ހުޅުމާލެއިން ފަސް ދުވަހުގެ ތެރޭގައި 787 އުޅަނދު ޓޯކޮށްފި ހުޅުމާލެއިން ފަސް ދުވަހުގެ ތެރޭގައި 787 އުޅަނދު ޓޯކޮށްފި

ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ގަވާއިދާ ހިލާފަށް ޕާކް ކޮށްފައި ހުރި އުޅަނދުތައް ނެގުމަށް މިދިޔަ ފަސް ދުވަސް ތެރޭގައި ކުރިއަށް ގެންދިޔަ މަސައްކަތުގެ ދަށުން ޖުމްލަ 787 އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ މަސައްކަތް ކުރިއަށް ގެންދިޔައީ ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ކަމަށެވެ.
މަސައްކަތުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ޒޯނާ ނުގުޅޭ ބޯޑު ހުރި 252 އުޅަނދު ޓޯކޮށްފައިވާއިރު، ރަޖިސްޓްރީނުކޮށް ނުވަތަ ބޯޑު ނެތިގެން 186 އުޅަނދު ޓޯކުރި އެވެ. އޭގެ އިތުރުން މަގުމަތީގައި އަޅާނުލާ ދޫކޮށްލާފައި ހުރުމުން 349 އުޅަނދު ވެސް ޓޯކޮށްފައިވެ އެވެ.
ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތުގެ ސަބަބުން ހުޅުމާލޭގެ މަގުތަކަށް އައިސްފައިވާ ހިތްފަސޭހަކަމާއި ފަސޭހަކަން އެގޮތުގައި ދެމެހެއްޓުމަށް ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ފުލުހުން ކުރިއަށްގެންދިޔަ މަސައްކަތުގައި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އ އަމިއްލަ ކުންފުނިތައް ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ