5000 ރުފިޔާ ހޯދަން، އެސްޓީއޯއިން ކޯޓުގައި 15 އަހަރު، މީހާ މިހާރު ހުރީ އުމުރަށް ޖަލަށްލާފައި

އެސްޓީއޯ އިން 2010 ވަނަ އަހަރަށްވުރެ ވެސް ކުރިން، ކްރެޑިޓް ސްކީމަށް މީހަކު ނެގި އެއްޗަކަށް ދައްކަން ޖެހޭ 5500 އެއްހާ ރުފިޔާ ހޯދަން، އެސްޓީއޯއިން 15 އަހަރަށްވުރެ ގިނަ ދުވަސް ކޯޓުގައި ހޭދަކޮށްފިއެވެ. މި މައްސަލައަކީ، މަސްތުވާތަކެތީގެ މައްސަލައެއްގައި މިހާރު އުމުރަށް ޖަލަށްލާފައިވާ، ތ. ތިމަރަފުށީ އިސްމާއިލް ޝަރީފް، 2010 ވަނަ އަހަރުގެ ކުރިން އެސްޓީއޯއިން ކްރެޑިޓް ސްކީމަށް ނެގި އެއްޗެއްގެ ބާކީ ނުދައްކައި ހުރި ރުފިޔާއާ ގުޅޭ މައްސަލައެކެވެ. މި ފައިސާ ހޯދަން އެސްޓީއޯއިން ދައުވާ ކުރުމުން އެންމެ ފުރަތަމަ އެ ފައިސާ ދައްކަން ހުކުމް ކުރީ، 2010 ވަނަ އަހަރެވެ. އެއީ، ސިވިލް ކޯޓަށް އެ ނަން ކިޔުމުގެ ވެސް ކުރިންނެވެ. މި ހުކުމް ކުރިއިރު އެ ކޯޓުގެ ނަމަކީ މަދަނީ ކޯޓެވެ. މަދަނީ ކޯޓުން އޭރު ހުކުމް ކުރީ ކްރެޑިޓް ސްކީމަށް ނެގި އެއްޗަށް ނުދައްކާ އޮތް، 5568 ރުފިޔާ ދެ މަހަށް ބަހާލައިގެން، މަހަކު 2784 ރުފިޔާ ދައްކާށެވެ. އެއީ 2010 ވަނަ އަހަރުގެ ނޮވެންބަރު މަހެވެ. އެ ހުކުމް ކުރިތާ ފަސް އަހަރުވީއިރު ވެސް އެ ފައިސާ ނުދައްކައި އޮތުމުން، ދެން ކުރި ހުކުމަކީ މަހަކު 1500 ރުފިޔާގެ މަގުން ފައިސާ ދައްކައި އެ ފައިސާ ހަލާސް ކުރާށެވެ. ދެވަނަ ހުކުމް ކުރީ، 2016 ވަނަ އަހަރެވެ. އެ ހުކުމާއެކު ވެސް އެ ފައިސާ ނުދައްކައި އޮތުމުން އިސްމާއިލް ޝަރީފް ގޭ ބަންދު ކުރުމަށް ވެސް ހުކުމް ކުރިއެވެ. އެ ހުކުމް ކުރީ، 2019 ވަނަ އަހަރެވެ. އޭގެ ފަހުން ތިންވަނަ ތަންފީޒީ މައްސަލަ ފެށިފައިވާއިރު، އެ މައްސަލައިގައި މި ހަފްތާގައި އިސްމާއިލް ޝަރީފްވަނީ އެ ފައިސާއަކީ އޭނާ ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށް ބުނެފައެވެ. އެހެން ބުނިއިރު، އޭނާ ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލާފައެވެ. އެކަމަކު، ފަހުން އޭނާވަނީ 1500 ރުފިޔާ ދައްކާފައިކަން ތަންފީޒު މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގެއެވެ. އުމުރު ދުވަހުގެ ޖަލު ހުކުމެއް މިހާރު ތަންފީޒު ކުރަމުންދާއިރު، ދެން މި މައްސަލައިގައި އޭނާ ބާކީ ދައްކަން އޮތީ އެންމެ 4068 ރުފިޔާއެވެ. ބާކީ އޮތް 4068 ރުފިޔާ ތިން މަހައް ބަހާލައިގެން ހޯދަން އެސްޓީއޯއިން ޝަރިއަތުގައި ބުނެފައިވާތީ، 15 އަހަރުވެފައިވާ މި މައްސަލައިގައި ސިވިލް ކޯޓުން އަންގާރަ ދުވަހު ހުކުމް ކުރީ، ތިން މަސް ދުވަހަށް ބަހާލައިގެން އެ ފައިސާ ދައްކާށެވެ. އެއީ މަހަކު 1356 ރުފިޔާގެ މަގުންނެވެ. 15 އަހަރުވީ ފައިސާގެ މި މައްސަލަ ކުރިއަށްދަނިކޮށް، އިސްމާއީލް ޝަރީފް އުމުރަށް ޖަލަށްލީ މިދިޔަ އަހަރެވެ. އެއީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައެވެ. މަސްތުވާތަކެތީގެ އެ މައްސަލައިގައި 500،000 ރުފިޔާގެ ޖޫރިމަނާއެއް ވެސް ކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ