައްކަން މިއަހަރުގެ ބަޖެޓުގައި އޮތީ 5.5 ބިލިއަން ރުފިޔާ ކަަމަށާއި، އަންނަ އަހަރަށް އޮތީ 8 ބިލިއަން ރުފިޔާކަން ފާހަގަކުރައްވައި އީވާ ވިދާޅުވީ، އޭގެފަހުން 11 ބިލިއަން އަދި 26 ބިލިއަން ވެސް، ދައުލަތުގެ ބަޖެޓުން ދަރަނި ދައްކަން ޚަރަދުކުރަން ޖެހޭނެ ކަމަށެވެ. އީވާ ވިދާޅުވީ ދަރަނި ރީސްޓްރަކްޗަރ ކުރަން ލަފާ ދެނީ، ދަރަނި ދެއްކުން ފަސްކުރާ ހިތުން ނޫން ކަމަށާއި، އެއީ ފައިދާވާނެގޮތެއް ކަމުގައި ފެންނާތީ ކަމަށެވެ.
މި ސަރުކާރުން 47 ބިލިއަން ރުފިޔާ ދަރަނި ނެގިއިރު، އޭގެއިން ގިނަ ފައިސާއަކީ ސަރުކާރުގެ ޚަރަދަށް ނެގި ފައިސާ ކަމުގައި ވިޔަސް، އެ ފައިސާ ދައްކަން ޖެހެނީ ރައްޔިތުން ކަމަށްވެސް އީވާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، މި ޙާލަތުގައި އޮތް ގިނަ ޤައުމުތަކުން ދަރަނި ރީސްޓްރަކްޗަރ ކުރުމަކީ ކުރަމުން އަންނަކަމެއް ކަމަށެވެ.
މީގެއިތުރުން އީވާ ވަނީ، މި ސަރުކާރުން ދަރަނި ދައްކާނީ، ރައްޔިތުންނަށް ކެތްވާނެ މިންވަރަށް، ރީ ސްޓްރަކްޗަރ ކޮށްގެން ކަމަށް އެމްޑީޕީގެ 2018 ވަަނަ އަހަރުގެ މެނިފެސްޓޯގައިވެސް ލިޔެފައިވާނެކަމަށް ވިދާޅުވެފައެވެ.
މި ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާގައި ކުރި އެއްގަޑިއިރުގެ ބަހުސްގައި ބައިވެރިވެވަޑައިގެން މެމްބަރު އަހުމަދު އާމިރު ވިދާޅުވީ، ދިވެހިރާއްޖެ ފައިނޭންޝަލީ ސްޓޭބަލްކަމަށް ބަޔަކު ބުނި ކަމުގައި ވިޔަސް، އެކަން އޮތީ އެގޮތަށް ނޫން ކަމަށެވެ. ދަރަނި ދައްކަން ދަރަނި ނަގަންޖެހުމަކީ ފައިނޭންޝަލީ ސްޓޭބަލް ވުމެއް ނޫން ކަމަށާއި ދަރައިގެން ކަންކަންކުރަންވީމާ އެއީވެސް ފައިނޭންޝިއާލީ ސްޓޭބަލް ވުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ، ރާއްޖޭއަށް ދިމާވެދާނެ ކާރިސާއަކުން އަރައިގަތުމަށް މިންވަރެއް ބަޖެޓުގައި ހިމެނިފައި ނުވާ ނަމަ ފައިނެންޝަލީ ސްޓޭބަލްކަމަށް ނުބުނެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ކޮވިޑް-19 އިންވެސް އަރައިގަނެވުނީ ވަކި މީހަކު ނުވަތަ ބަޔަކު މޮޅުވެގެން ނޫނީ ކުރި މަސައްކަތުން ނޫން ކަމަށާއި، މުޅި ދިވެހި ރައްޔިތުން އެކަމުގައި ޝާމިލުވާ ކަމަށެވެ. އެހެންކަމުން ވަކި މީހަކަށް އެކަމުގެ ކްރެޑިޓްނެގެން ނޯންނާނެ ކަމަށާއި ހުރިހާ ދިވެހީންނަށް ވެސް އެކަމުގެ ކްރެޑިޓް ދޭންޖެހޭނެކަމަށް ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ، ލިބޭ އާމްދަނީ އިގްތިސޯދުކޮށްގެން ކެތްރިކަމާއި ހިކުމަތްތެރި ކަމާއެކު ރައްޔިތުން ހޭދަކުރުމަކީ ކޮވިޑުން އަރައިގަނެވުން އެއް ސަބަބު ކަމަށާއި ގުދުރަތީ ގޮތުން ރާއްޖޭގެ ރަށްރަށް ތަރުތީބުވެފައިވާ ގޮތްވެސް އެއީ ނަސީބަކުން ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް މެދުވެރިވި ސަބަބެއް ކަމަށެވެ.
މީގެ އިތުރުން، އޭނާވަނީ، ރާއްޖެއަކީ ފުދުންތެރި މުއްސަނދި ގައުމަކަށް ހެދުމަށް ވެރިކަމަށް އަންނަ ބޭފުޅުން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އާމިރު ވިދާޅުވީ ރައްޔިތުން އެދޭ އެދުމަކީވެސް އެއީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ