މުއްދަތު ހަމަވިއިރު އުސޫލު ގެޒެޓުނުކުރެވި، މިސްކިތް ބަލަހައްޓަން ވެސް މުވައްޒަފުން ނުނެގިފައި
ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިވާގޮތަށް ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން، ރަށްރަށުގެ މިސްކިތްތަކަށް ބޭނުންވާ މުވައްޒަފުންގެ އިތުރުން، ކޮންމެހެން ބޭނުންވާ ވަރަށް ކައުންސިލްތަކަށް މުވައްޒަފުން ނުނެގޭތީއާއި ލޭންޑް ޔޫޒް ޕްލޭންތަކަށް އަމަލުކުރަން ދަތިވާތީ ރަށްރަށުގެ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. މިދިޔަ އޮގަސްޓް މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން މި ބަދަލުތައް ފާސްކޮށް، އޭގެ ހަފުތާއެއްފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު މި ބަދަލުތައް ތަސްދީގުކުރެއްވީ، ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކަށް ދަތިވާނެ ކަމަށް ބުނެ، އެކި ރަށްރަށުގެ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ. އެކި ދުވަސްމަތިން "ސަން"އާ ވާހަކަދެއްކެވި އެކި ކައުންސިލްތަކުގެ ރައީސުން ވަނީ މި ކަންބޮޑުވުންތައް ފާޅުކުރައްވައިފައެވެ. އެގޮތުން އއ. ބޮޑުފޮޅަދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭ އުސޫލެއް 30 ދުވަހުގެތެރޭ ލޯކަލް ގަވަމަންޓް މިނިސްޓްރީއާއި އެލްޖީއޭއިން އެކުލަވާލައި ގެޒެޓުކުރަން ޖެހޭ ކަމަށް އެ ބަދަލުގައި އެބައޮތް ކަމަށާއި، 30 ދުވަސް ހަމަވިއިރު އެ އުސޫލުތައް ގެޒެޓުކޮށްފައިނުވާތީ ކައުންސިލްތައް އޮތީ ތާށިކޮށް ކަމަށެވެ. "މިސްކިތަށް ބޭނުންވާ ސަޕޯޓް ސްޓާފުންނެއް ނުއެއް ނެގޭ، އެބަ ބޭނުންވޭ، ވަރަށް ބޮޑަށް ދަތިވެފަ ހަމަ އެކަންކަމުގަ ތިބެނީ، ވަގުތީގޮތުން ކުއްޔަށްދީފަ ހުރި ތަންތަނުގެ ބިންތައްވެސް އެބަހުރި ހަމަވެފަ، އެހެންނަމަވެސް އަޅުގަނޑުމެންނަކަށް މިވަގުތު ކުރެވޭނެ އިތުރު ކަމެއް ނެތް ހަމައެކަނި ހުއްޓާލައިގެން ތިބުން ފިޔަވައި،" ޝުޖާއު ވިދާޅުވިއެވެ. މ. ދިއްގަރު ކައުންސިލްގެ ރައީސް އަހްމަދު ނިޝާން މުހައްމަދު ވިދާޅުވީ، އެ ރަށު ކައުންސިލް އޮފީސް އިމާރާތުގެ ޖާގައިގެ ދަތިތަކާ ހެދި މުވައްޒަފުން ނުނަގައި ތިބުމަށް ފަހު، ޖާގައިގެ ދަތިކަން ހައްލުކޮށް ކައުންސިލުން މުވައްޒަފުން ނަގަން ފެށީ ވަރަށް ފަހުން ކަމަށާއި، ގާނޫނު ބަދަލުކުރީ އެ މަސައްކަތް ފެށިތަނުން ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އިތުރަށް ދެން މުވައްޒަފުން ނުނެގޭނެކަން ފާހަގަކުރައްވައި ނިޝާން ވިދާޅުވީ، އަދިވެސް ކައުންސިލަށް ބޭނުންވާ މުހިންމު މަގާމުތައް އެބަހުރި ކަމަށެވެ. "މިސާލަކަށް ބަނދަރު ބެލެހެއްޓުން ކަހަލަ ކަންކަމުގަ، ކުނިކޮށި އަޅައި ނިމުނީ، ކުނިކޮށި އަޅައި ނިމުނުއިރު އެތަނަށް އަދި އިތުރު ސްޓާފުން ބޭނުންވޭ، ދާއިމީ ސްޓާފުންވެސް، ދެން ދާއިމީ މުވައްޒަފެއް ނުނެގޭގޮތަށް އެ އޮންނަނީ،" ނިޝާން ވިދާޅުވިއެވެ. ބ. ދޮންފަނު ކައުންސިލްގެ ރައީސް އަހްމަދު އިރުޝާދު ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން މި އޮތީ ކައުންސިލްތަކަށް އެއްވެސް މަސައްކަތެއް ނުކުރެވޭ ގޮތަކަށް ކަމަށެވެ. އޭނާ ވިދާޅުވީ، ދޮންފަނުގެ ފުރަތަމަ ލޭންޑް ޔޫޒް ޕްލޭން އެކުލަވާލީ މި ދައުރުގެ ކައުންސިލުން ކަމަށާއި، އެ ފާސްކުރުމަށް ދޮޅު އަހަރު ހޭދަވި ކަމަށެވެ. އިރުޝާދު ވިދާޅުވިގޮތުގައި ގާނޫނަށް ބަދަލު ގެނެސް އަމަލުކުރަން ފެށީ ކައުންސިލުން ލޭންޑް ޔޫޒް ޕްލޭނަށް އަމަލުކުރަން ފެށިތާ މާ ގިނަދުވަހެއް ނުވަނީހެވެ. "މިދިޔަ އޮގަސްޓް މަހަކީ އަޅުގަނޑުމެންގެ ލޯކަލް ޓޫރިޒަމަށް ޚާއްސަކޮށްފަ ހުރި ބިންތަކާއި، އަދި ރަށުގެ ސިނާއީ ސަރަހައްދުތަކުން އެކި ކަންކަމަށް ދޫކުރަން ހުރި ބިންތައް ދޫކުރުމަށް ޓާގެޓްކޮށްގެން އޭގެ މައުލޫމާތު ކަރުދާސް ހަދައި ބިޑް ޑޮކިއުމެންޓްތައް ނިންމައިފަ އިއުލާންކުރަން ރެޑީވި މުއްދަތު، އެ މުއްދަތުގަ އިސްލާހު ގެނެސްގެން އަޅުގަނޑުމެންނަށް މިތިބީ އެއްވެސް ކަމެއް ނުކުރެވިފަ،" އޭނާ ވިދާޅުވިއެވެ. ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވީ، ލޭންޑް ޔޫޒް ޕްލޭން އެކުލަވާލަން ޖާގަ ލިބުނީ މި ދައުރުގެ ކައުންސިލްތަކަށް ކަމަށާއި، ލޭންޑް ޔޫޒް ޕްލޭންތަކާއި ތަރައްގީގެ ޕްލޭންތައް އެކުލަވާލަން ކައުންސިލްތަކުން ފަށާފައިވަނީ މި ހިނގާ ކައުންސިލްތަކުގެ ދައުރުގައި ކަމަށެވެ. އޭނާ ވިދާޅުވީ ގިނަ ރަށްރަށުން ބިން ދޫކުރުމާއި ބިމުގެ ވަސީލަތްތައް ދޫކުރުމާއި ވިޔަފާރިތަކަށް ބިން ކުއްޔަށް ދޫކުރުމަށް ބަޖެޓުކުރީ މިއަހަރު ކަމަށެވެ. "އެކަން ހުއްޓުނީ އެއް ކަމަކަށް، އަނެއް ކަމަކަށް މުވައްޒަފުން ނެގުމަކީ ސިވިލް ސާވިސްގެ ވަކި އޮނިގަނޑަކާއި އުސޫލެއްގެ ތެރެއިން ކުރާ ކަމެއް، އަނެއްކާ ފިނޭންސްގެ ހުއްދަވެސް ހޯދައިގެން ކުރާ ކަމެއް އެއީ، މި ގާނޫނަށް އިސްލާހުގެނައުމުން މުވައްޒަފުން އެއް ގޮތަކަށްވެސް ނުނެގޭ ގޮތްވީ،" ބަޝީރު ވިދާޅުވިއެވެ. "ދެން ލޭންޑް ލީސްކުރުމާއި ރެންޓްކުރުމަކީ ވަކި ހަމައަކުން ކުރާ ކަމެއް، ހަމަ ސަރުކާރުން ލޭންޑް ޔޫޒްވެސް ފާސްކޮށްގެން ކުރާ ކަމެއް ކުރީގަވެސް، ދެން ގެވަޅު ދިނުމަކީވެސް ހަމަ ވަކި އަހަރަކު ވަކި ވަރަކަށް ދޫކުރަން ބަޖެޓުކޮށް ފާސްކޮށް ކުރާ ކަމެއް، މިހާރު މިވާ ގޮތަކީ އެ ހުރިހާ ކަމެއް ހުއްޓެނީ،" ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭ އުސޫލު ގެޒެޓުކުރުން ލަސްވާތީ ސުވާލުކުރުމުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ މުހައްމަދު ނިމާލު "ސަން"އަށް ވިދާޅުވީ، ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭ އުސޫލުތައް އެކުލަވާލައި ނިމިފައިވާ ކަމަށާއި، ވަރަށް އަވަހަށް އުސޫލު ގެޒެޓުކުރެވިގެން އަންނާނެ ކަމަށެވެ. "ގާނޫނީގޮތުން ބަލަން ހުރިކަންކަން ބަލައި ނިމުމާއެކު، އުސޫލު ގެޒެޓުކުރެވިގެން ދާނެ،" ކުރިން ކ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރެއްވި ނިމާލު ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ސަރުކާރުން ވަނީ، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް ބަދަލުކޮށްފައެވެ. މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، 18 ވަނަ ދުވަހު އަމަލުކުރަން ފެށި ގާނޫނުގައި މިހާރު އޮންނަ ގޮތުން ނަމަ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ. އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެއް ކަން ވެސް މިހާރު އެ ގާނޫނުގައި ވެއެވެ. އަދި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށް ގާނޫނުގައި މިހާރު ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ