ކިރްގިސްތާނު އަތުން ބަލިވިޔަސް، ދިވެހި ޓީމުގެ ކުޅުމަށް ތައުރީފު ހައްގު

ލަންކާގައި މިހާރު ކުރިއަަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) 19 އަހަރުން ދަށުގެ ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުން ބަލިވި ނަމަވެސް ދިވެހި ޓީމުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފިއެވެ. ކިރްގިސްތާނު ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލާ ވާދަކޮށް ފަސް ސެޓު ކުޅެގެން މެޗު ކާމިޔާބުކޮށްފައެވެ. އަދި އެ ޓީމަކީ މުބާރާތުގެ އެއް ފެވަރިޓެވެ. އަނެއްކޮޅުން ރާއްޖެ ވަނީ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ލަންކާ އަތުން ބޮޑު ތަފާތަކުން ބަލިވެފައެވެ. ނަމަވެސް ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ވަަނީ ބޮޑުތަނުން ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ގިނަ ޕޮއިންޓުތަކެއް ހޯދިއިރު، ފުރަތަމަ މެޗާއި ހިލާފަށް ގިނަ ގޯސްތަކެއް ރަނގަޅުކުރި އެވެ. މެޗު ފަށައިގެން ރާއްޖެ ވަނީ ފުރަތަމަ ސެޓުގައި ގާތްގާތުގައި އަށް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ކިރްގިސްތާނުގެ ބެންޗު ޓީމުން ފެށި ނަމަވެސް ދިވެހި ޓީމުގެ މޮޅު ކުޅުމާއެކު އެ ޓީމަށް ޕްރެޝަރު ކުރިމަތިވިއެވެ. އެއާއެކު ފުލް ޓީމު ކުޅެން އަރުވަން މަޖުބޫރުވިއެވެ. ނަމަވެސް މި ސެޓު އެ ޓީމަށް ކާމިޔާބުކުރެވުނީ ކިރިޔާއެވެ. އެއީ ސެޓުގެ ފަހުކޮޅު އެ ޓީމަށް ލިބުނު ފުރުސަތުތައް ކާމިޔާބުކޮށްގެންނެވެ. މި ސެޓު ކިރްގިސްތާނުން ކާމިޔާބުކުރީ 21-25 އިންނެވެ. ކެޕްޝަން.. ދެވަނަ ސެޓުގައި ދިވެހި ޓީމުން ފެނުނީ ދަށް ކުޅުމެކެވެ. އެގޮތުން ގިނަ ބޯޅަތަކެއް އަތުން ދޫވެ މި ސެޓު ކިރްގިސްތާނުން ވަނީ ފަސޭހަކަމާއެކު 9-25 އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް ތިންވަނަ ސެޓުގައި ފެނުނީ އަނެއްކާވެސް ފުރަތަމަ ސެޓުގައި ފެނުނު ދިވެހި ޓީމެވެ. އެގޮތުން ގިނަ ސާވިސްތަކާއި ބްލޮކްތަކާއެކު ޓީމެެއްގެ ގޮތުގައި ދިވެހި ޓީމުން ފެނުނީ ވަރުގަދަކޮށެވެ. މި ސެޓު ދިވެހި ޓީމުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ކިރްގިސްތާނަށް މި ސެޓު ކާމިޔާބުކުރެވުނީ ކުޑަ ތަފާތަކުންނެވެ. އެއީ ފުރަތަމަ ސެޓުގައި ނެރުނު ނަތީޖާ ކަމަށްވާ 25-21 އިންނެވެ. މެޗުގައި ވާދަކުރި ކިރްގިސްތާނު ޓީމުގައި ރާއްޖޭގައި މިދިޔަ އަހަރު ބޭއްވި 20 އަހަރުން ދަށުގެ ކާވާ އަންހެން މުބާރާތުގައި ވާދަކުރި ކުޅުންތެރިން ހިމެނެއެވެ. އަދި އެ ޓީމުގައި ކުޅެމުން އަންނަ ގިނަ ކުޅުންތެރިންނަކީ ބައިނަލްއަޤްވާމީ ތަޖުރިބާ ލިބިފައި ތިބި އިސްކޮޅުން ދިގު ކުޅުންތެރިންތަކެކެވެ. -- އަނެއްކޮޅުން ރާއްޖެ ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންނަށް މި މުބާރާތަކީ ބައިނަލްއަޤްވާމީ ފުރަތަމަ ތަޖުރިބާއެވެ. އަދި ލޯކަލް މުބާރާތްތަކުގައި ވެސް މަދުން ފުރުސަތު ލިބޭ ކުޅުންތެރިންނެވެ. ނަމަވެސް މި މުބާރާތުގައި ދައްކާ ކުޅުމުން ރަމްޒުކޮށްދެނީ ދިވެހި އަންހެން ވޮލީ ޓީމުގެ މުސްތަގުބަލް އޮތްތަނެވެ. ޖުމްލަ ހަތަރު ޓީމާއެކު ކުރިއަށްދާ މުބާރާތުގައި ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި މާދަމާ 13:30 ގައި ބައްދަލުކުރާނީ ނޭޕާލާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ