ހުޅުމާލޭގެ ދުވާރުމަތިން ކެފޭ މޭޒުތައް ނަގަން އަނެއްކާ ވެސް އަންގައިފި
ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓައިގެން ޚިދުމަތް ދޭ ކެފޭ މޭޒުތަކާއި ގޮނޑިތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިއްޔެ އަނެއްކާ ވެސް އަންގައިފިއެވެ. އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ، ކުރިން ވެސް ހުޅުމާލޭ ދުވާރުމަތީގައި ބަހައްޓާފައި ހުރި މޭޒާއި ގޮނޑި ފަދަ ތަކެތި ޖަހައިގެން ޚިދުމަތްނުދޭން އެންގި ނަމަވެސް، އަދިވެސް ގިނަ ފަރާތްތަކުން އެކަން ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މަގު ބޭނުންކުރާ މީހުންނަށް ދަތިވާ ގޮތަށް ދުވާރުމަތީގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ މަނާ ކަމެއްކަން އެ ކޯޕަރޭޝަނުން ވަނީ ހަނދާންކޮށްދީފައެވެ. އޭގެ އިތުރަށް، އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ދުވާރުމަތީގައި ހުރި ގޮނޑިއާއި މޭޒުތައް ނެގުމަށް އެޗްޑީސީން ވަނީ އަންގާފައެވެ. އެ އިއުލާނުގައި ވަނީ، ހުޅުމާލޭގެ ހެޖުތެރޭގައި ބިޔަވާ ޒާތުގެ ގަސްތައް އިންދާފައި ހުރުމުން މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެންބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ކުރިމަތިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ބުނެފައެވެ. އެ ގަސްތައް ނެގުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. https://sun.mv/195393 އެހެންވެ، އަންނަ ބުރާސްފަތީގެ ކުރިން ގޮނޑިތަކާއި މޭޒުތަކާއި ގަސްތައް ނުނަގައިފިނަމަ، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އެ މަސައްކަތުގެ ތެރެއިން މުދަލަށް ލިބިދާނެ ގެއްލުމަކަށް ޒިންމާއެއް ނުވާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަގުގެ ތެރޭގައި ވެސް ވަނީ ހުޅުމާލޭގެ ދުވާރުމަތީގައި ހުންނަ ގޮނޑިތައް ނެގުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކޮށްފައެވެ. އޭގެ ކުރިން، އެތައް ފަހަރު އެ ތަކެތި ނެގުމަށް އެޗްޑީސީން އެންގިއިރު، މަގުތަކުގެ ދުވާރުމަތީގައި ހިނގައި ބިނގައިވެ އުޅުމަށް ދަތިވާގޮތަށް ކޮފީ މޭޒުތައް ބަހައްޓާފައިވާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާޅުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ