ރާއްޖޭގެ އުތުރަށް ތަރައްގީގެ އިންގިލާބީ ބަދަލެއް ގެނައުމުގެ ތަސައްވުރާއެކު އެމްޑީޕީގެ ސަރުކާރުން ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމާއެކު ބޮޑުތިލަދުންމަތީގައި ޓޫރިޒަމް ފުޅާ ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގޮވާލައްވައިފި އެވެ.
ސޯލިހު އެކްސް ގައި ވިދާޅުވީ ހަނިމާދޫ އެއާޕޯޓާއެކު އެ ސަރަހައްދުގެ އިގްތިސޯދު އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން އެ ސަރަހައްދުގައި ފަތުރުވެރިންކަން ފުޅާކުރުމުގެ އިތުރުން އާ ވިޔަފާރިތަކަށް ވެސް ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށެވެ.
"ހަނިމާދޫ އެއާޕޯޓާއެކު އެ ސަރައްދުގެ އިގްތިސާދު އިތުރަށް ހަރުދަނާ ކުރަން ޖެހޭ. ވަކިން ހާއްސަކޮށް ޓޫރިޒަމް ފުޅާކޮށް އާ ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދޭންޖެހޭ. އަހަރެންގެ އުންމީދަކީ ސަރުކާރުން މިކަންކަން ކުރިއަށް ގެންދާނެ ކަމަށް" ސޯލިހު ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމާ ގުޅިގެން ސޯލިހު ވަނީ އެ ރަށުގެ ރައްޔިތުންނާއި ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.
ސޯލިހު ވިދާޅުވީ އެ އެއާޕޯޓު ވެގެންދާނީ ބޮޑުތިލަދުންމަތީގެ އިގްތިސާދީ ދުވެލި ހަލުއި ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނަކަށް ކަމަށެވެ.
އޭގެއިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއު ހަގީގަތަކަށް ހަދައިދިނުމަށް އިންޑިއާ ސަރުކާރުން ވެދެއްވި އެހީތެރިކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމުގެ ރައްޔިތުންނަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އެއާޕޯޓު ހުޅިވި ނަމަވެސް، އެތަނުގެ މަސައްކަތް ފުރިހަމައަށް ނިންމޭނީ ކުރިން ވެސް ޕްލޭންގައި އޮތް ގޮތަށް އަންނަ އަހަރުގެ މާޗު ހިސާބުގައި ކަމަށް، އެ މައުލޫމާތު އެނގޭ ބައެެއް މީހުން އަދަދު ނޫހަށް ބުންޏެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ހިންގާ އެއާޕޯޓުގެ މަޝްރޫއަށް 136.6 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. އެއާޕޯޓުގައި އޮތީ 2.46 ކިލޯ މީޓަރުގެ ރަންވޭ އެކެވެ. މި އެއާޕޯޓު ތަރައްގީކޮށްފައި ވަނީ އަހަރަކު 1.3 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭ ވަރަށެވެ.
އެ އެއާޕޯޓުގެ އާ ޓާމިނަލާއި ރަންވޭ އާއެކު ކޯޑު ސީ، ނުވަތަ އެންމެ ބޮޑެތި މަތިންދާ ބޯޓު ހަނިމާދޫ އަށް ޖެއްސޭނެ އެވެ.
ހަނިމާދޫ އެއާޕޯޓާއެކު ބޮޑު ތިލަދުންމަތީގައި ޓޫރިޒަމް ފުޅާ ކުރުމަށް ސޯލިހު ގޮވާލައްވައިފި ހަނިމާދޫ އެއާޕޯޓާއެކު ބޮޑު ތިލަދުންމަތީގައި ޓޫރިޒަމް ފުޅާ ކުރުމަށް ސޯލިހު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ