ނަމާދަށް ފަރުވާކުޑަކުރެވުމާ ނަމާދުކުރާ މީހުން މަދުވުމަކީ ކުޑަކަމެއް ކަމުގަ ނުދެކޭށެވެ! އަންގައިދެނީ ހުޅަނގުފަރާތުން އިރުއެރުން ގާތްވަމުން އަންނަ ވަރެވެ!

ބަންގިއަށް ސަމާލުކަމެއް ނުދެވެއެވެ. އެކަމަކު ޤިޔާމަތްވުން ގާތްވެއްޖެކަމުގެ ވާހަކަ ދައްކާ އަޑުއިވޭއިރަށް ސިއްސައިގެންދެއެވެ. އެފަދަ މީހުންނަށް ޢަމަލުކުރެވޭ ގޮތް ދެކޮޅުޖައްސާނީ ކިހިނަކުން ހެއްޔެވެ؟ 
ޤިޔާމަތްވުން ކައިރިވެއްޖެ ކަމުގެ އެންމެ ޢާންމު ޢަލާމާތައް މިވަނީ ގިނަވެފައެވެ. އެއިގެ ތެރެއިންވެސް އެންމެ ޢާންމު އެއް ޢަލާމާތަކީ ނަމާދަށް ފަރުވާކުޑަކުރެވުމެވެ. ނަމާދަށް ފަރުވާ ކުޑަކުރުމުގައި 2 ބާވަތެއް ހިމެނެއެވެ. 
ފުރަތަމަ ބާވަތަކީ ނަމާދުކުރުމަށް ފަރުވާ ކުޑަކުރުމެވެ. ބަންގިއަށް ދޭންޖެހޭ ސަމާލުކަން ކުޑަވުމެވެ. އެމީހަކު ބޭނުން ވަގުތަކު ނަމާދުކުރުމާއި ކުރަން ބޭނުންވާ ނަމާދެއް ކުރަމުން ގެންދިއުމެވެ. ނަމާދު އަޅާފައި ތިބެން ބިރުނުގަތުމެވެ. 
ދެވަނަ ބާވަތަކީ ނަމާދުކުރިނަމަވެސް ނަމާދަށް ދޭންޖެހޭ ސަމާލުކަން ނުދީ ނަމާދުކުރަމުން ގެންދިއުމެވެ. ކަމަކަށް ކަމެއް ކުރާ އުޞޫލުން ނަމާދުކުރުމެވެ. އެއްވެސް ފަރުވާލެއް ނުބަހައްޓައި ނަމާދުކުރަމުން ގެންދިއުމެވެ. ޚުޝޫޢަތްތެރިކަން ނެތި ނަމާދުކުރަމުން ގެންދިއުމެވެ. 
ފަހުޒަމާން ގާތްވާވަރަކަށް މިފަދަ ގޮތްގޮތަށް ނަމާދާއިމެދު ޢަމަލުކުރާ މީހުން ގިނަވާނެއެވެ. އެއީ އެމީހުން މުސްލިމުންގެ ގޮތުގައި ތިބިނަމަވެސް ހިތުގައި އީމާންކަން ކުޑަވުމުންނެވެ. އާޚިރަތް ދުވަހަށް ބިރުވެތިކަން ކުޑަވުމުންނެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިކުޑަވުމުންނެވެ. ދުނިޔޭގެ އެދުންތަކަށް ދަހިވެތިކަން ބޮޑުވުމުންނެވެ. 
މީސްތަކުންނޭވެ! ބިރުވެތިވާންވީ މާދަމާގެ އިރު ހުޅަނގުފަރާތުން އަރައިފާނެތީއެއް ނޫނެވެ. ބިރުގަންނަންވީ ތިމާއަށް މާދަމާގެ އިރު ނުފެނިދާނެތީއެވެ. މިރޭ ވެސް މަރުވެދާނެތީއެވެ. ޤިޔާމަތްވުމަށް ބިރުވެތިވުމަކީ އެއީއެވެ.
 
- މަޢްލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ