ހއ. އުތީމުން އުފެދުނު ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ، މިޑްފީލްޑަރު، އަހުމަދު އައިހަމް (ފަތޯ) ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ސަޕޯޓަރުންގެ ކިބައިން މަޢާފަށް އެދިއްޖެއެވެ.
އެފްއޭއެމް އިން ވަނީ 10 އޮކްޓޯބަރު 2025 ގައި އައިހަމް ގައުމީ ސްކޮޑުން ބާކީކޮށްފައެވެ. އެކަން ހާމަކޮށް އެދުވަހު ނެރުނު ބަޔާނެއްގައި އެ އިދާރާއިން ބުނީ އައިހަމް ހުއްދަ ހޯދުމެއްނެތި ފުޓްސަލް މުބާރާތެއްގައި ކުޅެފައިވާކަމަށެވެ. އަދި އެ ދުވަހު އޮތް ގައުމީ ޓީމުގެ ޕްރެކްޓިސް ސެޝަނުގައި ވެސް ބައިވެރިވެފައިނުވާކަމަށެވެ. އެހެންވެ އޭނާ ގައުމީ ސްކޮޑުން ބާކީކުރަން ނިންމާފައިވާ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ގައުމީ ޓީމުގައި ހިމެނި ގައުމު ތަމްސީލްކުރާ ކުޅުންތެރިންގެ ފަރާތުން ޒިންމާދާރުކަމާ އެކު ޕްރޮފެޝަނަލް ކަމުގެ އެންމެ ރަނގަޅު މިންގަނޑުގެ ތެރެއިން ކަންކަން ކުރުމަށް އެދޭކަމަށް ވެސް އެފްއޭއެމްގެ ބަޔާނުގައި ބުނެފަވެއެވެ.
އައިހަމް ރަށު ޓީމާ ގުޅުނީ ތިލައުތުރު ފުޓްސަލް މުބާރާތުގެ ކުއާޓާ އާއި ހަމައިންނެވެ. އޭނާ ވަނި ކުއާޓާ މެޗާއި، ސެމީގެ މެޗާއި އަދި ފައިނަލް މެޗުގައި ވެސް މޮޅު ކުޅުމެއްދައްކައި ރަށަށް ތަށި ހޯދައިދިނުމުގައި ބޮޑު ދައުރެއް އަދާކޮށްފައެވެ.
އެ މުބާރާތަށްފަހު އޭނާ ނެރުނު ބަޔާނެއްގައި ބުނީ މިފަހުން އޭނާގެ ފަރާތުން ފެނުނު ކަންތައްތަކާ ގުޅިގެން ގައުމީ ޓީމުގެ ސްކޮޑުން ވަކިވާން ޖެހުމުގެ ސަބަބުން، އެފްއޭއެމާއި، ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނާއި، ޓީމޭޓުންނާއި، ދިވެހި ފުޓްބޯޅައިގެ ހުރިހާ ސަޕޯޓަރުންގެ ކިބައިން އިޚްލާސްތެރިކަމާއެކު މާފަށް އެދޭކަމަށެވެ.
''އަޅުގަނޑުގެ މި ގޯހުގެ ފުރިހަމަ ޒިންމާ އަޅުގަނޑު ނަގަން، އަޅުގަނޑުގެ އަމަލުތައް ހުރީ ޕްރޮފެޝަނަލްކޮށެއް ނޫން، އަދި ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ފަރާތުން ފެންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަކަށް ވެސް ނޫން، ދިވެހިރާއްޖެ ތަމްސީލުކުރުމަކީ ކޮންމެ އެތުލީޓަކަށް ލިބޭ އެންމެ ބޮޑު ޝަރަފް، ޓީމަށް އަޅުގަނޑު ވެފައިވާ ވައުދަށާއި، އަޅުގަނޑަށް ކުރެވުނު އިތުބާރަށް އަސަރުކުރި މި ނިންމުމާމެދު އަޅުގަނޑު ވަރަށް ބޮޑަށް ދެރަވަން،'' އައިހަމްގެ ބަޔާނުގައި ބުނެފަވެއެވެ.
އޭނާ ބުނީ މި ތަޖުރިބާއިން ވަރަށް އަގުހުރި ފިލާވަޅެއް ދަސްވެފައިވާ ކަމަށެވެ. އަދި އެސޯސިއޭޝަނާއި، ކޯޗުންނާއި، ސަޕޯޓަރުންގެ އިތުބާރު އަލުން ހޯދުމަށް ބުރަކޮށް މަސައްކަތް ކުރާނެކަމަށް ވެސް ބުނެފަވެއެވެ.
''ކުޅުންތެރިއެއްގެ ގޮތުގައްޔާއި، ޕްރޮފެޝަނަލެއްގެ ގޮތުގައި ވެސް އަޅުގަނޑު އަމިއްލަ ނަފްސު ތަރައްގީކުރުމަށް އަޅުގަނޑު ފުރިހަމައަށް ޤަސްދުކުރަން'' އައިހަމް ބުނެފަވެއެވެ.
ގައުމީ ފުޓްބޯޅަ ޓީމުން މިދިޔަ އަހަރުން ފެށިގެން ގަވާއިދުން ޖާގަ ހޯދަމުން އަންނަ އައިހަމް އަކީ، މިދިޔަ މަހު ގަލޮޅު ދަނޑުގައި ތަޖިކިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގައި، ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެ، މޮޅު ކުޅުމެއްދެއްކި ކުޅުންތެރިއެކެވެ.
އައިހަމް އަށް އެޅި ފިޔަވަޅާއި ގުޅިގެން އުތީމާއި ހއ.އަތޮޅަށް ނިސްބަތްވާ ބައެއް މީހުން އަންނަނީ އެފްއޭއެމްގެ ނިންމުން އަނބުރާ ގެންދަން ގޮވާލަމުންނެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އައިހަމް އެފްއޭއެމާއި ގައުމީ ޓީމާއި ސަޕޯޓަރުންގެ ކިބައިން މަޢާފަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ